މުނިފޫހިފިލުވުން / އެކްޓްކުރުން

ޑިމާންޑް ބޮޑު ލިސްޓުން ކިއާރާ

ކިއާރާ.

ބޮލީވުޑްގެ ޒުވާން ބަތަލާއިންގެ ތެރެއިން ކިއާރާ އަދުވާނީ އަކީ މިހާރު އެންމެ ޑިމާންޑް ބޮޑު އެކަކެވެ. އޭނާގެ ފުރަތަމަ ފިލްމަކީ އަކްޝޭ ކުމާރު ޕްރޮޑިއުސްކޮށް 2014 ގައި ގެނެސްދިން "ފަގްލީ" އެވެ. އެކަމަކު އެއީ މާ ހިނގި ފިލްމެއް ނޫނެވެ. އެހެންވެ "ފަގްލީ" އަކުން ކިއާރާ އަށް ލިބުނު މާ ބޮޑު ކުރިއެރުމެއް ނެތެވެ.

ކިއާރާގެ ދެވަނަ ފިލްމަކީ ފުރަތަމަ ފިލްމު ގެނެސްދިންތާ ދެ އަހަރު ފަހުން ރިލީޒްކުރި "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އެވެ. މިއީ އިންޑިއާގެ ކްރިކެޓް ތަރި އެމްއެސް ދޯނީގެ ބައޮގްރަފިކަލް ޑްރާމާ އެވެ. މީގެ އަހަރެއް ކުރިން މަރުވި ސުޝާންތު ސިންގް ރާޖްޕޫތު، ލީޑް ރޯލު ކުޅުނު ފިލްމުގައި ކިއާރާ ކުޅުނީ ވަރަށް ކުރު ސަޕޯޓިން ރޯލެކެވެ.

ކިއާރާގެ ވިދުން މި ފަހުން ގަދަވާން ފެށީ އޭނާ ކުރިއަރުވަން ކަރަން ޖޯހަރް ފެށި މަސައްކަތްތަކާ އެކީގަ އެވެ. އޭނާ ޑައިރެކްޓްކުރި ސެގްމަންޓެއް ހިމެނޭ ނެޓްފްލިކްސްގެ 2018 ގެ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" ގައި ކިއާރާ ކުޅުނު ޖެހިލުން ކުޑަ ރޯލަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ރޯލެކެވެ.

"ލަސްޓް ސްޓޯރީޒް" ގެ ކުރިން ކިއާރާ ވަނި އައްބާސް-މަސްތާންގެ 2017 ގެ "މެޝިން" ގައި ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު އެއީ ވެސް އެހާ ހިނގި ފިލްމެއް ނޫނެވެ.

"ލަސްޓް ސްޓޯރީޒް" އަށް ފަހު ކިއާރާ ވެފައި ވަނީ ކަރަންގެ އެންމެ ފެވަރިޓް އެއް ބަތަލާއަށެވެ. ނަތީޖާ އަކީ އޭނާގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ގިނަ އުފެއްދުންތަކުން 28 އަހަރުގެ ބަތަލާ އަށް ފުރުސަތު ލިބެން ފެށުމެވެ. ދަރުމާގެ 2019 ގެ ފިލްމު "ކަލަންކް" ގެ ކުޑަ ރޯލަކަށް ފަހު، ކިއާރާ ދެން ފެނުނީ އެ ސްޓޫޑިއޯގެ އެ އަހަރުގެ "ގުޑް ނިއުސް" އިންނެވެ. ބޮޑު ކާމިޔާބީއެއް ހޯދި އެ ފިލްމަކީ ކަރީނާ ކަޕޫރާއި އަކްޝޭ ވެސް ކާސްޓްގައި ހިމެނުނު ފިލްމެކެވެ. އަދި މިދިޔަ އަހަރު ކަރަން އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން "ގިލްޓީ" އަކީ ވެސް ކިއާރާގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ ފިލްމެކެވެ.

ކިއާރާގެ އަތުގައި މިހާރު ވެސް ދަރުމާގެ ތިން ފިލްމެއް އެބައޮތެވެ. އެއީ ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ސިދާތު މަލްއުތުރާއާ އެކު ކުޅެފައިވާ "ޝޭރްޝޭހް" ގެ އިތުރުން ޝޫޓިން ފަށާފައިވާ ވަރުން ދަވަންގެ "ޖުގް ޖުގް ޖިއޯ" އާއި ވިކީގެ "މިސްޓަ ލޭލޭ" އެވެ.

ގިނަ ޕްރޮޑަކްޝަން ހައުސްތަކުން ކިއާރާ އަށް މިހާރު ހުށަހެޅުންތައް އޮހެމުން އަންނަ އިރު އޭނާގެ އެންމެ ކާމިޔާބު ފިލްމަކީ ޝާހިދު ކަޕޫރާ އެކު 2019 ގައި ފެނިގެން ދިޔަ "ކަބީރް ސިންގް" އެވެ. މި ފަހުން އުންމީދީ ބަތަލާ ފެނިގެން ދިޔަ އިތުރު ފިލްމުތަކުގެ ތެރޭގައި އަކްޝޭގެ "ލަކްޝްމީ" އާއި "އިންދޫ ކީ ޖަވާނީ" ހިމެނެ އެވެ.

އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2" އާއި ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ ޕްރޮޑިއުސްކުރާ "ކައްރަމް ކުއްރަމް" ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ތަމަޅަ ޑައިރެކްޓަރު ޝަންކަރް، ރަންވީރު ސިންގްއާ އެކު ހަދާ ފިލްމުގެ ބަތަލާ އަކީ ވެސް ކިއާރާ އެވެ.

ހިންދީ ފިލްމުގެ އިތުރުން ކިއާރާ އަކީ އިންޑިއާގެ ދެކުނުގެ ފިލްމުތަކުން ވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާ ބަތަލާއެކެވެ. އެގޮތުން މިހާތަނަށް ދެ ތެލެގޫ ފިލްމު ކުޅެފައިވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454