ސިއްހީ ދާއިރާގެ ވަރަށް ބޮޑު ހަތަރު ކަމެއް

ޓެކްނޮލޮޖީއާ އެކު ޖައްވު ފަހަތަކުރަނީ އެވެ. މާ ދުރުގައިވާ ޕްލެނެޓްތައް ހޯދައި، އަވަށްޓެރި ޕްލެނެޓްތަކުން ޝައުގުވެރި ފޮޓޯ އާއި މައުލޫމާތު ގެނެސްދެނީ އެވެ. އިންސާނުންގެ ހަށިގަނޑާ ގުޅޭ ގޮތުން ވެސް އާ ކަންތައްތައް އެބަ ހޯދަ އެވެ. އެކަމަކު އެހާ ބޮޑު ސަމާލުކަމެއް އެ ކަންކަމަށް މިހާރު ނުލިބެ އެވެ.


މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ސިއްހީ ދާއިރާއަށް އިންގިލާބުތަކެއް ގެނުވަފާނެ ފަދަ މުހިންމު ކަންތައްތަކެއް ހޯދިފަ އެވެ. މިއީ އޭގެ ތެރެއިން ބައެއް ކަންކަމެވެ.

އެތެރެހަށީގެ އާ ގުނަވަނެއް "ކަނޑައެޅުން"

އެތެރެހަށީގެ އާ ގުނަވަނެއްގެ ގޮތުގައި "މިސެންޓްރީ" ކަނޑައެޅުން ވެގެން ދިޔައީ މި އަހަރުގެ މުހިންމު ޚަބަރަކަށެވެ. މިސެންޓްރީ އަކީ ހަށިގަނޑުގައި ހިމެނޭ ބައެއް ކަން 1508 ވަނަ އަހަރުން އެނގިފައި ވިޔަސް އެއީ ވަކި ގުނަވަނެއްގެ ގޮތުގައި ނުބަލަ އެވެ. އެއީ ވަކި ގުނަވަނެއްގެ ގޮތުގައި ބަލައިގަތުމާ އެކު އެއާ ބެހޭ ގޮތުން އިތުރު ދިރާސާތައް ކުރުމުގެ ދޮރު ވަނީ ހުޅިވިފަ އެވެ.

މިސެންޓްރީ

މިސެންޓްރީ ވަކި ގުނަވަނެއް ގޮތުގައި ފާހަގަކުރީ އަޔަލަންޑްގެ ޔުނިވާސިޓީ ހޮސްޕިޓަލް ލިމަރިކްގެ ޕްރޮފެސަ ޖޭ ކެލްވިން ކޮފްރީ އެވެ. މިސެންޓްރީގެ މައިގަނޑު ބޭނުމަކީ އެތެރެހަށީގައި ގޮހޮރު ހިފެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގުނަވަނުގެ އިތުރު ބޭނުންތައް ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ހަޖަމް ކުރުމުގެ ނިޒާމުގެ ބަލިތަކާ މި ގުނަވަނާ ގުޅުމެއް ވާކަން ދިރާސާތަކުން ވަނީ ހާމަވާން ފަށައިފަ އެވެ. މިއީ ބޭސްވެރިކަމުގެ ދާއިރާއަށް ފައިދާ ހުރި ބަދަލުތަކެއް އަންނާނެ ހޯދުމެކެވެ.

ސްޓްރޯކް ޖެހި ވާގިނެތޭ މީހުންނަށް އުންމީދެއް

ސްޓެމް ސެލް ބޭނުންކޮށްގެން ކުރާ ފަރުވާތަކުގައި މިދިޔަ އަހަރާއި މިއަހަރު ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ. ސްޓެމް ސެލްސްއަކީ ވަކި ގުނަވަނަކަށް ހާއްސަ ނުވާ ސެލްތަކެވެ. ފަސް ދުވަހުގެ އެމްބްރިޔޯއިންނާއި ބައެއް ގުނަވަންތަކުން ސްޓެމް ސެލް ނެގެ އެވެ. މިދިޔަ އަހަރު ވަނީ ސްޓްރޯކް ޖެހިފައި ތިބި މީހުންނަށް ސްޓެމް ސެލް ބޭނުން ކޮށްގެން ފަރުވާ ދީފަ އެވެ.

ސްޓްރޯކް ޖެހިފައި ތިބި މީހުންގެ ސިކުނޑި އަށް ސްޓެމް ސެލްސް އިންޖެކްޓް ކުރި އެވެ. އޭގެ ސަބަބުން އެމީހުންގެ ފަރުވާއަށް ތިން މަހުގެ ތެރޭ ބޮޑު ކުރިއެރުމެއް ލިބި، ނުހިނގިފައި ތިބި ބައެއް މީހުން ހިނގަން ވެސް ފެށި އެވެ. މިއީ ގެއްލުން ހުރި ޕްރޮސީޖާއެއް ނޫންކަން އިތުރު ދިރާސާތަކުން މިއަހަރު ކަށަަވަރުވި އެވެ.

އެކްޒީމާ އަށް ފަރުވާއެއް ހޯދުމުގެ މަގު ފަހިވުން

ހަމުގެ ބައްޔެއް ކަމަށްވާ އެކްޒީމާ ޖެހެނީ ފިލޭގްރިން ކިޔާ ޕްރޮޓީނެއް ހަށިގަނޑުގައި މަދުވުމުން ކަމަށް އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނިވާސިޓީގެ ދިރާސާއަކުން މިއަހަރު ޔަގީންވި އެވެ. އެކްޒީމާ ޖެހިފައި ތބޭ މީހުންގެ ހަންގަނޑު މާބޮޑަށް ހިކި، ގައި ހިރުވާ އަދި ގައި ކަހާތީ ހަމުގައި ހުންނަނީ ކުރަ ލައިފަ އެވެ.

އެކްޒީމާއަށް ފަރުވާއެއް ހޯދުން އުނދަގޫވެފައި ވަނީ، އެ ބަލީގެ އެކި ވައްތަރުތައް އުޅޭތީ އާއި އެކްޒީމާ ޖެހޭ ސަބަބުތައް ނޭނގޭތީ އެވެ. އެކްޒީމާއަށް ދެމުން އައީ އާދައިގެ އާންމު ފަރުވާ އެވެ. ނިއުކާސަލް ޔުނިވާސިޓީން ބުނި ގޮތުގައި، މި އާ ހޯދުންތަކުގެ އަލީގައި، މިކަމަށް ދާއިމީ ފަރުވާއެއް ހޯދޭނެ އެވެ.

ލޮލުގެ ސާޖަރީގައި ކާމިޔާބުކަމާ އެކު ރޮބަޓް ބޭނުން ކުރުން

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސާ ރޮބާޓް މެކްލެރަން ރޮބޮޓް ބޭނުންކޮށްގެން ލޮލުގެ ސާޖަރީއެއް ކާމިޔާބުކުރި އެވެ. އެއީ ލޮލުގެ އޮށުގެ އެންމެ އެތެރެ ބައި ކަމަށްވާ ރެޓިނާގައި އުފެދިފައި އިން ތުނި ފަށަލައެއް ނަގަން ކުރި އޮޕަރޭޝަނެކެވެ.

ރޮބޮޓް ބޭނުންކޮށްގެން ކާމިޔާބުކަމާ އެކު ލޮލުގެ ނާޒުކު އޮޕަރޭޝަނެއް ވަނީ ކޮށްފައި

ލޮލުގެ ނާޒުކު ކަމުން ކުރަން އުނދަގޫ މި އޮޕަރޭޝަނުގައި ރޮބޮޓް ބޭނުންކުރުމުން، ސާޖަރީއަށް ފަހު ލޮލަށް ލިބޭ ކުދި ގެއްލުންތައް މަދުވިކަން އެނގިގެން ދިޔަ އެވެ. މިއަހަރު ރޮބޮޓް ބޭނުންކޮށްގެން މި އޮޕަރޭޝަން އިތުރު ހަ މީހަކަށް ކޮށްފައިވެ އެވެ. ލޮލުގެ އޮޕަރޭޝަނަށް ބޭނުންކުރާ ރޮބޮޓަކީ ރޮބޮޓިކް ރެޓީނަލް ޑައިސެކްޝަން ޑިވައިސް (އާރްޓޫޑީޓޫ) އެވެ.