އަލީ.
22 ސެޕްޓެމްބަރ 2021 - 06:27
ހަތަރު ދުވަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމައިލި ސައިންސް-ފިކްޝަން ފިލްމެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް ބުނެފި އެވެ.
ބަތަލާ ރިޗާ ޗައްޑާއާ ކައިވެނިކުރަން ތައްޔާރުވަމުން އަންނަ އަލީ ބުނި ގޮތުގައި މުޅިން އަލަށް ސައިފައި ޖޯންރާގެ ފިލްމެއް ކުޅެން ލިބުމަކީ އަނެއްކާ ވެސް އެކްޓަރެއްގެ ގޮތުގައި ތަޖުރިބާކޮށްލަން ލިބުނު ވަރަށް ތަފާތު ކަމެކެވެ.
"މުމްބާއީގައި އެއަށް މަސައްކަތްކުރީ ވެސް އެހާމަ ގަޔާވެގެން. ވަރަށް އުފަލުން މި ހުންނަނީ އެ ޕްރޮޖެކްޓާ ދޭތެރޭ،" އަލީ ބުންޏެވެ.
ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ކުރިން ރިޗާއާ އެކު ކުރު ފިލްމު "55 ކިލޯމީޓަ/ސެކެންޑްސް" ގެނެސްދިން ޑައިރެކްޓަރު އަރާތީ ކާދަވްގެ ފިލްމެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ ފިލޯސޮފިކަލް ސައިންސް ފިކްޝަން ބްލެކް ހިއުމާ ފިލްމު "ކާގޯ" އެވެ. ޑައިރެކްޓަރު އަނޫރާގް ކޭޝަޕް ޕްރޮޑިއުސްކުރި އެ ފިލްމުގެ ލީޑް ރޯލު ކުޅުނީ ވިކްރާންތު މަސީ އާއި ޝްވޭތާ ތުރިޕަޓީ އެވެ.
އަލީ ބުނީ އޭނާއާ އެކު އަރާތީ ގެނެސްދޭ ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމެއް ކަމަށެވެ. އެކަމަކު އެއާ ބެހޭ އެއްވެސް ތަފުސީލެއް ދިނުމުގެ ހުއްދައެއް އަދި ނެތް ކަމަށް ބުންޏެވެ.
"ފުކްރޭ" އާއި "ހެޕީ ބާގް ޖާއޭގީ" ފްރެންޗައިޒާއި "ހާމޯޝިޔާ" އާއި "ބޮބީ ޖާސޫސް" އާއި "3 އިޑިއަޓްސް" އަދި "ޕްރަސްތާނަމް" ފަދަ ފިލްމުތައް ކުޅެފައިވާ އަލީ، 34، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފުކްރޭ 3" އާއި ""ކޫފިޔާ" ހިމެނެ އެވެ.
"ވިކްޓޯރިއާ އެންޑް އަބްދުލް" އާއި "ފާސްޓް އެންޑް ފިއުރިއަސް 7" ގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރުގެ ކުރިއަށް އޮތް އިންޓަނޭޝަނަލް ޕްރޮޖެކްޓަކީ "ވޮންޑަ ވުމަން" ގެ ރޯލު ކުޅޭ ގަލް ގެޑޯގެ "ޑެތު އޮން ދަ ނައިލް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy