ކާނާތަކެއް ތަފާތު ސޯޝަލް މީޑިއާ އެޕްތައް ރަމްޒުކޮށްދޭ ގޮތަށް ހަދާފައި.
10 ޖޫން 2018 - 08:24
އަތުގައި އޮންނަ ސްމާޓް ފޯނާ އެކު މިހާރު ކޮންމެ މީހަކީ ވެސް ސޯޝަލް މީޑިއާގެ ދުނިޔޭގައި ބިޒީ މީހެކެވެ. މިކަމުގެ ސަބަބުން ދިމާވާ ގޯސްތަކުގެ ވާހަކަ ދައްކާއިރު، ދިރިއުޅުމަށް ލިބުނު ލުއިތަކާއި އޭގެ ސަބަބުންވި ފަސޭހަތަކުގެ ވާހަކަ ވެސް ދޫކޮށްލައިގެން ނުވާނެ އެވެ.
އެގޮތުން ފޭސްބުކާއި އިސްޓަގްރާމާއި ޔޫޓިއުބާއި ޕިންޓްރެސްޓް ފަދަ ވަސީލަތްތަކަކީ އާންމުންގެ ސިއްހަތަށް ވެސް، އެދެވޭ ހެޔޮ ބަދުލުތަކެއް ފޯރުވާ އެއްޗެހި ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ހާއްސަކޮށް، ތަފާތު ވައްތަރުގެ ކެއުންތަކާއި އެ ކެއުންތައް ތައްޔާރު ކުރާނެ ގޮތާއި އޭގެ ރެސިޕީތައް އިސްޓަގްރާމް ކަހަލަ ޕްލެޓްފޯމްތަކުގައި ކިޔައިދޭތީ، އާންމުންގެ ސިއްހަތަށް ހެޔޮ ބަދަލުތަކެއް ގެންނަން ބާރަކަށްވާ ކަމަށް އެފަދަ ޕޭޖްތައް ހިންގާ މީހުން ވެސް މިހާރު ގަބޫލުކުރެ އެވެ.
އެގޮތުން، ދުޅަހެޔޮ ކާނާ އަށް ސޯޝަލް މީޑިއާގެ ސަބަބުން އިނގިރޭސިންގެ ކިބައިގައި މިހާރު ލޯބި އިތުރުވެފައިވާ ކަމަށް ގަބޫލުކުރާ މަޝްހޫރު ޝެފުން މިހާރު ބައިވަރެވެ.
އިސްޓަގްރާމްގައި 228،000 ފޮލޯވަރުންނާއި 250،000 ސަބްސްކްރައިބުން ތިބި މަޝްހޫރު ޒުވާން ޝެފް ގެޒް އޯކްލީ، 26، ބުނި ގޮތުގައި އޭނާގެ ޕޭތްޖަތަކަށް މީހުން ލޯބިކުރަނީ ސިއްހީ ގޮތުން ފައިދާ ހުރި ކާނާތައް ޕްރޮމޯޓް ކުރަން މަސައްކަތް ކުރާތީ އެވެ.
އޯކްލީގެ ފޭސްބުކް ޕޯސްޓެއް.
އޯކްލީ ބޮޑަށް މަޝްހޫރީ ވެޖެޓޭރިއަން ކެއުންތަކަށް ހާއްސަ މީހެއްގެ ގޮތުގަ އެވެ. މާނައަކީ މަހުގެ ބާވަތްތަކާ ދުރު ކެއުންތަކީ ފޫހި ނޫން ކާނާތަކެއްގެ ގޮތުގައި ވިސްނައި ދޭން އޭނާ ކުރާ މަސައްކަތްތައް ބޮޑެވެ.
"އަހަރެން ބުނާނީ ޔޫޓިއުބާއި އިސްޓަގްރާމަކީ ހަމަ ޖާދުލެއް ކަހަލަ ޕްލެޓްފޯމްތަކޭ. ވަރަށް ގިނަ މީހުން މިހާރު ރެސްޓޯރަންޓްތަކަށް ކާން ވަދެލާފައި، މި އެއްޗެހި ފުރަތަމަ ކަމަކަށް ހާވާލާނެ،" އޯކްލީ ބުންޏެވެ. "މާނައަކީ ސިއްހަތަށް ފައިދާ ހުރި އެއްޗިއްސަށް ލޯބި ކުރާ މީހުން މިހާރު ގިނަވެއްޖޭ ސޯޝަލް މީޑިއާގެ ސަބަބުން."
އިންޓަނެޓްގެ ފަސޭހަތަކާ އެކު މުޅި ދުނިޔެ މިހާރު ކުޑަވެފައިވާ އިރު، ސޯޝަލް މީޑިއާތަކުން މިހާރު ތަފާތު އެކި ކަހަލަ ކާނާތައް ފެނި، އެ އެއްޗެހި ތަޖުރިބާ ކުރުމުގެ ޝައުގު ވެސް މީހުންގެ މެދުގައި ވަނީ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy