ފޯނާ ނުލައި ކެތްވާނީ ކުޑަ އިރުކޮޅަކު

ސްމާޓްފޯނަކީ އެކަނިވެރިކަން ފިލުވައިދޭ އެއްޗަކަށް ވަނީ ވެފަ އެވެ. އެކަމަކު ފޯނަށް ދެވި ހިފުމުގެ މައްސަލަ ވެސް ހަމަ އެހާ ބޮޑެވެ.


ސައިކޮލޮޖިސްޓުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ފޯނު ގެންގުޅޭ މީހަކަށް އެއާ ނުލައި އުޅުމަކީ ވަރަށް ދަތި ކަމެކެވެ. ފޯނު ނެތް ނަމަ މަދު މިނެޓްކޮޅެއްގެ ތެރޭގައި މީހާ ސްޓްރެސްވާ ކަމަށް ދިރާސާއިން ދެއްކި އެވެ.

ސައިކޮލިޖިސްޓުން ބުނީ ފޯނު އަތުލުމުން މިނެޓްކޮޅެއްގެ ތެރޭގައި މީހާ ސްޓްރެސްވާ ކަމުގެ އަލާމާތްތައް ފެންނަން ފަށާ ކަމަށާއި އުމުރުން 18 އަހަރާއި 26 އަހަރާ ދެމެދުގެ ޒުވާނުންގެ ކިބައިން މި މައްސަލަ ފެންނަ މިންވަރު އިތުރު ކަމަށެވެ.

މި ދިރާސާގައި، އެއްބައެއްގެ އަތުގައި ފޯނު ބާއްވާފައި އަދި އަނެއް ބައެއްގެ އަތުން ފޯނު އަތުލި އެވެ. ސްޓްރެސްވުމުން މިޒާޖަށް އަންނަ ބަދަލުތައް ބޮޑަށް ފާހަގަވެފައި ވަނީ ފޯނު އަތުލާފައި ތިބި މީހުންގެ ކިބައިންނެވެ. އަދި އާންމުކޮށް ގެންގުޅޭ ފޯނު އަތުލުމަށް ފަހު އެހެން ފޯނެއް ދިން މީހުންގެ ކިބައިން ސްޓްރެސްގެ އަސަރު ފެނުނު މިންވަރު ވެސް ދަށްކަން ފާހަގަވި އެވެ.

ހަންގޭރީގެ އިއޯވޮސް ލޮރެންޑް ޔުނިވަސިޓީގެ ތަޖުރިބާކާރުންގެ މި ދިރާސާއަށް ފަހު ބުނީ އިންސާނުންނަށް، އޭނާ ގަޔާވާ އެއްޗެއް ގެންގުޅުމުން ހިތްހަމަޖެހުން ލިބޭ ކަމަށާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް މިކަން އޮންނަނީ މިހެން ކަމަށެވެ. އެކަމަކު ފޯނުގެ ހާއްސަކަން ވަކިން ބޮޑުވަނި ފޯނަށް އޮންނަ ލޯތްބާއި އޭގެ ސަބަބުން އެކި މީހުންނާ ގުޅުވައިދޭތީ ކަމަށް ސައިކޮލޮޖިސްޓުން ބުންޏެވެ.

މި ދިރާސާގައި ބައިވެރިކުރި 18-26 އަހަރުގެ މީހުންގެ އަތުން ފޯނު އަތުލުމުން އަންނަ ބަދަލުތައް ބެލުމަށް އެ މީހުން އުޅޭ ގޮތް ވީޑިއޯކޮށް އަދި ހިތުގެ ހިނގުމަށް އަންނަ ބަދަލު ވެސް ބެލި އެވެ. މި ބައިވެރިންގެ ތެރެއިން އެއް ބައެއްގެ ފޯނުތައް އަތުލައި ކަބަޑަކަށް ލީ އެވެ. އަދި މި 87 ބައިވެރިން ތަނެއްގެ އެތެރޭގައި ބައިތިއްބައި، އެ މީހުންނާ އެކި މަސައްކަތްތައް ހަވާލުކުރި އެވެ. މިގޮތަށް ބެލުމުން އެނގުނު ގޮތުގައި، އަތުގައި ފޯނު ނެތް މީހުން މަސައްކަތަށް ދިން ސަމާލުކަން ކުޑަވެ، މަސައްކަތް މެދުކަނޑާލާފައި އެކި ހަރަކާތްތައް ކުރުމުގައި ތިބި މިންވަރު އިތުރެވެ.

ތަޖުރިބާކާރުންގެ ޓީމުން ބުނީ ފޯނަށް ދެވި ހިފުމުގެ މައްސަލަ ބޮޑު ކަމަށާއި ފޯނު ނެތް ނަމަ ވެދާނެ ގޮތަކާ މެދު ކަންބޮޑުވެ ހާސްވާ ޒުވާނުން ވަރަށް ގިނަ ކަމަށެވެ. މި މައްސަލަ ކޮންމެ ފަސް މީހަކުން އެކަކަށް ކުރިމަތިވެފައިވާ ކަމަށް ދިރާސާ ޓީމުން ބުންޏެވެ. މި މައްސަލައަށް މިހާރު ވަނީ ނަމެއް ވެސް ދީފަ އެވެ. އެއީ "ނޮމޮފޯބިއާ" އެވެ.