ވަޒީފާ އަދާކުރާ މައިން ސްޓްރެސް އަށް ސަމާލުވޭ

އެއް ކުދިންނަށް ވުރެ ގިނަ ކުދިން ތިބޭ، ފުލް-ޓައިމް ވަޒީފާ އަދާކުރާ މައިން ސްޓްރެސް ވުމުގެ ފުރުސަތު އެހެން މީހުންނާ އަޅާބަލާއިރު 40 ޕަސެންޓް ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ބްރިޓިޝް ސޯޝޮލޮޖިކަލް އެސޯސިއޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ މެންޗެސްޓަ އާއި އެސެކްސް ޔުނިވަސިޓީން ހެދި ދިރާސާގައި ބުނީ ފުލް-ޓައިމް ވަޒީފާ އަދާ ކުރާ އެކަމަކު ދަރިން ނެތް އަންހެނުންނަށް ކުރިމަތިވާ ކްރޮނިކް-ސްޓްރެސް ކުޑަ ކަމަށެވެ.

މި ދިރާސާ ހެދުމަށް ފުލް-ޓައިމްކޮށް ވަޒީފާ އަދާކުރާ 6،000 މައިންގެ މައުލޫމާތުތައް އެއްކޮށްފައިވާ އިރު، ސްޓްރެސް ނުވަތަ ހާސްކަމާއި ފިކުރުތަކުން ސިކުނޑި ގަޑުބަޑުވާން މެދުވެރިވާ 11 ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ލޭގެ ޕްރެޝަރާއި ހޯމޯނަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ކަންކަން ވެސް ހިމެނެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދަރިން ބަލަމުން، އަދާކުރާ ވަޒީފާގެ ޒިންމާތައް ނަގަން އުޅެގެން މައިންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި އެންޒައިޓީ އާއި ޑިޕްރެޝަނާއި އިންސޯމިއާ ފަދަ ކްރޮނިކް-ސްޓްރެސް ފަދަ މައްސަލަތައް ހިމެނެ އެވެ.

ދިރާސާގައި ބުނި ގޮތުގައި ދެ ކުދިން ތިބޭ މައިން މަސައްކަތްކުރާ ގަޑިތައް ބަހާލައިގެން، ރަސްމީ މަސައްކަތް ފްލެކްސިބަލްކޮށް ކުރިއަށް ގެންދާ ނަމަ ސްޓްރެސް ލެވެލް 37 ޕަސެންޓަށް ކުޑަކޮށް ދޭނެ އެވެ.

"އެހެންވީމާ މީގައި އެންމެ މުހިއްމު ކަމަކީ މަސައްކަތް ކުރާ މައިންނަށް ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމުތަކެއް ވަޒީފާ ދޭ މީހުން ވެސް ހަމަޖައްސައި ދިނުން،" ދިރާސާގައި ބުންޏެވެ. "އެ ނުން ގޮތަކަށް މައިން ވަޒީފާ އަދާ ކުރާ ނަމަ ހިތްހަމަޖެހޭ ކަހަލަ ވޯކް-ލައިފެއް ބެލެންސެއް ނުކުރެވޭނެ."