މުނިފޫހިފިލުވުން / ބޮލީވުޑް ފިލްމު

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ޝޭރުޝާހް" އަންނަ މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި ފިލްމުގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ވިޝްނޫވަރުދާންގެ މި ފިލްމުގައި ކިޔައިދެނީ ކަރްގިލްގެ ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ވާހަކަ އެވެ. އެގޮތުން އޭނާގެ ޑަބަލް ރޯލެއް ފިލްމު ކުޅެފައި ވަނީ ސިދާތު މަލްއުތުރާ އެވެ. "ޝޭރްޝާހް" ގެ ބަތަލާ އަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައިވާ ކިއާރާ އަދުވާނީ އެވެ.

މި ފިލްމަކީ ދެ ތަރިން އެކީގައި ފެންނާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.

"ޝޭރްޝާހް" ގެ ކާސްޓުންގެ ތެރޭގައި ޝިވް ޕަންޑިތު، ނިތިކިން ދީރް، ސާހިލް ވައިދު، ރާޖް އަރުޖުން އަދި ޕަވަން ޗޯޕްޅާ ހިމެނެ އެވެ.

މި ފިލްމަކީ ކަރަންގެ ދަރުމާ އިން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ ނެޓްފްލިކްސް އިން އެޕްރީލް މަހު ޕްރީމިއާކުރި އެންތޮލޮޖީ ފިލްމު "އަޖީބު ދާސްތާންސް" އެވެ.

ތާޕްސީގެ ފުރަތަމަ ޕްރޮޑަކްޝަނަކީ "ބްލާ"

އަމިއްލަ ފިލްމު ކުންފުންޏެއް އައުޑްސައިޑާޒް ފިލްމްސްގެ ނަމުގައި އުފައްދައި ބުރާސްފަތި ދުވަހު އެކަން އިއުލާންކުރި ބަތަލާ ތާޕްސީ ޕައްނޫ ޕްރޮޑިއުސްކޮށްކޮ،ށް ކުޅޭ ފުރަތަމަ ފިލްމަކީ "ބްލާ" ކަމަށް ބުނެ އޭގެ ސްޓިލް/މޯޝަން ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

މި ތުރިލާ އަކީ "ސެކްޝަން 375" އާއި "ބީއޭ ޕާސް" ގެނެސްދިން ޑައިރެކްޓަރު އަޖޭ ބާލް ހަދާ އެއްޗެކެވެ. "ބްލާ" ބަތަލާގެ ރޯލު ތާޕްސީ ކުޅޭ އިރު، މި ޕްރޮޑިއުސްކުރުމުގައި އައުޓްސައިޑާޒްއާ އެކު ހިއްސާވާ ސްޓޫޑިއޯތަކުގެ ތެރޭގައި ޒީ ސްޓޫޑިއޯސް އަދި އެކެލޯން ޕްރޮޑަކްޝަންސް ހިމެނެ އެވެ.

ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމަކޮށްފައި ނުވާ އިރު، ބެލުންތެރިންނަށް އެ ގެނެސްދޭނީ އަންނަ އަހަރު އެވެ.

ރާޖަމޯލީގެ "ޗަތުރަޕަތީ" ގެ ހިންދީ ރިމެކެއް

"ބާހްބަލީ" ކުޅުނު އެކްޓަރު ޕްރަބާސްއާ އެކު އެ ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ މީގެ 16 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ތެލެގޫ ފިލްމު "ޗަރުޕަތީ" ގެ ހިންދީ ރިމޭކުން ތެލެގޫ އެކްޓަރު ބީ ސައީ ސްރީނިވާސަން، 28، ބޮލީވުޑަށް ނުކުންނަން ނިންމައިފި އެވެ.

ހުކުރު ދުވަހު ހައިދަރުއާބާދުގައި ޝޫޓިން ވެސް ފެށި ފިލްމު ޑައިރެކްޓްކުރަނީ "ކިލާޅީ ނަމްބާ 150" އާއި "އާހިލް" އަދި "އިންޓެލިޖެންޓް" ފަދަ ފިލްމުތައް ހަދާފައިވާ ވީވީ ވިނާޔަކް އެވެ.

އެކްޝަން ފިލްމެއްގެ ގޮތުގައި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި "ޗަތުރަޕަތީ" ގެ ހިންދީ ރިމޭކް ޕްރޮޑިއުސްކުރަނީ ޖަޔަންތި ގާޅާގެ ޕެން ސްޓޫޑިއޯސްއިންނެވެ.

އަޔޫޝްމަންގެ "ޑޮކްޓަރު ޖީ" ގެ ޝޫޓިން ފަށައިފި

އަޔޫޝްމަން ކްރާނާ ސޮއިކޮށްފައި އޮތް ފިލްމު "ޑޮކްޓަރު ޖީ" ގެ ޝޫޓިން ފަށައިފި އެވެ.

ޖަންގްލީ ޕިކްޗާޒް އިން ޕްރޮޑިއުސްކޮށް، އަނޫބްތީ ކޭޝަޕް ޑައިރެޓްކުރާ ފިލްމުގައި އަޔޫޝްމަން ކުޅެނީ ޑރ. އުދޭ ގުޕްތާ ކިޔާ ކެރެކްޓާއެކެވެ. ފިލްމުގެ ޝޫޓިން ފެށި ވާހަކަ އިންސްޓަގްރާމްގައި ޕޯސްޓްކޮށް އޭނާ ބުނީ "ޑޮކްޓަރު ޖީ" ގެ ސްކްރިޕްޓަކީ މިހާތަނަށް ކިއި އެންމެ މޮޅު އެއް ސްކްރިޕްޓް ކަމަށެވެ.

އަންނަ އަހަރު ގެނެސްދޭނެ މި ފިލްމުގެ ބަތަލާ އަކީ އަޔޫޝްމަނާ އެކު އަލަށް މަސައްކަތްކުރާ ރަކުލް ޕްރީތު ސިންގް އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޝެފާލީ ޝާހް، ސުމިތު ސަކްސޭނާ، ޝީބާ ޗައްޑާ އަދި ސޯރަބް ބާރަތު ހިމެނެ އެވެ.

އަޔޫޝްމަންގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ޗަންދީގަޅް ކަރޭ އާޝީގީ" އާއި "އަނޭކް" ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454