މުނިފޫހިފިލުވުން / އެކްޓްކުރުން

ސިދާންތު: ބޮލީވުޑުން އާ ތަރިއެއް

ސިދާންތު.

މި ފަހުން ބޮލީވުޑަށް ނުކުތް ޒުވާން އެކްޓަރުންގެ ތެރެއިން މި ވަގުތު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެކަކީ ސިދާންތު ޗަތުރަވެދީ އެވެ. ޑައިރެކްޓަ ޒޯޔާ އަޚްތަރު 2019 ގައި ގެނެސްދިން "ގަލީ ބޯއި" ކުޅުނު ރެޕާއެއްގެ ރޯލުން ސިދާންތު ވަނީ އޭނާގެ ހުނަރުވެރިކަމާއި ގާބިލުކަން ދައްކައި ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދައިފަ އެވެ.

މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ބަތަލުގެ ރޯލު ކުޅުނު އެ ފިލްމަކީ ރަންވީރަށް ވުރެ މާ ބޮޑަށް ސުޝާންތުގެ ކެރެކްޓާ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ރޯލެކެވެ. "ގަލީ ބޯއި" އާ ސިދާންތު ގުޅުވާއިރު، އެންމެ ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ އޭނާގެ އެކްޓިން ފުރަތަމަ ފެނުނީ އިންޑިއާ އިން އޮސްކާ އެވޯޑަށް ވެސް ފޮނުވި ފިލްމަކަށްވުމެވެ.

"ގަލީ ބޯއި" އަކީ 28 އަހަރުގެ އެކްޓަރުގެ އަލަތު ފީޗާ ފިލްމު ނަމަވެސް އެއީ ސިދާންތުގެ އެކްޓިން ކެރިއަރުގެ ފެށުމެއް ނޫނެވެ. އޭނާގެ ހުނަރު ފުރަތަމަ ފެނުނީ ޒީ5 ގެ 2016 ގެ "ލައިފް ސަހީ ހޭ" އިންނެވެ.

"ގަލީ ބޯއި" ވެސް ގެނެސްދިން ޕްރޮޑަކްޝަން ހައުސް، އެކްސެލް އެންޓަޓައިންމަންޓުން 2017 ގެ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "އިންސައިޑް އެޖް" އަކީ ވެސް ސިދާންތުގެ ހުނަރު ފެނިގެން ދިޔަ އެއްޗެކެވެ. ކްރިކެޓަށް ބިނާކޮށް ގެނެސްދިން ސީރީޒްގައި އޭނާ ކުޅުނީ ފުރާވަރު އުމުރުގެ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލެވެ.

ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ ސިދާންތަކީ މިހާރު ބޮލީވުޑްގެ އެންމެ ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކާއި އެންމެ ނުފޫޒު ގަދަ ޕްރޮޑިއުސަރުން/ޑައިރެކްޓަރުންގެ ލޯ އެންމެ ބޮޑަށް އަމާޒުވެފައިވާ އެކެކެވެ. އޭގެ ހެއްކަކީ މިހާރު ވެސް އޭނާގެ އަތުގައި ބޮލީވުޑްގެ އެންމެ ކާމިޔާބު ދެ ސްޓޫޑިއޯއެއްގެ ފިލްމުތަކެއް ހުރުމެވެ.

އޭގެ ތެރެއިން އެއް ފިލްމަކި އަދިތިޔާ ޗޯޕްރާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" އެވެ. އެ ފިލްމުގައި ސިދާންތު ފެންނާނީ ސައިފް އަލީ ޚާނާއި ރާނީ މުކަރްޖީ ފަދަ މަޝްހޫރު ތަރިންނާ އެކީގަ އެވެ. އޭނާގެ އަރތުގައި އޮތް އަނެއް ބޮޑު ޕްރޮޖެކްޓަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ ނަން އިއުލާންނުކުރާ ތުރިލާއެކެވެ. ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ފިލްމުން ސިދާންތު ފެންނާނީ ދީޕިކާ ޕަދްކޯނާއި އަނަންޔާ ޕާންޑޭއާ އެކީގަ އެވެ.

ބޮލީވުޑްގެ ކުރިމަގާ ގުޅިފައިވާ ތަރިއެއްގެ ގޮތުގައި މިހާރު ސިފަކުރާ ހުނަރުވެރި އެކްޓަރަކީ އާދައިގެ ފަންނާނެއް ނޫނެވެ. ކެރިއަރުގެ މިހާ ކުރީކޮޅު ދީޕިކާ ޕަދްކޯނާއި ކެޓްރީނާ ކައިފް ފަދަ މަޝްހޫރު ބަތަލާއިންނާ އެކު މަސައްކަތްކުރަން ލިބުމަކީ ހަގީގަތުގައި ވެސް ސިދާންތަށް ލިބުނު ކާމުޔާބިއެކެވެ. ކުރިއެރުމެކެވެ.

ކެޓްރީނާއާ އެކު އޭނާ ފެންނާނެ ފިލްމަކީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޚައްތަރު ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ހޮރޯ-ކޮމެޑީ "ފޯންބޫތު" އިންނެވެ. އެ ފިލްމަކީ "ގަލީ ބޯއި" ގެނެސްދިން އެކްސެލްގެ ފިލްމެކެވެ. އަދި ހަމަ އެ ސްޓޫޑިއޯގެ "ޔުދުރާ" އަކީ ވެސް ސިދާންތު މަސައްކަތް ފަށަން އޮތް ވަރުގަދަ ބޮޑު ފިލްމެކެވެ.

ގިނަ ހުށަހެޅުންތައް މިހާރު އޮހެމުން އަންނަ އެކްޓަރަކީ ލަވަ ވެސް ކިޔާ ފަންނާނެކެވެ. މިދިޔަ އަހަރު ސިދާންތު އަމިއްލަ ސިންގަލްއެއް ނެރުނެވެ. އޭނާ އަކީ ގިޓާ ކުޅެން ވެސް ވަރަށް ހުނަރުވެރި ފަންނާނެކެވެ.

"ގަލީ ބޯއި" ކުޅެގެން ސިދާންތަކީ ގިނަ އެވޯޑްތަކެއް ވެސް ހޯދި ތަރިއެކެވެ. އޭގެ ތެރޭގައި މޮޅު އާ ބަތަލުގެ ޒީ ސިނެ އެވޯޑާއި ސްކްރީން އެވޯޑާއި ދާދާ ސާހެބް ޕާލްކޭ އެވޯޑްގެ އިތުރުން އެންމެ މޮޅު ސަޕޯޓިން ބަތަލުގެ ފިލްމުފެއާ އެވޯޑް ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454