ލައިފްސްޓައިލް / އިސްލާމް

ބުއްދީގެ ހަމައިން ބެލިޔަސް އުހުރަވީ ހަޔާތެއް އަންނަން ޖެހޭ

މާތްﷲ ވޮޑިގެންވާކަން ގަބޫލުކުރާ މީހަކަށް އުހުރަވީ ހަޔާތަށް އީމާންވުމުގެ އަގީދާ ވަރަށް ސާފުކޮށް ކަށަވަރެވެ. އެއީ ބުއްދީގެ ދަލީލުތަކުގެ އިތުރުން ނަގުލީ ދަލީލުތަކުން ވެސް އެއަށް ބާރު ލިބޭތީ އެވެ. ނަމަވެސް އިލްމީ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ދައުވާކޮށް އެ ހަގީގަތް އިންކާރު ކުރާ ބަޔަކު ތިބޭ ހިނދު ބުއްދީގެ ހަމަތަކުން އެކަނި ވެސް އެ ކަން ކިރައިލަން އެބަޖެހެ އެވެ.

މިގޮތުން ބަލާއިރު ޖަވާބު ބޭނުންވާ ވަރަށް މުހިންމު ސުވާލުތަކެއް އެބަހުއްޓެވެ. އެއީ ދުނިޔަވީ ހަޔާތުގައި ނުލަފާ ޖައްބާރު އެތައް ބަޔަކު އުފަލާއި އަރާމުގައި ދިރިއުޅެ ނިމިގެންދާއިރު ނުވަތަ މައުސޫމު އެތައް ފުރާނަތަކެއް ދުއްވާލާފައި ދުނިޔޭގައި އެތައް މުޖުރިމުންނެއް އުޅެ ނިމިގެންދާއިރު މިފަދަ މީހުންގެ ފުށުން އަނިޔާ ލިބުނު މީހުންނަށް ބަދަލެއް ލިބޭނެ ގޮތެއް އެ މީހުންގެ ދުނިޔަވީ ހަޔާތުގައި މެދުވެރިވި ހެއްޔެވެ؟ މިސާލަކަށް އެކިއެކި ދެކޮޅުވެރިކަމުގެ ތެރޭގައި އަނިޔާވެރި ގޮތުގައި އެތައް ހާސް ބަޔަކު ގަތުލު ކޮށްލެވިގެން ދިއުމަށް ފަހު އޭގެ އެތައް އަހަރެއްގެ ފަހުން އިދިކޮޅު ބައިމީހުންނަށް ފުރުސަތެއް ލިބިއްޖިއްޔާ އޭގެ ބަދަލު ހޯދުމަށްޓަކައި އެ އަނިޔާވެރިންގެ ދަރިފަސްކޮޅު ގަތުލުކޮށްލާނީ ހެއްޔެވެ؟

އެހެންވިއްޔާ އެއީ އަނެއްކާ އަނިޔާއެއް ކަމުގައި ނުވާނެ ހެއްޔެވެ؟ ނުވަތަ އެންމެ ހެޔޮ ގޮތަކީ ސަލާހުއްދީނުލް އައްޔޫބީ ފަދަ ބޭކަލުން ހެއްދެވި ގޮތަށް މާފުކޮށްދިނުން ހެއްޔެވެ؟ ތެދެކެވެ. ކުށެއް ނެތް ބަޔަކާ މެދު އަމަލުކުރަން ޖެހޭނީ އެ ގޮތަށެވެ. ނަމަވެސް ކުރިން އަނިޔާވެރިވި، މިބައިމީހުންގެ ކާބަފައިންގެ އެ އަނިޔާ އަށް ހައްގު ބަދަލު ހޯދާނީ ކިހިނެއް ހެއްޔެވެ؟

އަދުލުއިންސާފުގެ ބަދަލު ލިބޭނެ ގޮތެއް އޮންނަން ޖެހޭ

މިފަދަ ހުރިހާ ސުވާލެއްގެ ޖަވާބަކީ ކިތަންމެ ފަހުން ނަމަވެސް އަދުލު އިންސާފު ލިބޭނެ މަގެއް އޮތުން ލާޒިމުވުމެވެ. އިންސާފުވެރި ބަދަލަށް އަހަރެމެންގެ ނަފްސު އެދެނީ އަދާލަކީ ވުޖޫދުގައިވާ އެއްޗެއް ކަމަށް ވާތީ އެވެ. އަހަރެމެން ކަރު ހިއްކައި ގަތީމާ ފެނަށް އެދެނީ ވެސް ފެން ވުޖޫދުގައި ވާތީ އެވެ. ވީމާ މިއަދު އަނިޔާވެރިކަމާ އެކު މައްޗަށް އަރާ ތިބި މީހުން ތިރި އަށް ފައިބަން ޖެހޭނެ އަދި މިއަދު އަނިޔާ ލިބިގެން ދަށުގައި ތިބި މީހުން މައްޗަށް އަރަން ޖެހޭނެ ނިޒާމެއް އޮތުން ލާޒިމުވުމެވެ. ﷲ ބަޔާން ކުރައްވަނީ، އެއްބަޔަކު ދަށްކުރަމުން އަނެއްބަޔަކު މަތިކުރަމުން (އެބަހީ އަބާއްޖަވެރިން ދަށްކުރައްވައި ބާއްޖަވެރިން މަތި ކުރައްވާ ހާލުގައި) ގިޔާމަތް ވެގެންދާ ހިނދު އެކަން އިންކާރުކޮށް ދޮގުކުރާނެ ފަރާތެއް ނުވާނެ ކަމުގަ އެވެ. (އަލްވާޤިޢަތު 1-3).

ވީމާ އުހުރަވީ ހަޔާތަކީ އައުން ލާޒިމުވާ ހަގީގަތެކެވެ. ފަސާދަވެ ދިޔަބައި އިސްލާހު ކުރަން މުހިންމު ފުރުސަތެކެވެ. އަޅާނުލެވި ދިޔަތަން އަނބުރާ ރައްދު ކުރުމަށް ބޭނުންތެރި ހަޔާތެކެވެ. އަދުލު އިންސާފު ގާއިމު ކުރުމަށް ދެން އޮތް ހަމައެކަނި ގޮތެވެ. އެ ހުރިހާ ކަމަކީ "ކަނޑައެޅިގެންވާ މުއްދަތަކަށް" ފަސްކޮށްލެވިފައިވާ ކަންކަމެވެ. އެ މުއްދަތުގެ ބޭނުމަކީ އިންސާނުން އިމްތިހާނު ކުރުމެވެ. އަދި އެ މުއްދަތަކީ މި ދުނިޔަވީ ހަޔާތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ބައެކެވެ. އުނދަގޫކަން ބޮޑު އިމްތިހާނެކެވެ. އެކަމަކު "ކަނޑައެޅިގެންވާ މުއްދަތެއް" ގެ މި އިމްތިހާނުގައި އަނިޔާ ލިބޭ މީހުންނަށް ﷲ ވަނީ އުފާވެރި ޚަބަރު ދެއްވާފަ އެވެ.

އުހުރަވީ ހަޔާތަކީ ތަފާތު ހަޔާތެއް ކަމުގައި ވާތީ ބައެއް ފަލްސަފާވެރިން ގަބޫލުކުރަނީ ސަވާބާއި އަޒާބަކީ ހަމައެކަނި ރޫހާނީ ކަމެއް ކަމަށެވެ. ނަމަވެސް ގުރުއާނާއި ސުންނަތުން ސާބިތުވަނީ ދުނިޔަވީ ހަޔާތާ އެތައް ގޮތަކުން އެ ހަޔާތް ތަފާތުވި ނަމަވެސް ސަވާބާއި އަޒާބު ލިބޭނީ ހަމައެކަނި ރޫހަށް ނޫން ކަމެވެ

އަނިޔާ ލިބޭ މީހުންގެ ދުއާ އިޖާބަ ކުރައްވާނެކަން ގުދުސިއްޔަ ހަދީސެއްގައި ﷲ ބަޔާން ކުރައްވާފައި ވަނީ އެކަލާނގެ އިއްޒަތާއި ޖަލާލުވަންތަކަން ގަންދީ ހުވާ ކުރައްވާފަ އެވެ. އެކަލާނގެ އަންގަވަނީ "ކަނޑައެޅިގެންވާ މުއްދަތެއްގެ ފަހުން ނަމަވެސް ހަމަކަށަވަރުން ތިބާ އަށް ނަސްރުދެއްވާހުށީމޭ" އެވެ. ކާފިރުންގެ މައްޗަށް މުއުމިނުންނަށް ދެއްވާ ނަސްރުގައި މި ދެންނެވި "ކަނޑައެޅިގެންވާ މުއްދަތު" ގެ ވާހަކަ ބަޔާން ކުރައްވަ އެވެ.

ﷲ ގެ ވަހީބަސްފުޅުގެ މާނައިގައި ވަނީ "ފަހެ، ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު އެއުރެން (ނަށް ވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ ނިކަން ހުރެ އެއުރެން ދެކޭނެމަ އެވެ. ފަހެ، އެއުރެން އަވަސްވުން އެދެނީ ތިމަން ރަސްކަލާނގެ އަޒާބަށް ހެއްޔެވެ؟ ފަހެ އެއުރެން ތިބޭ ތަނަށް އެ އަޒާބު އަތުވެއްޖެ ނަމަ އެ އިންޒާރުވެވުނު މީހުންގެ ހެނދުނުގެ ހުރި ނުބައިކަމާ އެވެ! އަދި ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!" (އައްޞާއްފާތު 174-179).

މި އާޔަތްތަކުގައި "ކަނޑައެޅިގެންވާ މުއްދަތު" ގެ ވާހަކަ އާއި "އިންތިޒާރު" ކުރުމުގެ ވާހަކަ ދެ ފަހަރަށް ތަކުރާރުވެފައި ވުމުން ދޭހަވަނީ އެ މުއްދަތަކީ އަދި އެ އިންތިޒާރަކީ ޔަގީން ކަށަވަރު ކަމެއް ކަމެވެ. މީގެ އިތުރުން އެ އިން ދޭހަވާ އަނެއް ކަމަކީ، އަހަރެމެން އިންސާނުން ކަންކަމުގައި އަވަސް އަރުވައިގެން އުޅުނު ނަމަވެސް ﷲ ގެ ނިޒާމުގައި ކަންކަން ރޭވިފައި ވަނީ އެ އުސޫލުން ނޫން ކަމެވެ. ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމަ ގޮތުގައި ކަމެވެ. މިގޮތުން ދުނިޔެމަތީގައި ޒައްރެއްގެ މިންވަރު އަނިޔާވެފައި އޮތަސް އުހުރަވީ ހަޔާތުގައި އޭގެ ބަދަލު ލިބޭނެ އެވެ. އަދި ޒައްރެއްގެ މިންވަރު ހެޔޮކަން ކޮށްފައި އޮތަސް އޭގެ ހެޔޮ ޖަޒާ ލިބޭނެ އެވެ.

އުހުރަވީ ހަޔާތުގެ މަރުހަލާތަކާއި ޖަޒާލިބޭ ގޮތް

އުހުރަވީ ހަޔާތް އަންނަނީ ވަރަށް ވަރުގަދަ ހަލާކު ވުމަކުން މި ދުނިޔަވީ ކައުނު ހަލާކުވެ ފުނޑުފުނޑުވެގެންނެވެ. އެންމެހައި މަހުލޫގުންތައް ފަނާވެގެންނެވެ. ކީރިތި ގުރުއާނުގެ ތަކުވީރު ސޫރަތާއި އިންފިޠާރު ސޫރަތާއި އިންޝިގާގު ސޫރަތް ފަދަ ސޫރަތްތައް ފެށޭ އާޔަތްތަކާއި އެ ނޫން ވެސް އެހެން އާޔަތްތަކުގައި މި ބިރުވެރި މަރުހަލާ ސިފަކުރެވިފައި ވެ އެވެ. މަސްތުވެފައި ތިބޭ ބައެއް ފަދައިން މީސްތަކުން އެ ދުވަހު ތެދުވާނެ އެވެ. ކިރުމައިން އެއުރެންގެ ދަރިންގެ މަތިން ހަނދާން ނެތޭނެ އެވެ. މާބަނޑު އަންހެނުން އެއުރެންގެ ދަރި ދުވަސް ނުފުރިޔަސް ވިހާނެ އެވެ. (އަލްޙައްޖު 2). އަދި މިއީ ކުއްލިއަކަށް އިވޭ ގަދަ އަޑުފައްގަނޑަކުން ނިމިގެންދާނެ ކަމެކެވެ. ވަސިއްޔަތެއް ކުރާކަށް ނުވަތަ އަހުލުންގެ ގާތަށް ގޮސްލާކަށް ފުރުސަތެއް ނުލިބޭނެ އެވެ. (ޔާސީން 49).

ވީމާ އުހުރަވީ ހަޔާތަކީ އައުން ލާޒިމުވާ ހަގީގަތެކެވެ. ފަސާދަވެ ދިޔަބައި އިސްލާހު ކުރަން މުހިންމު ފުރުސަތެކެވެ. އަޅާނުލެވި ދިޔަތަން އަނބުރާ ރައްދު ކުރުމަށް ބޭނުންތެރި ހަޔާތެކެވެ. އަދުލު އިންސާފު ގާއިމު ކުރުމަށް ދެން އޮތް ހަމައެކަނި ގޮތެވެ. އެ ހުރިހާ ކަމަކީ "ކަނޑައެޅިގެންވާ މުއްދަތަކަށް" ފަސްކޮށްލެވިފައިވާ ކަންކަމެވެ. އެ މުއްދަތުގެ ބޭނުމަކީ އިންސާނުން އިމްތިހާނު ކުރުމެވެ.

މި މަރުހަލާ ދިއުމަށް ފަހު ދެން އަންނަނީ ހިސާބު ބެލުމުގެ މަރުހަލާ އެވެ. އާދަމުގެފާނާ ހަމައިން ފެށިގެން ގިޔާމަތާ ޖެހެންދެން ދުނިޔޭގައި އުޅުނު ހަމަ އެންމެން އެއްކުރެވޭނެ އެވެ. އެ މީހުން ހެޔޮވިސްނޭ އުމުރަށް އަޅައިގަތީއްސުރެ މަރުވަންދެން ކޮށްފައި ހުރި ހުރިހާ ކަމެއް ހިސާބު ކުރެވޭނެ އެވެ. މިހާ ގިނަ ބަޔަކަށް އެއްފަހަރާ ހިސާބު ކުރާނީ ކިހިނަކުންތޯ ކުރެވުނު ސުވާލެއްގެ ޖަވާބުގައި އަލީގެފާނު ވިދާޅުވިއެވެ. "އެއީ އެހާ އަޅުތަކުން ގިނައިރު ވެސް ﷲ އެމީހުންނަށް (އެއްފަހަރާ) ރިޒުގު ވެސް ދެއްވާ ފަދައިންނެވެ." ހިސާބު ބެލުމުގެ މަރުހަލާގައި ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމަލުތަކުގެ ރެކޯޑު ލިބޭނެ އެވެ. އެއްވެސް މަހުލޫގަކު އެ ރެކޯޑަކަށް އިންކާރެއް ނުކުރާނެ އެވެ. ހަމައެކަނި ކުރެވޭނެ އިހުސާސަކީ ދުނިޔަވީ ހަޔާތް ހެޔޮގޮތުގައި ވޭތު ނުކުރެވޭ މީހުންނަށް އެކަމުގެ ހިތާމަ އެވެ. "އަލުން އެނބުރި ދެވޭނެ ނަމައޭ"، "ފޮނުވައިފިއްޔާ ދެން ރަނގަޅަށް އުޅޭނަމޭ"، "އަޑުއަހައި ވިސްނައި އުޅުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔޭ؟" ފަދަ ބަސްތައް ބުނުން އެކަންޏެވެ.

އުހުރަވީ ހަޔާތަކީ ތަފާތު ހަޔާތެއް ކަމުގައި ވާތީ ބައެއް ފަލްސަފާވެރިން ގަބޫލުކުރަނީ ސަވާބާއި އަޒާބަކީ ހަމައެކަނި ރޫހާނީ ކަމެއް ކަމަށެވެ. ނަމަވެސް ގުރުއާނާއި ސުންނަތުން ސާބިތުވަނީ ދުނިޔަވީ ހަޔާތާ އެތައް ގޮތަކުން އެ ހަޔާތް ތަފާތުވި ނަމަވެސް ސަވާބާއި އަޒާބު ލިބޭނީ ހަމައެކަނި ރޫހަށް ނޫން ކަމެވެ. ސަބަބަކީ އިންސާނާ ދުނިޔޭގައި އަމަލުތައް ކުރަނީ ރޫހާއި ޖިސްމުން ކަމަށް ވާތީ އެވެ. އަދި އަދުލުވެރި ގޮތަކީ ވެސް ރޫހާއި ޖިސްމަށް ޖަޒާލިބުން ކަމަށް ވާތީ އެވެ.

ގުރުއާނާއި ސުންނަތުގައި ސުވަރުގޭގެ ނިއުމަތާއި ނަރަކައިގެ އަޒާބު ސިފަކޮށްދީފައި ވަނީ ވެސް އެގޮތަށެވެ. ﷲ ގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ހެޔޮލަފާ މީހުން ވަނީ ނިއުމަތުގެ ސުވަރުގޭގައިކަން ކަށަވަރެވެ. ދާންތަކުގެ މަތީގައި (ނިއުމަތްތަކަށް) ބަލަބަލަ އެވެ. އެއުރެންގެ މޫނުތަކުގެ މަތިން ނިއުމަތުގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ. (އަލްމުޠައްފިފީން 22-24). މިފަދަ މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ! އާމީން.

5 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޮޒަމްބީ

24 September 2022

ހުރިހާ ކަމެއް ވަނީ އިރާދަކުރައްވާ ގޮތައް. އެކަމާ ޖަދަލުކޮށް، އެކަން ބަދަލު ކުރަން ގޮވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ބާރު ލިބެނީ އެކަމަށް އިރާދަ ކުރެއްވީމާ.

The name is already taken The name is available. Register?

އަބްޑޫޅް

24 September 2022

"އެއީ ބުއްދީގެ ދަލީލުތަކުގެ...."؟ ދިވެހި ބަހުގައި، "ބުއްދި"، މިބަހުގެ އަސުލަކީ ގައުތަމާ ބުއްދާ ގެ ފުރައުއްތަރަ ނަންފުޅު.

The name is already taken The name is available. Register?

ހިޔާލީ އަލީ

23 September 2022

މި ކަހަލަ ވާހަކަ ނުދައްކާ މިއުޅޭ ހަރުކަށި ގުރޫޕު އަބަދުވެސް އުޅެނީ ކޮންމެވެސް މީހަކާ ހިފައިނުގަނެވިގެން

The name is already taken The name is available. Register?

ޙަކީމު

23 September 2022

ޥަރަށް މުހިންމު ވާހަކަ ކޮޅެއް. ޝުކުރިއްޔާ!

The name is already taken The name is available. Register?

މަސާޖުމަޖްލިސް

23 September 2022

ކިހިނެއްތޯ ތިކަންވާނީ މިއަދު ހުތުބާގަވެސް މުހިންމީ އިމާރަތްކުރުމާއި މޫސުމާއިބެހޭ އިދާރާގެ ބަސްއެހުމާއި ބަލަައިގެން ސައިކަލް ދުއްވުމެވެ. އަނެއްކޮޅުން މަސާޖުޕާލާގެ ވިޔަފާރި މެކުހަށް ޖަހަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454