މުނިފޫހިފިލުވުން / މިއުޒިކް

ހިމޭޝްގެ ތިން ވަނަ އަލްބަމް ނެރެނީ

ބޮލީވުޑްގެ ފިލްމުތަކަށް މިއުޒިކް ހެދުމުގެ އިތުރަށް އަމިއްލަ އަލްބަމްތަކެއް ވެސް ނެރެފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމިއާ އާ އަލްބަމެއް ނެރެން ތައްޔާރުވެއްޖެ އެވެ.

ސޮނީ ޓީވީން ގެނެސްދޭ "އިންޑިއަން އައިޑޮލް" 12 ގެ ޖަޖްކަން ވެސް ކުރަމުން އަންނަ ފަންނާނުގެ އާ އަލްބަމްގެ ނަމަކީ "ސުރޫރު 2021" އެވެ. އަލްބަމްގެ ފަސްޓްލުކް ކަވަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. އަލްބަމަށް ނަން ދީފައި ވަނީ އޭނާގެ ފުރަތަމަ އަލްބަމް 2006 ގެ "އާޕް ކާ ސުރޫރު" އާ ގުޅުވައިގެންވެވެ.

ފަންސާސް ފަސް މިލިއަން ކޮޕީ ވިކުނު އެ އަލްބަމްގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ލަވަތަކެއް ވެސް ހިމަނައިގެން ހިމޭޝް 2007 ގައި "އާޕް ކާ ސުރޫރް" ކިޔާ ފިލްމެއް ވެސް ކުޅުނެވެ. އެއީ ހިމޭޝް ކުޅުނު ފުރަތަމަ ފިލްމެވެ.

އޭނާގެ ދެވަނަ އަލްބަމަކީ 2016 ގެ "އާޕް ސޭ މޯސިގީ" އެވެ.

އާ އަލްބަމްގެ ޕޯސްޓަރުގައި ފެންނަނީ ހިމޭޝްގެ ސިގްނޭޗާ އައިޓަމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އޭނާގެ ނަމުގެ ފެށޭ ދެ އަކުރު އަޅާފައިވާ ކަޅު ކުލައިގެ ތޮއްޕަކާ އެކު ޝޯއަކަށް ޖަމާވެފައި އޮތް ބޮޑު އޯޑިއަންސެކެވެ. ޕޯސްޓަރާ އެކު ހިމޭޝް ބުނީ މިއީ އޭނާގެ ތިން ވަނަ ސްޓޫޑިއޯ އަލްބަމް ކަމަށާއި އެ ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

"ސުރޫރް 2021" ނެރޭނީ ހިމޭޝްގެ އަމިއްލަ މިއުޒިލް ލޭބަލް ހިމޭޝް ރޭޝަމިއާ މެލޮޑީޒްގެ ތައްގަނޑުގަ އެވެ.

އޭނާ ބުނި ގޮތުގައި އަހަރުތަކެއް ފަހުން އަނެއްކާ ވެސް އަމިއްލަ އަލްބަމެއް ނެރެން ނިންމީ ހިތްހަމަޖެހޭ ވަރުގެ މިއުޒިކްތަކެއް ތައްޔާރުކުރެވެމުން ކަމަށެވެ.

"ވަރަށް ޔަގީންކަން އެބައޮތް މީގެ ލަވަތައް ވެސް ވަރަށް ކަމުދާނެ ކަމަށް. އަހަރެން އަބަދު ވެސް ލަވައެއް ދޫކޮށްލަނީ އަހަރެން އެންމެ ހިތްހަމަޖެހޭ ވަރުކޮށްފައި. އެގޮތުން އާ އަލްބަމްގެ ކޮންމެ ލަވަ އަކީ ވެސް އެތައް ދުވަހެއްގެ މަަސައްކަތް." ނޭފަތުން ލަވަކިޔާ ކަމަށް އަމިއްލަ އަށް ވެސް އެއްބަސްވެފައިވާ ހިމޭޝް ބުންޏެވެ.

ހިމޭޝް ފިލްމުތަކަށް މިއުޒިކް ހަދައިދޭން ފެށީ އޭނާއާ ވަރަށް ގާތް އެކުވެރިކަމެއް އޮންނަ އެކްޓަރު ސަލްމާން ޚާންގެ 1998 ގެ ފިލްމު "ޕިޔާރު ކިޔާ ތޯ ޑަރުނާ ކިޔާ" އާ އެކީގަ އެވެ. އޭގެ ފަހުން މިހާރު އެތައް ފިލްމަކަށް އެތައް ސަތޭކަ ލަވައެއް ހިމޭޝް ހަދާފައިވެ އެވެ.

މިއުޒިކް ހެދުމާއި ލަވަކިޔުމުގެ އިތުރުން ހިމޭޝް އަންނަނީ ފިލްމު ވެސް ކުޅެމުންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޖެނުއަރީގައި ރިލިޒްކުރި "ހެޕީ ހާޑީ އެންޑް ހީރު" އެވެ. ހިމޭޝް ކުޅުނު އިތުރު ފިލްމުތަކުހެ ތެރޭގައި ތެރާ ސުރޫރު (2016)، ދި އެކްސްޕޯސް (2014)، ކިލާޅީ 786 (2012)، ކަޖްރާރޭ (2010) އަދި ކަރުޒް (2008) ހިމެނެ އެވެ.

ހިމޭޝްގެ އަންހެނުންނަކީ ޓީވީ ބަތަލާ ސޯނިއާ ކަޕޫރެވެ. ދަރިއަކު ވެސް ހުއްޓައި އަލަތު ކައިވެނި 2017 ގައި ރޫޅާލައި ސޯނިއާ ހިމޭޝް ކައިވެނިކުރީ 2018 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454