ކަސްރަތުން ނަފްސާނީ މައްސަލަތަކާ ދުރުކޮށްދޭ

ކަސްރަތު ކުރުމުން ނަފްސާނީ މައްސަލަތަކާ ދުރުކޮށްދޭ ކަމަށާއި އެކަމަކު އެކަށީގެންވާ ވަރަށް ވުރެ ގިނައިން ކަސްރަތުކުރުން ގޯސް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


އެމެރިކާގެ 1.2 މިލިއަން މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއަކަށް ފަހު ބުނީ މީގެ ތެރެއިން ކޮންމެ މީހަކީ ވެސް ކޮންމެ މަހަކު އެވްރެޖްކޮށް 3.4 ދުވަހު، ނަފްސާނީ އުނދަގޫތަކާ ކުރިމަތިވާ މީހުން ކަމަށެވެ. އެކަމަކު ޖިސްމާނީ ގޮތުން ހަރަކާތްތެރި މީހުންގެ މި މައްސަލަ، އެހެން މީހުންނާ އަޅާބަލާއިރު 1.5 ދުވަސް މަދުކަން ހާމަވި އެވެ.

އެންމެ ބޮޑު ހެޔޮ ބަދަލެއް ފެނުނީ ކޮންމެ ހަފުތާއަކު 3-5 ފަހަރު 45 މިނެޓު ވަންދެން ހަރަކާތްތެރިކޮށް އުޅޭ މީހުންނަށެވެ.

ދިރާސާއިން އެނގުނު ގޮތުގައި ނަފްސާނީ މައްސަލަތަކުގެ ތެރެއިން ވެސް ކަސްރަތުން އެންމެ ބޮޑު ލުޔެއް ލިބެނީ ޑިޕްރެޝަނަށެވެ. އެގޮތުން، ޑިޕްރެޝަން ހުންނަ މީހުންނަށް ކޮންމެ މަހަކު އެވްރެޖްކޮށް 10.9 ދުވަހު އުނދަގޫތަކާ ކުރިމަތިވާއިރު، މީގެ ތެރެއިން ކަސްރަތުކުރާ މީހުންނަށް މި އުނދަގޫތަކާ ކުރިމަތިވި ދުވަހުގެ އަދަދު 3.75 މަދެވެ.

ޔޭލް ޔުނިވަސިޓީގެ މި ދިރާސާގައި ބުނި ގޮތުގައި ޑިޕްރެޝަނަކީ މުޅި ދުނިޔޭގައި ވެސް ސީރިއަސްވެ އާންމުވަމުން އަންނަ މައްސަލައެއް ކަމަށް ވާއިރު ޑިޕްރެޝަނުން ސަލާމަތްވާނެ ގޮތްތައް ވަނީ ހޯދަންޖެހިފަ އެވެ.

ކަސްރަތުގެ ތެރެއިން، ބައިސްކަލް ދުއްވުމާއި އެރޮބިކްސް އާއި ޖިމަށް ދިއުން ފަދަ، ގިނަ މީހުން ބައިވެރިވެގެން ކުރިއަށް ގެންދާ ކަސްރަތުން ނަފްސާނީ މައްސަލަތަށް ބޮޑަށް ލުއިވާކަން ދިރާސާއިން ފާހަގަވި އެވެ.

ކަސްރަތުން ނަފްސާނީ މައްސަލަތަކާ ދުރުކޮށްދެނީ ކިހިނެއް ކަމެއް މި ދިރާސާގައި ބަލައިފައެއް ނުވެ އެވެ.

މި ދިރާސާ މި މަހުގެ 8 ވަނަ ދުވަހުގެ، ލާންސިޓް ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.