ޒައިދު.
06 ޖުލައި 2021 - 07:39
ޒައިދު ޚާނަކީ ބޮލީވުޑަށް ނުކުތްތާ މާ ގިނަ ދުވަހެއް ނުވެ ގެއްލުނު އެކްޓަރެކެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅެފައި ހުރި ފިލްމުތަކަށް ބަލާ އިރު، މާ މަޝްހޫރު ފިލްމުތަކެއް ވެސް ނެތެވެ. ޒައިދުގެ ފިލްމަކަށް ބެލުންތެރިން އެންމެ ހަނދާން ހުންނާނީ ޝާހްރުކް ޚާންގެ 2004 ގެ "މޭ ހޫ ނާ" އެވެ.
ކޮރިއޮގްރާފަރު ފަރާ ޚާން ޑައިރެކްޝަނަށް ނުކުތް އެ ފިލްމަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އޭގެ ކާސްޓްގައި ސުޝްމިތާ ސެން އާއި އަމްރިތާ ރާއޯ އަދި ސުނިލް ޝެޓީ ވެސް ހިމެނެ އެވެ. ޒައިދަކީ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒާން ޚާންގެ ކޮއްކޮ އެވެ. އޭނާ އަކީ އާއިލާ އަކީ ފިލްމީ އާއިލާއެކެވެ. އެގޮތުން ބައްޕަ ސަންޖޭ ޚާނަކީ ކުރީގެ މަޝްހޫރު އެކްޓަރެކެވެ.
މިދިޔަ އަހަރު ސަންޖޭ ދީފައިވާ އިންޓަވިއުއެއްގައި އޭނާ ހަދާ ފިލްމަކުން ޒައިދު އަލުން އެކްޓިން އަށް ނެރެން އުޅޭ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ ޒައިދު މިހާރު ތައްޔާރުވަނީ ބޮޑު ބަދަލަކަށެވެ. އެންމެ ބޮޑު ތަފާތަކަށް ވާނީ ހަށިގަނޑަށް އޭނާ ގެންނަ ބަދަލެވެ. މި ދަތުރު މިހާރު ކުރިއަށްދާ އިރު އިންސްޓަގްރާމްގައި ވަނީ ހަށިގަނޑު ބަދަލުކޮށްލަން ކުރާ މަސައްކަތުގެ ވާހަކަ ވެސް ކިޔައިދީފަ އެވެ. ކުރިން ޒައިދަކީ ހިކިކޮށް އެކަމަކު ވެސް ފިޓްކޮށް ހުރި އެކްޓަރެކެވެ.
އޭނާގެ އިންސްޓަގްރާމް ޕޯސްޓް ނިންމައިލީ ބަދަލަކަށް ކުރާ މަސައްކަތަށް ރިތިކްގެ ފަރާތުން ލިބެމުން އަންނަ ހިތްވަރަށް ޝުކުރު އަދާކުރަމުންނެވެ.
ދެހާސް ފަހެއްގައި ކައިވެނިކޮށް މިހާރު ދެ ދަރިން ވެސް ތިބި 41 އަހަރުގެ ޒައިދު ބޮލީވުޑަށް ނުކުތީ 2003 ގެ "ޗުރާ ލިޔާ ހެ ތުމް ނޭ" އިންނެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޝަބްދު"، "ދަސް"، "ޔުވްރާޖް"، "އަންޖާނާ އަންޖާނީ" އަދި "ބްލޫ" ހިމެނެ އެވެ.
ޒައިދު އެންމެ ފަހުގެ ފިލްމަކީ 2015 ގެ "ޝަރަފަތު ކޭ ލިޔޭ ތޭލް ލޭނޭ" އެވެ. ފަހުން ކުޅޭނެ ފިލްމެއް ނުލިބި ބޮޑު ސްކްރީން ގެއްލިފައި ވަނިކޮށް ސޮނީ ޓީވީން 2017-2018 އަށް ގެނެސްދިން ސިލްސިލާ "ހާސިލު" ގައި ޒައިދު މަސައްކަތްކޮށްފައިވެ އެވެ.
ޒައިދާ އެކު ބައްޕަ ސަންޖޭ ފިލްމެއް ހަދަން ނިންމި ވާހަކަ ބުންޏަސް އެކަމާ ބެހޭ އެއްވެސް ވާހަކައެއް ފަހަކުން ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy