ލައިފްސްޓައިލް / ސަލްމާން ޚާން

އުމުރުން އެންމެ 10 އަހަރު: ކުޅަދާނަ ލިޔުންތެރިއެއް

ވިޕަންޗީ އޭނާގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮ ވިޔޯނާއާ އެކު.

އިންޑިއާގެ ބެންގަލޫރުގައި އުޅޭ އުމުރުން 10 އަހަރުގެ މި އަންހެން ކުއްޖާއަކީ އާދަޔާހިލާފު މަސައްކަތެއް ކޮށްގެން އާންމުންގެ ސަމާލުކަމަށް އައިސްފައިވާ ކުއްޖެކެވެ.

ވިޕަންޗީ ނަޔަކްއަކީ ވަރަށް ކުޑައިރުން ފެށިގެން ވެސް ލިޔުންތެރިކަމަށް ލޯބި ޖެހި، އެކަމަށް ޝައުގުވެރިކަން ދެމުން އަންނަ ކުއްޖެކެވެ. އެހެންވެ މިދިޔަ އަހަރު އޭނާގެ 10 ވަނަ އުފަން ދުވަހާ ދިމާކޮށް ކުރަން ބޭނުންވި ކަމަކީ ފޮތެއް ލިއުމެވެ. އެއީ ރައްޓެހި ކުދިންނާއި ޓީޗަރުންނަށް ވެސް ހަދިޔާކުރުމަށެވެ.

އެކަމަކު ޕޮންޑިޗެރީގެ ދަ ސްޓަޑީ ސްކޫލްގައި ކިޔަވަމުން އަންނަ ވިޕަންޗީ ލިޔުނު ފޮތަކީ އާދައިގެ ފޮތެއް ނޫނެވެ. ހަމައެއާ އެކު އޭނާ މިހާރު ވެފައި ވަނީ ފޮތެއް ޝާއިއު ކުރި އިންޑިއާގެ އެންމެ ހަގު ލިޔުންތެރިޔާއަށެވެ. ވިޕަންޗީ ލިޔުނީ ސައިންސް ފިކްޝަން ފޮތެކެވެ.

ވިޕަންޗީގެ ފޮތާ ބެހޭ ވީޑިއޯއެއް.

ޖުމްލަ 72 ސަފުހާގެ ފޮތަށް ދީފައިވާ ނަމަކީ "ދަ މިސްޓީރިއަސް ވައިރަސް" އެވެ. ފޮތުގައި ކިޔައި ދެނީ ހިޔާލީ ސިޓީއަކަށް ނުރައްކާތެރި ވައިރަހެއް ފެތުރި، އެކަމުން ސަލާމާތްވާން ސީބީއައި އެޖެންޓުންތަކެއް ކުރާ މަސައްކަތުގެ ވާހަކަ އެވެ.

މި ފޮތް ޗެންނައި ނޯޓޮން ޕްރެސް އިން ޝާއިއުކޮށް، ރަސްމީކޮށް ނެރެފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި ޕޮންޑިޗެރީ ހެރިޓޭޖް ފެސްޓިވަލްގަ އެވެ.

އޭގެ ތެރޭގައި "ދަ މިސްޓީރިއަސް ވައިރަސް" އާންމުވެގެން ދިއުމާ އެކު، ވިޕަންޗީގެ ވާހަކަ މީޑިއާތަކުން ޖާގަ ހޯދި އެވެ. އަދި މި ލިބުނު ފުރުސަތާ އެކު، ވިޕަންޗީ އަށް އަންނަނީ އެކިއެކި ރަސްމިއްޔާތުތަކުގައި ވާހަކަ ދައްކަން ވެސް ދައުވަތު ލިބެމުންނެވެ.

ވިޕަންޗީގެ ފޮތް ނެރުމުގެ ހަފުލާގައި ވާހަކަ ދައްކަނީ.

ސައިންސްގެ ދާއިރާއާ ގުޅުން ހުރި ފޮތެއް، އުމުރުން އެންމެ 10 އަހަރުގެ ކުއްޖަކު ލިޔުމަކީ އާދަޔާހިލާފު ކަމެއްގެ ގޮތުގައި ސިފަކޮށް، ވަރަށް ގިނަ ބަޔަކު ވަނީ ވިޕަންޗީ އަށް ތައުރީފު ވެސް އޮއްސާލައިފަ އެވެ.

ވިޕަންޗީގެ މަންމަ ޗިތުރާ ޕީ. ތޯރްވީ ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ އަބަދު ވެސް ތައުލީމަށް ވަރަށް ލޯބި ކުރާ ކުއްޖެކެވެ. އަދި އެ އުމުރުގެ ކުއްޖަކު ކަންކަމާ ދޭތެރޭ ފިކުރު ނުކުރާ ވަރަށް ވިޕަންޗީގެ ވިސްނުން ފުޅާ ކަމަށް ބުންޏެވެ.

"އެހެންވެ އަހަރެން މީގެ ތިން އަހަރު ކުރިން ޕޮންޑިޗެރީއަށް ބަދަލުވީ ވެސް. ބޭނުން ވަނީ ދެ ދަރިންނަށް ވެސް ރަނގަޅު ތައުލީމެއް ދީގެން، ގައުމަށް ހިދުމަތް ކުރާ ބަޔަކަށް ހަދަން،" ޗިތުރާ ބުންޏެވެ.

ވިޕަންޗީ އިވެންޓްގައި ވާހަކަ ދައްކަނީ.

ވިޕަންޗީ މިހާރު ވަނީ "ދަ މިސްޓީރިއަސް ވައިރަސް" ވިއްކައިގެން ލިބޭ ފައިދާ އިން އޭނާ އަށް ލިބޭ ބައިން، އެހީތެރިކަން ބޭނުންވާ މީހުންނަށާއި ޖަނާވަރުންގެ ހިމާޔަތަށް ކުރާ މަސައްކަތްތަކަށް އެހީވާން ނިންމައިފަ އެވެ. އެ ފޮތް އޮންލައިން ބައެއް ފިހާރަތަކުން ވެސް މިހާރު ގަންނަން ލިބޭނެ އެވެ.

"ސަލާން ޖަހާ މީހުން ފެންނާތީ އަބަދު ވެސް ވިޕަންޗީ ބުނާނެ ކޮންމެވެސް ގޮތަކަށް ފައިސާ ހޯދައިގެން އެފަދަ މީހުންނަށް އެހީވާން ބޭނުންވާ ވާހަކަ،" ސުޗިތުރާ ބުންޏެވެ. "އެހެންވެ އޭނަގެ ފޮތް ޝާއިއުކޮށްގެން އެއިން ލިބޭ ލާރިން އެކަން ކުރަން މަގުފަހިވީމަ ދަރިފުޅު ވަރަށް އުފަލުން މިހާރު ހުންނަނީ."

ވިޕަންޗީގެ މިހާރުގެ އެންމެ ބޮޑު ހުވަފެނަކީ އޭނާގެ ފޮތް "ދަ މިސްޓީރިއަސް ވައިރަސް" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކްޓަރު ސަލްމާން ހާނަށް ހަދިޔާ ކުރުމެވެ.

0 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 11%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454