ލޭމައްޗަށްދާ ނަމަ ބޭހުން ކުރާ ފައިދާ ކަސްރަތުން ލިބިދާނެ

ލޭމައްޗަށްދާ މީހުން ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ ބޭހުން ލިބޭ ފައިދާ، ކަސްރަތު ކޮށްގެން ވެސް ލިބިދާނެ ކަމަށް ދިރާސާއަކަށް ފަހު ބުނެފި އެވެ.


"ބުރަ، އެކި ބާވަތުގެ ކަސްރަތު ހިމެނޭ ގޮތަށް ގަވައިދުން ކަސްރަތުކުރާ ނަމަ ލޭގެ ޕްރެޝަރު ދަށްވާ ކަމުގެ ވަރަށް ޔަގީން ހެކި ވަނީ ލިބިފައި،" އިނގިރޭސި ވިލާތުގެ ދިރާސާ ޓީމުން ބުންޏެވެ.

ނަމަވެސް އެ ޓީމުން ބުނީ ލޭމައްޗަށްދާ މީހުން ބޭހުގެ ބަދަލުގައި ކަސްރަތުކުރަން ލަފާ ދޭން އަދި މާ އަވަސް ކަމަށާއި އާ ދިރާސާއާ ބެހޭ ގޮތުން އަދި އިތުރަށް ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން، ބޭހުން އަންނަ ބަދަލާއި ކަސްރަތުން އަންނަ ބަދަލު ސީދާ ގޮތެއްގައި އަދި ބަލާފައި ނުވާ ކަމަށް ބުންޏެވެ.

ނަމަވެސް އެ ޓީމުން ބުނީ ލޭމައްޗަށްދާ އެތައް ސަތޭކަ މީހުންނެއްގެ މެދުގައި ކޮށްފައިވާ ދިރާސާތަކުން، ބޭހާ އެއްވަރުގެ ފައިދާއެއް ކަސްރަތުން ވެސް ލިބޭކަން އެނގޭ ކަމަށެވެ.

ދިރާސާއާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ ލޭމައްޗަށްދާ މީހުން ކަސްރަތު ކުރުމަށް ލަފާ ދިނުމަކީ އިހްތިޔާރީ ކަމެއް ނޫން ކަމަށާއި އެކަން ކުރަން ޖެހޭނެ ކަމަށެވެ.

"ކަސްރަތަކީ ލޭމައްޗަށް ދިއުމުގެ މައްސަލަ އަށް ފަރުވާކުރުމުގައި މައިގަނޑު އެއް ކަންތައް. އެކަމަކު ބޭސް ބޭނުންކުރަންޖެހޭ ހާލަތުގައި ހުރި މީހަކަށް ބޭހުގެ ބަދަލުގައި ހަމައެކަނި ކަސްރަތެއް ރަނގަޅެއް ނުވާނެ،" ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި ނިއު ޔޯކްގެ އެޓްލަސް ބާސް ހާޓް ހޮސްޕިޓަލްގެ ޑރ. ގައި މިންޒް ވިދާޅުވި އެވެ.

މި ދިރާސާ މި މަހުގެ 18 ވަނަ ދުވަހު ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގައި ވަނީ ޝާއިއުކޮށްފަ އެވެ.