ޕްރިންސް ހެރީގެ ކުރީގެ ދެ ލޯބިވެރިން ކައިވެނީގެ ހަފުލާގައި ބައިވެރިވާނެ

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ، އަންނަ މެއި މަހުގެ 19 ވަނަ ދުވަހު ކައިވެނި ބައްލަވައިގަންނައިރު އެ ހަފުލާގައިި އޭނާގެ ކުރީގެ ދެ ލޯބިވެރިން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޑެއިލި މެއިލުން ބުނާ ގޮތުގައި ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ބަތަލާ މެގަން މާކަލްގެ ކައިވެނީގެ ރަސްމިއްޔާތަށް ހެރީގެ ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ޗެލްސީ ޑޭވިސް އާއި ކްރެޒިޑާ ބޯނަސް ބައިވެރިވާނެ އެވެ. އެގޮތުން ޗެލްސީ އަށް މިހާރު ވެސް ދައުވަތު ދީފައިވާ ކަމަށް އީ-ނިއުސް އިން ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ހެރީ އާއި ޗެލްސީ ރައްޓެހިވެގެން ގާތްގަނޑަކަށް ހަތް އަހަރު ވަންދެން އުޅުނެވެ. އަދި ކްރެޒިޑާ އާއި ހެރީ ދެ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އެ ދެ މީހުން ވަކިވީ 2014 ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރީގެ ދެ ލޯބިވެރިންނާ ވަކިވިޔަސް އެ މީހުންނާއި ހެރީއާ ދެމެދު އަބަދު ވެސް ގާތްގުޅުމެއް އޮވެ އެވެ. އަދި ވަރަށް އާންމުކޮށް އެ މީހުންގެ މެދުގައި އެކި ކަންކަމާ ގުޅޭ ގޮތުން މުއާމަލާތް ވެސް ކުރެވޭ ކަމަށްވެ އެވެ.

ހާއްސަކޮށް ޗެލްސީ އާއި ހެރީއާ ދެމެދު ވަރަށް ގާތް އެކުވެރި ކަމެއް އޮންނަ ކަމަށް މީޑިއާތަކުން ބުނެ އެވެ.

"އެހާ ގާތް އެކުވެރި ކަމެއް ކުރީގެ ދެ ލޯބިވެރިންނާ އެކު ވެސް އޮންނާތީ ހެރީ ބޭނުމެއް ނުވޭ، އޭނާގެ ހަޔާތުގެ މުހިއްމު ދުވަހެއް ޗެލްސީ އާއި ކްރެސިިޑާ ބައިވެރި ނުކޮށް ކުރިއަށް ގެންދަން. އެހެންވެ އެ ދެ މީހުން ވެސް ކައިވެނީގެ ހަފުލާގައި ބައިވެރި ވާނެ،" ހެރީގެ ގާތް މީހަކާ ހަވާލާދީ ޑެއިލީ މެއިލުން ބުންޏެވެ.

ހެރީގެ ކުރީގެ ލޯބިވެރިން އޭނާގެ އަލަތު ކައިވެނި ހަފުލާގައި ބައިވެރި ވިޔަސް، މޭގަންގެ ކުރީގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ޓްރެވާ އެންޖެލްސަން އެ ހަފުލާގައި ބައިވެރިއެއް ނުވާނެ އެވެ. އެކަމަކު މޭގަންގެ ވަރަށް ގާތް ދެ އެކުވެރިން ކަމަށްވާ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ޓެނިސް ތަރި ސެރީނާ ވިލިއަމްސް ހަފުލާގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ޕްރިންސް ހެރީ އާއި މޭގަލް މާކަލް: ކައިވެނި ކުރާނީ އަންނަ މެއި މަހުގެ 19 ގައި.

މެއި މަހުގެ 19 ވަނަ ދުވަހު ބާއްވާ އަދި މުޅި ދުނިޔެ ބަލާނެ، ޝާހީ ކުލަގަދަ ކައިވެނީގެ ހަފުލާ ކުރިއަށް ދާނީ ވިންސާ ކާސްލްގެ ސެއިންޓް ޖޯޖް ޗަޕެލްގައި މި ކައިވެނި ކުރާނީ އިގިރޭސިވިލާތުގެ ގަޑިން އެ ދުވަހު މެންދުރު 12:00 ގަ އެވެ. އެއީ ރާއްޖޭ ގަޑިން ހަވީރު 5:00 ގަ އެވެ.

އެއަށް ފަހު މެހެމާނުންނާ އެކީ ސެއިންޓް ޖޯޖް ހޯލްގައި ކައިވެނީގެ ރިސެޕްޝަން ކުރިއަށް ގެންދާނެ އެވެ. އަދި ޕްރިންސް ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްގެ ފަރާތުން ދޭ ޕްރައިވެޓް ރިސެޕްޝަނެއް ވެސް އާއިލާގެ މެންބަރުންނަށާއި ގާތް ރަހުމަތްތެރިންނަށް އޮންނާނެ އެވެ.

ޕްރިންސް ހެރީ އާއި މޭގަލްގެ އެންގޭޖްމަންޓް ޝާހީ އާއިލާ އިން ރަސްމީކޮށް އިއުލާން ކުރީ ނޮވެމްބަރު، 27، 2017 ގަ އެވެ.