ތާރާ.
15 ޖޫން 2021 - 05:31
ބޮލީވުޑަށް އަލަަށް ނުކުތް ޒުވާން ބަތަލާއިންނަށް ބަލާއިރު މިހާރު ގިނަ ބަޔަކު އެންމެ އުންމީދީކޮށް ދެކޭ އެކަކީ ތާރާ ސުތާރިއާ އެވެ. އުމުރުން 25 އަހަރުގެ މި ބަަތަލާ އަށް ބޮލީވުޑަށް ނުކުންނަށް ވެސް ފުރުސަތު ލިބުނީ އާ ފަންނާނަކަކަށް މަދުން ނޫނީ ނުލިބޭނެ ކަހަކަ ހުވަފެނީ ބޮޑު ޕްރޮޖެކްޓަކުންނެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.
ޓައިގާ ޝްރޮފް ބަތަލުގެ ރޯލު ކުޅުނު އެ ފިލްމަކީ މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭ ވެސް ބޮލީވުޑަށް ތައާރަފުވި ފިލްމެވެ.
"ސްޓޫޑަންޓް އޮފް ދި އިޔާ 2" ގައި ވަރަށް ޒަމާނީ ސްޓައިލިޝް ކޮލެޖް ދަރިވަރެއްގެ ރޯލު ކުޅެގެން އާންމުންގެ ސަމާލުކަން ހޯދި ތާރާގެ ދެވަނަ ފިލްމަކީ އެހާ ގްލެމަރަސް ނޫން ރޯލެއް ކުޅުނު 2019 ގެ "މަރުވާޖާ'" އެވެ. ސިދާތު މަލްއުތުރާ ބަތަލުގެ ރޯލު ކުޅުނު އެ ފިލްމުގައި ތާރާ ކުޅުނީ މަންމަނު މީހެއްގެ ރޯލެވެ.
ފިލްމު ކުޅެން ފެށިތާ އަދި ދޮޅު އަހަރެއްހާ ދުވަސްވީ ބަތަލާގެ އަތުގައި މި ވަގުތު ވެސް ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ނެރޭ ފިލްމު "ތަޅަޕް" އެވެ. އެއީ ސެޕްޓެމްބަރު 24 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
ފިލްމީ ދާއިރާގެ މީހަކާ އާއިލީ ގޮތުން އެއްވެސް ވަރަކަށް ގުޅުމެއް ނެތި ކުރިއަރަމުން އަންނަ އުންމީދީ ރީތި ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު މޯހިތުގެ ސޫރީގެ ތުރިލާ "އޭކް ވިލަން ރިޓާންސް" ހިމެނެ އެވެ. އެ ފިލްމުގެ ކާސްޓްގައި ޖޯން އަބްރަހަމާއި އަރުޖުން ކަޕޫރްގެ އިތުރުން ޑިޝާ ޕަޓާނީ ވެސް ހިމެނެ އެވެ.
"ތަޅަޕް" ގެ އިތުރުން މި އަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ ތާރާގެ އަނެއް ފިލްމަކީ ޓައިގާއާ އެކު ކުޅޭ "ހީރޯޕަންތީ 2" އެވެ. އެ ފިލްމު ސިނަމާތަކަށް ގެންނަން އޮތީ ޑިސެމްބަރު 3 ގަ އެވެ.
ތާރާ އަކީ ހަމައެކަނި ބަތަލާއެއް ވެސް ނޫނެވެ. އޭނާ އަކީ ހުނަރުވެރި ލަވަކިޔުންތެރިއެކެވެ. އެގޮތުން "ތަޅަޕް" އާއި "އޭކް ވިލަން ރިޓާންސް" އިން އޭނާ ކިޔާފައިވާ ލަވަތަކެއް އިވިގެން ދާނެ އެވެ.
މުމްބާއީ އަށް އުފަން ތާރާ އަކީ އޭނާގެ މަބައިންބަފައިންނަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެކެވެ. ތާރާގެ ޓްވިންސް އަކީ ޕިއާ ސުތާރިއާ އެވެ.
މަދުން ނޫނީ ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތި ކުރިއަށްދާން ފުރުސަތު ލިބުން ހަނި ބޮލީވުޑްގައި ތާރާގެ ތަރި ފިޔަޖަހަން ފަށާފައިވާ އިރު، އޭނާ ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅެނީ ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އާއިލާ ކަޕޫރް ހާންދާންގެ މެމްބަރަކާ އެވެ. އެއީ ރާޖް ކަޕޫރްގެ ކާފަދަރިއެއް ކަމަށްވާ އެކްޓަރު އާދާރު ޖެއިންނެވެ.
މި ދެ ތަރިންގެ ކައިވެނީގެ ވާހަކަ ވެސް މި ދޭތެރެއިން ފެންމަތިވެފައިވާ އިރު، މިދިޔަ އަހަރު އެކީގައި ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އެވެ.
އިނގިރޭސިވިލާތުގެ އެންޑްރޫސް ކޮލެޖް އޮފް އާޓްސް، ސައިންސް އެންޑް ކޮމާސް އިން މާސް މީޑިއާ އިން ބެޗްލާޒް ޑިގްރީ ހާސިލުކޮށްފައިވާ ތާރާ އަކީ އިނގިރޭސިވިލާތުގެ ރޯޔަލް އެކެމެޑީ އޮފް ޑާންސް އިން ތަމްރީނުވެފައިވާ ނެށުންތެރިއެއް ވެސް މެ އެވެ. އޭގެ ތެރޭގައި ކްލަސިކަލް ބެލޭ އަދި ވެސްޓަން ޑާންސް ހިމެނެ އެވެ.
ބޮލީވުޑަށް ނުކުތުމުގެ ކުރިން ތާރާގެ ފުރާވަރު ދުވަސްވަރު އެކިއެކި ޓީވީ ޝޯތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ބިގް ބަޅާ ބޫމް"، "އެންޓަޓައިންމަންޓް ކޭ ލިޔޭ ކުޗް ބީ ކަރޭގާ"، "ބެސްޓް އޮފް ލަކް، ނިކީ" އަދި "ޝޭކިޓް އަޕް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy