ސީއެޗްއެސްއީގެ އަށް ބުރީގެ އިމާރާތް އަޅަން އާރުސީސީ އަށް

ސީއެޗްއެސްއީގައި އަށް ބުރީގެ އިމާރާތެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި 420 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އާރުސީސީ އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.

ރިޔާޒު "މިހާރު" އަށް ވިދާޅުވީ އެ ސްކޫލް އިމާރާތް އަޅަން ހަވާލުކުރީ 33 މިލިއަން ރުފިޔާ އަށް ކަމަށެވެ. އެއީ، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކުރުމުން އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނި ކަމަށް ވިދާޅުވި އެވެ.

ސީއެޗްއެސްއީގެ ކްލާހެއްގައި ޓީޗަރަކު ކިޔަވައިދެނީ.-- ފޮޓޯ: މިހާރު

އޭނާ ވިދާޅުވިގޮތުގައި އާ އިމާރާތުގައި 19 ކްލާސްރޫމާއި ހަ ލެބޯޓަރީ އާއި ހަތަރު ސްޓާފް ރޫމާއި ހަތަރު ސްޓޯރު ހިމެނޭނެ އެވެ. މީގެ އިތުރުން ކޮންމެ ފްލޯއެއްގައި ވެސް ފާހާނާ ހިމެނެ އެވެ.

ސީއެޗްއެސްއީގެ އާ އިމާރާތް އަޅަނީ، މީގެ 40 އަހަރުކުރިން ފެށިގެން މަތީ ސާނަވީ އަށް ކިޔަވައިދޭ ފުރަތަމަ ސްކޫލް ހުޅުވިއިރު ހުރި ދެ ބުރީގެ އިމާރާތް ތަޅާލުމަށް ފަހުގަ އެވެ. އެތަން މީގެ ކުރިން ބޭނުންކުރަމުން އައީ ލެބޯޓަރީއެއްގެ ގޮތުގަ އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ ބާވެގެން ދެ ބުރީގެ އިމާރާތް ބޭނުންކުރުން ހުއްޓާލިތާ ހަތަރު ވަރަކަށް އަހަރު ވެއްޖެ ކަމަށެވެ. ހުއްޓާލުމާ ހަމައަށް އެތަން ބޭނުންކުރީ މަރާމާތުކޮށްގެން ކަމަށާއި ނަމަވެސް ރައްކާތެރި ނޫން ކަމަށް އެމްއެންޑީއެފުން އެންގުމުން ޒަމާންވީ އިމާރާތް ބޭނުުންކުރުން ހުއްޓާލީކަމަށް ވިދާޅުވި އެވެ.

އެ އިމާރާތް ބޭނުންކުރުން ހުއްޓާލުމާއެކު، 1100 ދަރިވަރުންގެ ސްކޫލްގެ ބަޔޮލޮޖީ ދެ ލެބޯޓްރީ މި ވަގުތު ހަދާފައިވަނީ އަމީނިއްޔާގެ ބާ އިމާރާތުގަ އެވެ. ސްކޫލުގައި ބޭނުންކުރަނީ ކެމިސްޓްރީ ލެބޯޓްރީ އެވެ.

ސީއެޗްއެސްއީގައި އަށް ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ރިޔާޒު (ވ) އަދި އާރުސީސީގެ މެނޭޖިން ޑިރެކްޓަރު ރަޝީދު ބައިވެރިވެވަޑައިގަންނަވަނީ .- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސީއެޗްއެސްއީގެ މިވަގުތު 21 ކްލާސްރޫމް ބޭނުންކުރަމުން އަންނައިރު ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ މިއީ އެކަމަށް ލިބިގެންދާނެ ހައްލެއްކަން ފާހަގަކުރެއްވި އެވެ.

"ވަރަށް ބޮޑަށް ލުއިވެގެންދާނެ އާ އިމާރާތް ލިބިގެން. ޖާގަ ތަނަވަސްވެ ފުރިހަމަ ސްކޫލަކަށް ވެގެންދާނެ،" ސޮފޫރާ ވިދާޅުވި އެވެ.

އެޑިއުކޭޝަނުން އަންނަނީ މިހާރު ވެސް ރާއްޖޭގެ އެކި ސްކޫލުތަކުގައި ތަފާތު 44 މަޝްރޫއެއް ހިންގަމުންނެވެ.