އަރޫނާ އިރާނީ.
18 ސެޕްޓެމްބަރ 2021 - 07:22
ފިލްމީ ދާއިރާގައި އެކަށީގެންވާ ވަރަށް މަސައްކަތްކުރެވިއްޖެ ކަމަށް އާއިލާ އިން ބުނެ، މަސައްކަތް ހުއްޓާލައި ދެން އަރާމުކުރަން އާއިލާ އިން ޕްރެޝަރުކުރަމުން އަންނަ ކަމަށް އިންޑިއާގެ މަޝްހޫރު ބަތަލާ އަރޫނާ އިރާނީ ބުނެފި އެވެ.
މިހާތަނަށް 500 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ 75 އަހަރުގެ ބަތަލާ އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އާއިލާ އިން އޭނާ މަސައްކަތްތަކާ ދުރުވެ ދެން އާއިލާ އެކީ ހޭދަކުރަން ބުނަނީ ހެޔޮއެދޭތީ ކަމަށެވެ. މިހާރު އުމުރުގެ ގޮތުން އަމިއްލަ އަށް ވެސް ގަބޫލުކުރެވޭ ގޮތަކީ އެއީ ކަމަށް ބުންޏެވެ.
ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި އެކްޓިން އަށް ނުކުތް އަރޫނާ ބުނި ގޮތުގައި މިހާރު ކޮވިޑް-19 ގެ ނުރައްކާ ވެސް ވަރަށް ބޮޑަށް އޮތުމާ އެކު އޭނާ ކަހަލަ އުމުރުން ދުވަސްވީ މީހުން ބޭރުތެރެ އަށް ނުކުމެ މަސައްކަތްކުރުމަކީ ރައްކާތެރި ކަމެއް ވެސް ނޫން ކަމަށެވެ.
"އާއިލާ އިން ވަރަށް ޕްރެޝަރުކުރޭ ދެން އަހަރެން މަސައްކަތްނުކޮށް އަރާމުކުރަން. އާއިލާ އިން ދެކެނީ އަހަންނަށް ވާ ވަރަށް މިހާރު ފިލްމީ ދާއިރާގައ މަސައްކަތްކުރެވިއްޖެ ކަމަށް. އެކަމަކު މިހާރު ވެސް އޮފާތައް އަންނާތީ ބޭނުންވާ އެއްޗަކަށް ސޮއިކުރަން ވެސް،" އަރޫނާ ބުންޏެވެ. "މަސައްކަތެއް ނެތި ގޭގައި އިންނަން ޖެހުމަކީ ވަރަށް ފޫހިވާ ކަމެއް. އެކަމަކު އަބަދު ވެސް އާއިލާ އަހަންނާ އެކުވޭ. އެންމެން ވެސް އަހަރެން ދެކެ އެހާ ލޯބިވޭ، އެހާ ހެޔޮ."
އޭނާ ބުނި ގޮތުގައި އެކްޓިންއާ ދުރުވާން އާއިލާގެ ޕްރެޝަރު އޮތުމާ އެކު މި އަހަރުގެ ތެރޭގައި އެއްވެސް އެއްޗަކަށް ސޮއެއް ނުކުރާނެ އެވެ. އަރޫނާ ބުނީ އުންމީދަކީ ކުރިން މަސައްކަތްކުރި ކަހަލަ ރައްކާތެރި މާހައުލެއް އަލުން ތަނަވްސްވެ، ކޮވިޑްގެ ބިރުވެރިކަން ނެތް ދުނިޔެއެކެވެ.
އަރޫނާ ފިލްމީ ދާއިރާގައި ނުކުޅޭ ރޯލެއް ނެތެވެ. ޗައިލްޓް އާޓިސްޓަކުން ފެށި ދަތުރުގެ ތެރެއިން ލީޑް ބަތަލާގެ ރޯލުން ފެށިގެން ގޮސް މާމަ ފަދަ ރޯލުތައް ވެސް އޭނާ ކުޅެފައިވެ އެވެ. ފިލްމުތަކުގެ އިތުރުން ގިނަ ޓީވީ ސިލްސިލާތަކުގައ ވެސް އަރޫނާ މަސައްކަތްކޮށްފައިވެ އެވެ. ފިލްމީ ދާއިރާގެ ހުރިހާ ދުވަސްވަރެއްގައި ވެސް އެމްންމެ މަޝްހޫރު ތަރިންނާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ބަތަލާ އަކީ ހަމައެކަނި ހިންދީ ފިލްމު ކުޅުނު ތަރިއެއް ނޫނެވެ.
އަރޫނާ ވަނީ ކަންނާޑާ، މަރާޓީ އަދި ގުޖުރާތީ ފިލްމުތައް ވެސް ކުޅެފަ އެވެ.
ސްޓާ ޕްލަސް އިން 2001-2005 އަށް ގެނެސްދިން މަޝްހޫރު ސިލްސިލާ "ދޭސް މޭ ނިކްލާ ހޯގާ ޗާންދު" އަކީ އަރޫނާގެ ޑައިރެކްޝަން ވެސް ފެނިގެން ދިޔަ އެއްޗެކެވެ.
އަރޫނާ ކައިވެނިކޮށްގެން އުޅެނީ އަޖޭ ދޭވްގަން ފުރަތަމަ ފިލްމު ޕޫލް އޯރް ކާންޓޭ (1991) ގެ ޑައިރެކްޓަރު ކުކޫ ކޯލީއާ އެވެ. އެކަމަކު އެ މީހުންގެ ދަރިއެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy