އަދިތިޔާ.
14 ޖުލައި 2021 - 07:21
ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ މުމްބާއީގެ ގޭންގްސްޓާރުންނަށް ބިނާކޮށް ގެނެސްދޭ "ޝޫޓްއައުޓް" ސީރީޒްގެ ތިން ވަނަ ފިލްމުގެ ލީޑް އެކްޓަރުގެ ރޯލު އަދިތިޔާ ރޯއި ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މިދިޔަ އަހަރު ރިލީޒްކުރި "މަލަންގް" ގައި ކުޅުނު ވަރުގަދަ އެކްޝަން ކެރެކްޓާ އަށް ފަހު، އެކްޝަން ފިލްމުތަކަށް އަދިތިޔާ ގެންނަން ޑައިރެކްޓަރުން ވަރަށް ބޭނުންވެ އެވެ. އެހެންވެ އެގޮތުގެ މަތިން "ޝޫޓްއައުޓް 3" އޭނާ އަށް ހުށަހެޅީ ކަމަށް ބުންޏެވެ. "މަލަންގް" އަކީ އަދިތިޔާގެ ހަށިގަނޑަށް ވެސް ވަރަށް ބޮޑު ބަދަލެއް ގެނައި ފިލްމެކެވެ.
"އާޝިގީ 2" އާއި "އޯކޭ ޖާނޫ" އަދި "ކަލަންކް" ފަދަ ލޯބީގެ ފިލްމުތައް ކުޅުނު އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން "އޯމް: ދެ ބެޓްލް ވިތިން" އަކީ ވެސް އަދިތިޔާގެ ވަރަށް ތަފާތު އެކްޝަން ކެރެކްޓާއެއް ފެންނާނެ ފިލްމެކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ޝޫޓްއައުޓް" ގެ ތިން ވަނަ ފިލްމުގެ ނަމަކީ "ޝޫޓްއައުޓް: ގޭންގް ވޯސް އޮފް ބޮމްބޭ" އެވެ. އަދި މީގެ މައިގަނޑު ޕްލޮޓަކީ މަޝްހޫރު ދެ ގޭންގްސްޓާރުން ކަމަށްވާ ދާއޫދު އިބްރާހީމާއި އަރުން ގޯލީގެ ގޭންގްތަކުގެ މެދުގައި 1992 ގައި ޖޭޖޭ ހޮސްޕިޓަލްގައި ހިނގި ހާދިސާ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި ގުޕްތާ ފިލްމުގެ ސްކްރީންޕްލޭގެ ފައިނަލް ޑްރާފްޓް ނިންމުމުގެ މަސައްކަތްކުރަމުން އަންނަ އިރު، އެ ޕްރޮޑިއުސްކުރާނީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި އެކްތާ ކަޕޫރްގެ ބާލާޖީންނެވެ.
"ޝޫޓްއައުޓް" ގެ ފިލްމުތައް ގެނެސްދެނީ ބޮޑު ކާސްޓަކާ އެކީ ކަމަށްވާތީީ ތިން ވަނަ ބައިން އަދިތިޔާއާ އެކު ވެސް ބޮޑު ކާސްޓެއް ފެންނާނެ އެވެ.
މީގެ ފުރަތަމަ ދެ ފިލްމަކީ 2007 ގެ "ޝޫޓްއައުޓް އެޓް ލޯކަންދުވާލާ" އާއި 2013 ގެ "ޝޫޓްއައުޓް އެޓް ވަޑާލާ" އެވެ.
ގުޕްތާ އެންމެ ފަހުން ގެނެސްދިނީ ވެސް ގޭންގްސްޓާރުންގެ ވާހަކަތަކެއް ކިޔައިދިން ފިލްމެކެވެ. އެއީ މާޗްގައި ރިލީޒްކުރި "މުމްބާއީ ސާގާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy