ވޯލްޑް ކަޕް ދައްކަން ކޭބަލް ޓީވީ އޮޕަރޭޓަރުންނާ އެކު އެއްބަސްވުމަކަށް ނާދެވޭ: ޕީއެސްއެމް

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ރަޝިޔާގައި ފަށާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ސޮނީ ޕިކްޗާސްގެ ޗެނަލްތަކުން ދައްކަން ރާއްޖޭގެ ކޭބަލް ޓީވީ އޮޕަރޭޓަރުންނާ އެކު މިހާތަނަށް އެއްބަސްވުމަކަށް ނާދެވޭ ކަމަށް ޕީއެސްއެމުން މިއަދު ބުނެފި އެވެ.


ދައުލަތުގެ މީޑިއާ ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް ވިދާޅުވީ، ވޯލްޑް ކަޕްގެ މެޗުތައް ރާއްޖޭގައި ދެއްކުމަށް ސޮނީ ޕިކްޗާސްގެ ރައިޓްސް އެހެން ބައެއްގެ އަތުގައި ނޯންނާނެ ކަމަށެވެ. އެހެން ކަމުން، ޓީވީއެމް ފިޔަވައި އެހެން ޗެނަލަކުން މެޗުތައް ދެއްކޭނީ ޕީއެސްއެމްގެ ހުއްދަ ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ޗެނަލްތަކުގެ ރައިޓްސް ތަފާތުވާނެ. އެގޮތުން، ބައެއް ޗެނަލްތަކުން ބައެއް ކަހަލަ ކުޅިވަރުތައް ނުދައްކަން ވެސް ޖެހިދާނެ. އެއީ މިހާރު ވެސް އަމަލުކުރަމުން އަންނަ ގޮތެއް،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް ދޭ ދެ ކުންފުންޏަށް ވެސް ޓީވީއެމް ދެއްކޭނެތީ، ޓީވީއެމް މެދުވެރިކޮށް ވޯލްޑް ކަޕް ބެލޭނެ ކަމަށެވެ.

"ސޮނީގެ ޗެނަލްތައް މެދުވެރިކޮށް [ވޯލްޑް ކަޕް] ދައްކަން ކޭބަލް ޓީވީ އޮޕަރޭޓަރުންނާ އެކު ޚިޔާލު ބަދަލުކޮށް، މަޝްވަރާ ކުރަމުން އެބަދަން. މި ވަގުތަކަށް އެ ފަރާތްތަކާ އެކު އެއްބަސްވުމެއް ނެތް،" ޚަލީލް ވިދާޅުވި އެވެ.

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް ދޭ މީޑިއާ ނެޓާއި ދިރާގުން ކުރިން ވެސް ބުނެފައި ވަނީ ވޯލްޑް ކަޕްގެ މެޗުތައް ސޮނީ ޓެން2 އާއި ޓެން3 މެދުވެރިކޮށް ދައްކާނެ ކަމަށެވެ.

މީޑިއާ ނެޓުގެ އިސް އޮފިޝަލަކު މިއަދު ވެސް ވިދާޅުވީ ކުރިން ހަމަޖެހިފައި އޮތް ގޮތަށް ވޯލްޑް ކަޕްގެ މެޗުތައް ދައްކާނެ ކަމަށެވެ.

ޕީއެސްއެމުން ކުރިން ބުނެފައި ވަނީ ހުއްދަ ނެތި "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ"ގެ ނަމުގައި ބައެއް މީޑިއާތަކާއިި ވިޔަފާރި ކުންފުނިތަކުން ހުއްދަ ނޫން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަމުންދާތީ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެއާ އެކު ކޭބަލް ޓީވީގެ ހިދުމަތް ދޭ ކުންފުނިތަކަށް މެޗްތައް ދެއްކޭނެތޯ ގިނަ އަދަދެއްގެ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާ ބެހޭ ގޮތުން ދިރާގުގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.