އުމުރުން 50 އިން މައްޗަށް ދިއުމުން ކަސްރަތު ވަރަށް މުހިންމު

އުމުރުން 50 އަހަރު ވުމަށް ފަހު ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓަން ބޭނުން ނަމަ ކޮންމެ ހަފުތާއަކު ވެސް އާދައިގެ ކަސްރަތު، ތަކުރާރުކުރުން ވަރަށް މުހިންމު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


މީގެ ކުރިން ކޮށްފައިވާ 39 ދިރާސާއަކުން މައުލޫމާތު އެއްކޮށްގެން ކުރި އާ ދިރާސާއިން ދައްކަނީ ވިސްނުމާއި ހަނދާން ގަދަކުރުމަށް އެންމެ ބޮޑަށް އެހީވަނީ ހިތާއި ހަށިގަނޑުގެ މަސްތަކަށް ކަސްރަތު ލިބުމުން ކަމަށެވެ. ދިރާސާއިން ފާހަގަވި އެންމެ ހާއްސަ ކަމަކީ، އުމުރުން ދުވަސްވެ ސިކުނޑީގެ ބާރު ދަށްވަމުން ދާއިރު ވެސް ކަސްރަތުން ސިކުނޑިއަށް ފައިދާވާ ކަމެވެ.

އޮސްޓްރޭލިއާގެ ސައިންސްވެރިންގެ މި ދިރާސާގައި ބުނީ ކަސްރަތުން ސިކުނޑިއަށް ފައިދާވަނީ އުމުރުން ދުވަސްވީ މީހުންނަށް އެކަނި ނޫން ކަމަށާއި ކޮންމެ އުމުރެއްގައި ވެސް ކަސްރަތުން ސިކުނޑި ވަރުގަދަވާ ކަމަށެވެ.

ބްރިޓިޝް ޖާނަލް ސްޕޯޓްސް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ އުމުރުން ދުވަސްވުމުން، ބުރަ ކަސްރަތު ނުކުރެވޭ މީހުންނަށް، އެއް ތަނެއްގައި ހުރެގެން ކުރެވޭ އާދައިގެ ކަސްރަތުން ވެސް ފައިދާކުރާނެ ކަމަށެވެ.

ހަރަކާތްތެރި ކަސްރަތުން ވަރަށް ގިނަ ބަލިތަކާ ދުރުކޮށްދޭ ކަމީ ކުރިން ވެސް ދިރާސާތަކުން ހާމަވާ ކަމެކެވެ. އަދި ހާއްސަކޮށް، ޓައިޕް 2 ޑައެބެޓީސް އާއި ބައެއް ބާވަތްތަކުގެ ކެންސަރުން ސަލާމަތްވުމަށް ފަހު ކަސްރަތު ވަރަށް މުހިންމެވެ. މި ބަލިތަކަކީ އުމުރު ދެ ބައިވެ ސިކުނޑީގެ ބާރު ދަށްވަމުން އަންނަ ދުވަސްވަރު އާންމުކޮށް ދިމާވާ ކަންކަމުގެ ގޮތުގައި ފާހަގަވެފައިވެ އެވެ.

ކަސްރަތުން ސިކުނޑިއަށް ފައިދާކުރަނީ، ކަސްރަތުން ސިކުނޑިއަށް ލެޔާއި އޮކްސިޖަނާއި ނިއުޓްރިއަންޓްސް ފޮނުވައިދިނުން އިތުރުވާތީ އެވެ. ޔުނިވަސިޓީ އޮފް ކެންބެރާގެ ދިރާސާގައި ބުނީ މި ކަންކަމުން ސިކުނޑީގެ ސިއްހަތު ރަނގަޅުވެ އާ ނިއުރޯން އުފައްދައި ސިކުނޑީގެ ގުޅުންތައް ވަރުގަދަކޮށްދޭ ކަމަށެވެ.