02 މެއި 2019 - 07:38
ބަނޑުގައި "ސިކްސް-ޕެކް" ޖަހާލަން ކަސްރަތުކޮށް ކެއުމަށް ބަދަލުތައް ގެނެސްގެން އުޅޭތާ އެތައް ދުވަހެއް ވާއިރު ވެސް ނަތީޖާ ނުފެނިގެން މާޔޫސްވާ މީހުން މަދެއް ނޫނެވެ. މިކަމުގައި ކެތްތެރިކަމެއް ނެތް މީހުންނަށް ކުރު މަގެއް ހޯދައިފި އެވެ. އެކަމަކު މިއީ ރައްކާތެރި ކަމެއް ނޫނެވެ.
ތައިލެންޑްގެ ބެންކޮކްގައި ހިންގާ ކްލިނިކެއް ކަމަށްވާ މާސްޓަޕީސް އިން މިހާރު އަންނަނީ ޕްލާސްޓިކް ސާޖަރީއަކުން ސިކްސް-ޕެކް އެބް ހާސިލުކޮށް ދެމުންނެވެ.
އެ މީހުން ސާޖަރީ ހެދުމަށް ފަހު ނަގާފައިވާ ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
އެތަނުން ބުނި ގޮތުގައި މިއީ "އެބްނޯމަލް އެޗިން" ކިޔާ ޕްރޮސީޖާއެކެވެ. މާ ބޮޑު ކޮމްޕްލިކޭޝަނެއް އޮތް ކަމެއް ނޫން ކަމަށް ވެސް ބުނެ އެވެ.
މިކަން ގިނަ ބައެއްގެ ސަމާލުކަމަށް ވެސް މިހާރު އައިސްފައިވާ އިރު، ބައެއް މީހުން ވަނީ ޕްލާސްޓިކް ސާޖަރީއަކުން ސިކް-ޕެކް ހަދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
މިކަމާ ބެހޭ ގޮތުން މާސްޓަޕީސްގެ ސީއީއޯ ޑރ. ރަވީވަތު މަސްޗަމަޑޮލް ބުނީ ޕްލާސްޓިކް ސާޖަރީއަކުން ސިކްސް-ޕެކް ހޯދައިދޭ ޕްރޮސީޖާ އެތަނުގައި ޕްރެޓިކްސް ކުރާތާ މިހާރު ގާތްގަނޑަކަށް ހަތަރު އަހަރު ވެދާނެ ކަމަށެވެ. އަދި މަހެއްގެ މައްޗަށް 20-30 އާ ދެމެދުގެ އަދަދަކަށް ކަސްޓަމަރުން އަންނަ ކަމަށް ބުންޏެވެ.
"ޕްލާސްޓިކް ސާޖަރީއެކޭ ކިޔަސް މީގައި އަހަރެން އެއްވެސް މަސްނޫއީ އެއްޗެއް ހަށިގަނޑަކަށް އިމްޕްލާންޓެއް ނުކުރަން. މިސާލަކަށް ޕްލާސްޓިކް ވިޔަސް ސިލިކޮން ކަމަށް ވިޔަސް،" އޭނާ ބުންޏެވެ. "މި ޕްރޮސީޖީއަކީ ހަގީގަތުގައި ލިޕޯސަކްޝަން [ބޭކާރު ފެޓްތައް ދުއްވައިލުން]."
ރަވީވަތު ބުނި ގޮތުގައި މި ސާޖަރީ ހަދަން ނަގާނީ ގާތްގަނޑަކަށް 2-4 ގަޑިއިރެވެ.
"މިއީ އެއްވެސް ވޭނެއް އަދި ތަދެއް ވެސް އިހުސާސް ކުރަން ޖެހޭ ކަމެއް ނޫން،" އެކި ކޮސްމެޓިކް ސާޖަރީތައް ހަދާ މާސްޓަޕީސްއާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
ރަވީވަތު ކިޔައި ދިން ގޮތުގައިި މާސްޓަޕީސް އިން ހިދުމަތް ހޯދަން އަންނަ ގިނަ ފިރިހެނުންނަކީ އާންމުކޮށް ކަސްރަތު ކުރާ މީހުންނެވެ.
"ނުވަދިހަ ޕަސެންޓް ކަސްޓަމަރުންނަކީ ކަސްރަތުކޮށްގެން އެ މީހުން ބޭނުންވާ ކަހަލަ އެބެއް ނުލިބޭ މީހުން. އެހެންވެ އެބްނޯމަލް އެޗިން އަކީ ވަރަށް މަގުބޫލު ހިދުމަތެއް،" އޭނާ ބުންޏެވެ. "މިއީ އަވަހަށް އަދި ފަސޭހަކޮށް މާ ބޮޑު ހަރަދަކާ ވެސް ނުލައި ކުރެވިދާނެ ކަމެއް."
ނަމަވެސް މިކަމާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާއެއްގައި ބުނާ ގޮތުން "އެބްނޯމަލް އެޗިން" ހެދުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މިކަން ތަޖުރިބާ ކުރި އެތައް ބަޔަކަށް ފަހުން ސިއްހީ އެކި ކަހަލަ މައްސަލަތައް ދިމާވެފައިވާކަން ވެސް އޭގައި ފާހަގަކޮށްފައިވެ އެވެ.
ކަސްރަތަށް ހިތްވަރު ދޭ ޒަމާނެއްގައި މިފަދަ ގޮތަކަށް ކުރެވޭ ކަންކަން ބަލައި ނުގަނެވޭ ކަމަށް ވެސް ބައެއް އަންނަނީ ބުނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދީ
02 May 2019
ވާއުވް ލުކްސް ގުޑް. ސަރޖަރީގެ އަގަކީ އެންމެ 42942 ދިވެހި ރުފިޔާ! ޖިމުގައި ވަގުތު ހޭދަކުރުމަށްވުރެ މިކަން ކުރުންރަނގަޅު!