އެޗްއައިވީ ހުރި މީހެއްގެ ކިޑްނީން އަލަށް ޓްރާންސްޕްލާންޓެއް ހަދައިފި

ފަރުވާއެއް ނެތް އެއިޑްސްގެ ވައިރަސް ޖެހިފައިވާ މީހެއްގެ ކިޑްނީ އެ ބަލި ޖެހިފައިވާ އެހެން މީހަކަށް ހަދިޔާކޮށް މިފަދަ ފުރަތަމަ ކިޑްނީ ޓްރާންސްޕްލާންޓް އެމެރިކާގައި ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.


އުމުރުން 35 އަހަރު އަންހެން މީހާ އަށް ކިޑްނީ ހަދިޔާ ކުރީ އެޗްއައިވީ ވައިރަސް ހުރި އަންހެނެއް ކަމަށްވާ ނީނާ މާޓިނޭޒެވެ. ހޯމަ ދުވަހު މި ޓްރާންސްޕްލާންޓް ހަދާފައި ވަނީ އެމެރިކާގެ މޭރީލޭންޑްގެ ޖޯންސް ހޮޕްކިންސްގަ އެވެ.

އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑރ. ޑޯރީ ސެޖޭވް އާއި ޑރ. ކްރިސްޓީން ޑްރަންޑެވެ. އެ މީހުން ދެ ޑޮކްޓަރުން ވިދާޅުވީ އެޗްއައިވީ ޕޮޒިޓިވް މީހެއްގެ ކިޑްނީ ޕޭޝަންޓަކަށް ޓްރާންސްޕްލާންޓް ކުރަން ނިންމުމަކީ ފުރަތަމަ ދެވަނަ ވިސްނުމަށް ދާން ޖެހުނު ކަމެއް ކަމަށެވެ. އަދި މިހާތަނަށް އެފަދަ އޮޕަރޭޝަނެއްކޮށްފައި ނުވާތީ މިކަން ކުރިއަށް ގެންދިޔައީ "ރިސްކް އަތަށް ލައިގެން" ކަމަށް ވިދާޅުވި އެވެ.

ނީނާ ކިޑްނީ ހަދިޔާ ކުރުމުގެ އޮޕަރޭޝަނުގެ ކުރިން ނަގާފައިވާ ފޮޓޯއެއް.

"އެކަމަކު އޮޕަރޭޝަން ވަރަށް ކާމިޔާބު. ޑޯނާ އާއި ޕޭޝަންޓްގެ ހާލު ވެސް ރަނގަޅު،" ޑޯރީ ވިދާޅުވި އެވެ. "މި އޮޕަރޭޝަނަކީ ދިރިހުއްޓައި އެޗްއައިވީ ޕޮޒިޓިވް މީހެއްގެ ކިޑްނީ އެހެން މީހަކަށް ޓްރާންސްޕްލާންޓް ކުރި ފުރަތަމަ ފަހަރު ވެސް މެ. ޗެލެންޖެއްގެ ގޮތުގައި ރިސްކާ އެކު އަހަރެމެން މިކުރި މަސައްކަތް ކާމިޔާބުވުމަކީ މިކަހަލަ ފަރުވާތަކަށް ލިބުނު ވަރަށް ބޮޑު އުންމީދެއް."

އޭނާ ވިދާޅުވި ގޮތުގައި އެޗްއައިވީ ހުރި ބަލިމީހާގެ އެއް ކިޑްނީ ބަދަލު ކުރަން ކުރި އޮޕަރޭޝަން ކާމިޔާބުވުމަކީ އެޗްއައިވީ ޕޮޒިޓިވް މީހުންގެ ކިޑްނީގެ ބޭނުން ކުރެވިދާނެކަން ސާބިތުކޮށް ދިން ކަމެކެވެ.

ޑރ. ކްރިސްޓީން ވެސް ވިދާޅުވީ މިއީ އެއިޑްސް ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ލިބުނު އާ އުންމީދެއް ކަމަށެވެ.

ކިޑްނީ ހަދިޔާ ކުރި ނީނާ (މ) އޮޕަރޭޝަން ކުރި ދެ ޑޮކްޓަރުންނާ އެކު.

ކިޑްނީ ހަދިޔާ ކުރި އަދި އެޓްލާންޓާ އަށް ނިސްބަތްވާ ނީނާ ބުނީ އެހެން މީހަކަށް އޭނާގެ ކިޑްނީ ހަދިޔާ ކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ،

"މިކަހަލަ ހިޔާލެއް އައީ މަޝްހޫރު ސިލްސިލާ ގްރޭޒް އެނަޓޮމީސްގެ އެޕިސޯޑަކުން ގެނެސް ދިން މަންޒަރެއްގެ ސަބަބުން. އަހަރެން އަދި ވަރަށް އުފާ ކުރަން އަލަށް ކުރެވުނު އޮޕަރޭޝަނެއްގެ ހިއްސާއަކަށްވެވުނީތީ،" އޭނާ ބުންޏެވެ.

މަރު ބައްޔެއްގެ ގޮތުގައި ސިފަކުރާ އެއިޑްސް ބައްޔަށް ދާއިމީ ފަރުވާއެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އުންމީދީ ނަތީޖާތަކެއް އަންނަނީ ފެންނަމުންނެވެ. އެގޮތުން ދާދި ފަހުން އިނގިރޭސިވިލާތުގައި ވަނީ އެއިޑްސް ޖެހިފައިވާ މީހަކު އެ ބަލިން "ސަލާމަތްކޮށްފަ" އެވެ. އެގޮތުން 2003 ގައި އެޗްއައިވީ އަށް ޕޮޒިޓިވްވި މީހާ "ރަނގަޅުކޮށްފައި" ވަނީ ބޯންމެރޯ ސްޓެމް ސެލް ޓްރާންސްޕްލާންޓް ހަދައިގެންނެވެ.