07 ޖޫން 2021 - 06:06
އަމީތާބް ބައްޗަންއާ އެކު ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) ގެ ފިލްމެއް އަނެއްކާ ވެސް އަމީތާބަށް ހުށަަޅައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ގޮތުގައި އާރްޖީވީ ހުށަހެޅި ސްކްރިޕްޓް ކަމުދިޔަލެއް ބޮޑުކަމުން ވަގުތުން އަމީތާބް އެ ކުޅޭނެ ކަމަށް އެއްބަސްވެފައިވެ އެވެ. އެކަމަކު އަދި ފިލްމާ ގުޅޭ އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.
އާރްޖީވީގެ ފަސް ފިލްމެއްގައި އަމީތާބް މިހާތަނަށް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޭނާ ވަރަށް ނުފޫޒުގަދަ ސިޔާސީ މީހެއްގެ ރޯލު ކުޅުނު "ސަރުކާރު" ސީރީޒްގެ ތިން ފިލްމާއި "ނިޝަބްދް" އަދި "ރާމް ގޯޕާލް ވަރުމާ ކީ އާގް" ހިމެނެ އެވެ.
"ސަރުކާރު" ސީރީޒްގެ ތިން ފިލްމުގެ ތެރެއިން ތިން ބަޔަކީ އަމީތާބާއި ރާޖްޖީވީ އެންމެ ފަހުން އެކީގައި މަސައްކަތް ކުރި ފިލްމެވެ. އެ ފިލްމު ގެނެސްދިނީ 2017 ގަ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި އެ ދެ މީހުން އެކީގައި މަސައްކަތްކުރާ އާ ފިލްމުގެ މަސައްކަތް ފަށާނީ އަމީތާބް އަތުގައި މި ވަގުތު ހުރި ފިލްމުތަކުގެ ތެރެއިން ޝޫޓިން ފަށާފައި ހުރި ފިލްމުތަކުގެ މަސައްކަތް ނިންމައިލުމަށް ފަހު އެވެ. އެ ފިލްމުތަކަކީ އަޖޭ ދޭވްގަން ޑައިރެކްޓްކުރާ "މޭޑޭ" އާއި ވިކާސް ބާލް ޑައިރެކްޓްކުރާ "ގުޑްބާއި" އެވެ.
ފިލްމު ކުޅޭތާ 52 އަހަރުވެފައިވާ އަމީތާބް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ހަދަން ނިންމާފައިވާ "އޫޗާއީ" އާއި ދީޕިކާ ޕަދްކޯންގެ "ދި އިންޓާން" އާއި ޕްރަބާސްގެ ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި "އޫޗާއީ" ގެ ޝޫޓިން ފަށާނެ އެވެ.
ރިލީޒްވާން ހުރި އަމީތާބް، 78، ގެ ފިލްމުތަކުގެ ތެރޭގައި "ޗެހެރޭ" އާއި "ޖުންދު" އަދި "ބުރައްމަސްތުރާ" ހިމެނެ އެވެ.
އޭނާ މިހާރު އަންނަނީ ސޮނީ ޓީވީގެ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) ގެ 12 ވަނަ ސީޒަން ވެސް ހޯސްޓްކުރަން ތައްޔާރުވަމުންނެވެ.
"ރަންގީލާ" އާއި "ސަތިއާ" އާއި "ޖަންގަލް" އާއި "ބޫތު" އަދި "ކޮމްޕެނީ" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން އާރްޖީގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ބިރުވެރި ފިލްމު "12 އޮކްލޮކް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy