ރޭގަނޑު ވެހިކަލް ދުއްވޭ ވަގުތު ހަމަވުމާއެކު މީހަކު ސައިކަލް އަތުން ހިފައިން އަންނައިރު ބައެއް މީހުން ފައިމަގުގައި: މިހާރު އެ ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފައި
16 އޮކްޓޯބަރ 2020 - 22:53
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީ، ރޭގަނޑު 11 ޖަހަންދެން މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވޭ ގޮތަށް މިރޭ ބަދަލު ގެނެސްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މަގުމަތީގައި ހިނގާބިނގާވެ، ވެހިކަލް ދުއްވުން، ރޭގަނޑު 11:00އިން ފަތިހު 4:00އަށް މަނާވާނެ ކަމަށެވެ.
މި މަހުގެ ތިން ވަނަ ދުވަހު ދިން ލުއިތަކުގައި ވަނީ އެ ވަގުތުތައް ރޭގަނޑު 10:00އިން ފަތިހު 5:00 އަށް ބަދަލުކޮށްފަ އެވެ. އެހެންވެ، މިހާރު މާލޭގެ މަގުތަކުގައި އިތުރު ދެ ގަޑިއިރު ވެހިކަލް ދުއްވައި، ހިނގާބިނގާވެ އުޅެވޭނެ އެވެ.
މިރޭ ދިން އިތުރު ލުއިތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ވެސް ރޭގަނޑު 10:30 ވަންދެން ދެން ހިންގޭނެ އެވެ.
މާލެތެރޭގައި ކޮވިޑް-19 ފެތުރި ލޮކްޑައުން ކުރުމާ ގުޅިގެން އެންމެ ފުރަތަމަ ލުއިތައް ދޭން ފެށީ ޖުލައި 1ގަ އެވެ. އެއާއެކު އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި އެވެ. ނަމަވެސް މާސްކް އެޅުން މަޖުބޫރުކޮށް، އޮގަސްޓު 24އިން ފެށިގެން ވަނީ ރޭގަނޑު 8:00 ގެ ފަހުން ވެހިކަލް ދުއްވުން މަނާކޮށްފަ އެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10،000އަށް ވުރެ އިތުރުވެފައިވާއިރު މިހާރު ބަލި މީހުންގެ ގޮތުގައި 1،117 މީހުންނެވެ. އަދި ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ކުރިއާ ބަލާއިރު ވަރަށް ބޮޑަށް މަދުވެފައި ވެ އެވެ. ލުއިތައް ދޭން ފެށީ އަދަދުތަކަށް އައި ބަދަލާ ގުޅިގެންނެވެ. އެކަމަކު ކަމާ ބެހޭ ފަރާތްތަކުގެ އިލްތިމާސްއަކީ، އަދިވެސް މިކަން ލުއިކޮށް ނުނަގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގަންރުބި
17 October 2020
ވާވަރައް ޖީބައް ބަރުވީ ކަން އިނގިއްޖެ
ލައިޝާ
16 October 2020
ކިރިޔާ 2 ދުވަހަކު ނަންބަރު 50 އުން މަދުވީމަ، އެވީ ކާރފިއު އުވާލާ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން. ބަލަ ފަހެ، މާލެ ފަދަ ތޮށްޖެހިފަ ހުންނަ ތަންތަނުގަ ނަންބަރުތައް ކިރިޔާ ވެސް މަދުން މިހިރީ މިކަހަލަ ފިޔަވަޅުތަކާ ހެދިއޭ. އަދި ބުނަން މީހުންގެ ނިސްބަތުން މި އަދަދު ތަކަކީ މަދު އަދަދެކޭ ވެސް ނެތް ބުނެވޭކަށް.
އަހްމަދު 55
17 October 2020
ކޮއްކޮމެން އަދި ޅަވާނެ. ތިވިސްނަނީ ސިކުނޑީގެ އެއްފަޅިން. މަރުދެކެ މާބޮޑަށް ބިރުގަންނަން ޖެހެނީ އުޅެވޭގޮތް ރަނގަޅު ނުވާތީ.
ކުލްސުމް
16 October 2020
ބޮޑުން ނަށް އުނދަގޫ ވާ ކޮންމެ ފަހަރަކު ގަވައިދު ބަދަލުވޭ! ދިވެހިރާއްޖެ ތަރައްގީ ވުމަށް ދިވެހިރާއްޖޭގެ ކަރަޕްޝަން މަދުކުރުމަށް، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށް، ވެރިކަމުގެ ނިޒާމް ހަރުދަނާ ކުރުމަށް އަދި ގާނޫނީ ވެރިކަމެއް ގާއިމް ކުރުމަށް އޮތް ހުރަހަކީ ބޮޑުން ނަށް ބޮޑުގޮތް!