ޕައިލެޓަށް ފްލައިޓަށް އެރުމަށް ޗެކިން ހަދަނީ
02 ޖެނުއަރީ 2017 - 06:27
އިންޑޮނީޝިއާގެ ބަޖެޓް އެއާލައިނެއްގެ ޕައިލެޓަކު މަސްތުވެގެން ހުރެ މަތިންދާބޯޓު ދުއްވަން އުޅުނު ކަމަށް ތުހުމަތުކުރެވި އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
ސިޓީލިންކްގެ ރައީސް އަލްބާޓް ބުރުހާން އާއި އެ އެއާލައިންގެ ޕްރޮޑަކްޝަން ޑައިރެކްޓަރު ވަނީ މި މައްސަލައާ ގުޅިގެން އިސްތިއުފާ ދެއްވައިފަ އެވެ. ސިޓީލިންކް އަކީ އިންޑޮނީޝިއާގެ ގައުމީ އެއާލައިން ގަރޫޑާ އިންޑޮނީޝިއާގެ ސަބްސިޑިއަރީ އެކެވެ.
ޕައިލެޓް މަސްތުވެފައި ހުރި ކަމަށް ފުރަތަމަ ޝައްކު ކުރެވިފައި ވަނީ ބޯޓު ފުރަން ތައްޔާރުވުމުގެ ގޮތުން ކޮކްޕިޓްގައި އިނދެ އޭނާ ދިން އެނައުންސްމަންޓްގައި، މަސްތުވެފައި ތިބޭ މީހުން ވާހަކަ ދައްކާގޮތަށް ކިޔާ ނުކިޔާ އެއްޗެއް ސާފުނުވާ ގޮތަށް ވާހަކަ ދެއްކުމުންނެވެ. އެވަގުތު މަތިންދާބޯޓަށް އަރާ ތިބި ފަސިންޖަރުންގެ ތެރެއިން ބަޔަކު ވަނީ މި އެނައުންސްމަންޓް އަޑުއަހާފައި، ޕައިލެޓް މަސްތުވެފައި ހުރިކަމަކަށް ޝައްކު ކުރެވޭތީ އެ ބޯޓުން ދަތުރުނުކުރަން ބޯޓުން ފައިބައިފަ އެވެ.
ޕައިލެޓް ހުރީ މަސްތުވެފައި ނުވަތަ ޑްރަގް ބޭނުންކޮށްގެން ކަމަށް ޝައްކުވާތީ އޭނާއާ ބަދަލުކޮށްދިނުމަށް، ބޯޓުން ފޭބި މީހުން އެއާލައިންގައި އެދުނެވެ.
ސިޓީލިންކުން އެ ޕައިލެޓްގެ ބަދަލުގައި އެހެން ޕައިލެޓެއް ހަމަޖައްސައި ފްލައިޓް ފުރަން އޮތް ގަޑިއަށް ވުރެ އެއް ގަޑިއިރުފަހުން ފްލައިޓް ފުރުވާލި އެވެ. ނަމަވެސް ފްލައިޓްގައި ދަތުރުކުރަން ހަމަޖެހިފައިވާ 154 ފަސިންޖަރުންގެ ތެރެއިން ބައެއް މީހުން އިތުރަށް އެ ފްލައިޓުން ދަތުރުކުރަން ބޭނުން ނުވެގެން ދަތުރު ކެންސަލް ވެސް ކުރި އެވެ.
މި މައްސަލަ ޖެހުނު ޕައިލެޓް އެއާޕޯޓްގެ ސެކިއުރިޓީ ޗެކް ޕޮއިންޓާއި ސެކިއުރިޓީ ގާޑުން ކައިރިން ޗެކިން ވެގެން އެތެރެއަށް ވަންނަ މަންޒަރުގެ ސީސީޓީވީ ފުޓޭޖް މިހާރު ޔޫޓިއުބުގައި ވަނީ އާންމުވެފަ އެވެ. އޭނާއަށް އަމިއްލަ އަށް ރަނގަޅަށް ނުވެސް ހިނގެ އެވެ. އަތުގައި ހުރި އެއްޗެހިތައް ވެސް އިރުއިރުކޮޅުން ވެއްޓި ސެކިއުރިޓީ ގާޑުން ވެސް އެތައް ފަހަރަކު އެ އެއްޗެހި ވެސް ނަގައިދޭ ތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ.
"ޕައިލެޓް އެ ކުރީ ވަރަށް ސީރިއަސް ކުށެއް. ވައިގެ ދަތުރުފަތުރު ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދާ އޭނާ ވަނީ ޚިލާފުވެ އެތައް ބައިވަރު ފަސިންޖަރުންނެއްގެ ފުރާނަ އަށް ނުރައްކާވާ ފަދަ އަމަލެއް ހިންގާފައި،" ބުރްހާން ވިދާޅުވި އެވެ.
ބުރްހާން ވަނީ ފަސިންޖަރުންނަށް ކުރިމަތިވި މި ހިތްހަމަނުޖެހުންތަކަށް މައާފަށް އެދިވަޑައިގަންފަ އެވެ. އަދި މިކަމުގެ ޒިންމާ އޭނާ އާއި ޕްރޮޑަކްޝަން ޑައިރެކްޓަރު ނަގަން ޖެހޭ ކަމަށް ގަބޫލުކުރާތީ އިސްތިއުފާ ދެނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕައިލެޓް ޓެކާދު ޕުރްނާ، 32، ހުރީ މަސްތުވެފައިވާ ކަމަށް ދެކެވުނު ވާހަކަތަކާ އެއާލައިނުން އެންމެ ފުރަތަމަ އެއްބަހެއް ނުވި އެވެ. އޭރު އެ އެއާލައިނުން ބުނީ ޕައިލެޓް ޓެސްޓްކުރިއިރު ބަނގުރަލާއި މަސްތުވާތަކެއްޗަށް ނެގެޓިވް ވި ކަމަށެވެ.
ނަމަވެސް ޕައިލެޓްގެ ފުރިހަމަ މެޑިކަލް ޗެކްއަޕެއް ހެދުމަށް އިންޑޮނީޝިއާގެ ޑައިރެކްޓަ ޖެނެރަލް އޮފް އެއާ ޓްރާންސްޕޯޓޭޝަން ސުޕްރަސެޓްޔޯ ވަނީ އަންގަވާފަ އެވެ.
ޕުރްނާގެ މައްސަލަ ތަހުގީގުކޮށް ނިމެންދެން އޭނާއަށް މަތިންދާބޯޓު ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ލައިސަންސް ބާތިލްކޮށް ދުވަހަކުވެސް ދެން މަތިންދާބޯޓެއް ދުއްވުމުގެ ހުއްދައެއް ނުލިބޭނެ އެވެ.
މި ހާދިސާ ހިނގީ މިދިޔަ ބުދަ ދުވަހު އެވެ. އެ ދުވަހު ފްލައިޓް ދަތުރުކުރަން ހަމަޖެހިފައި އޮތީ އިންޑޮނީޝިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސުރަބާޔާ އިން ވެރިރަށް ޖަކާޓާ އަށެވެ.
އިންޑޮނީޝިއާ އަކީ 17،000 ރަށުގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމަކަށް ވާތީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭ އެންމެ ރަނގަޅު ވަސީލަތަކަށް އޮންނަނީ ވައިގެ މަގެވެ.
ޑިސެމްބަރު 2015 ގައި ވެސް އިންޑޮނީޝިއާގައި މިފަދަ ހާދިސާއެއް ހިނގި އެވެ. އެފަހަރު މަތިންދާބޯޓެއްގެ ޕައިލެޓާއި ދެ އެޓެންޑެންޓުން ހައްޔަރުކުރީ މަނާ ބޭހެއް ބޭނުންކުރަން ހޮޓަލެއްގައި ތިއްބަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިސް އިޒް ބޭޑް
02 January 2017
ކީއްވެތަ އެއާރޕޯޓް ސެކުރިޓީން ނޫނި އިމިގރޭޞަން އޮފިސަލުން އިސްތިއުފާ ނުދިނީ.
މުހައްމަދު އަމީން
02 January 2017
އެއަރޓެކްސީގަ އުޅުނަސް ތިވާހަކަ ދެއްކުމުގައި ޒިންމާދާރު ވާންޖެހޭނެ، އެއިރުން އެއަރ ޓެކްސީޕައިލެޓުން އޯވަރނައިޓް ރިސޯޓްތަކުގައި ކުރާރޭރޭގެ ހެދުނު ފުލައިޓްގައި ދަތުރުކުރާމީހުންގެ ނަފްސައްލިބޭގެއްލުން ޤާނޫނުގެ ތެރެއިން ހިމާޔަށް ކުރެވޭނީ ބޯޓް ވެއްޓުނަސް ޤާނޫނަށް ތަބާވުން މުޙިއްމުވާނީ އެނޫނިއްޔަާ ދިވެހިންގެ ލޮޢީފްކަން ގެއްލޭނެ!!
ޑެންޓޭ
02 January 2017
އެއާރ ޓެކްސީގަ އުޅުނުއިރު މިފަދަ ޕައިލެޓުން ބައިވަރު ފެނޭ. މިހާރުވެސް އުޅޭ..