އައިފޯނު ވިޔަފާރި ދަށްވާތީ އެޕަލުން އެހެން ވިޔަފާރިތަކަށް ބަލަނީ

ސްމާޓްފޯން މާކެޓްގައި ވާދަވެރިކަން ބޮޑެވެ. ދެވަނާގައި އޮތް އެޕަލް ފަހަތަށް ޖައްސައި، ޗައިނާގެ ވާވޭ އެ މަގާމު ހޯދައިފި އެވެ. އައިފޯން ވިކޭ އަދަދު މަދުވާން ފަށައިފި އެވެ. އައިފޯނު ވިއްކައިގެން އެޕަލް އަށް ލިބޭ އާމްދަނީ، ދުވަހަކަށް ވުރެ ދުވަހެއް، ދަނީ ދަށްވަމުންނެވެ.


އައިފޯނަކީ އެޕަލް އަށް ބޮޑު އާމްދަނީއެއް ހޯދައިދިން އާލާތެކެވެ. ނަމަވެސް، އެއިރު އައިފޯނު ވިކުނު އަދަދަށް، އައިފޯނު މިހާރަކު ނުވިއްކެވެ. ވާދަވެރި މާކެޓްގައި، ފަރި ނެށުމެއްގައި ނެށޭ ވަރަށް އައިފޯނުގައި އާ ޓެކްނޮލޮޖީއެއް ނެތެވެ.

އެޕަލް އަށް އައިފޯނުން ލިބޭ އާމްދަނީ ދަށްވަނީ، އައިފޯނު ވިކޭ އަދަދު މަދުކަމުން ނޫން ކަމަށް ބުނަން އެޕަލް ބޭނުންވެ އެވެ. އެކަން އެ ގޮތަށް ދިމާވާ ކަމަށް ރިޕޯޓްތަކުގައި ބުނަނީ ކީއްވެކަން އެޕަލް އިން ވަނީ ކިޔައިދީފަ އެވެ. އެ މީހުން ބުނާ ގޮތުގައި، އައިފޯނުން ލިބޭ އާމްދަނީ ދަށްވާ ކަމަށް އެ ބުނަނީ، އައިފޯނުން ލިބޭ އާމްދަނީ އަށް ވުރެ، އެހެން ވަސީލަތްތަކުން އެޕަލް އަށް ލިބޭ އާމްދަނީ އިތުރުވާތީ އެވެ.

އެޕަލް އިން ވިސްނައިދޭން ބޭނުންވަނީ، އައިފޯނު ވިކުން މަދުވި ނަމަވެސް، މާލީ ތަނަވަސްކަން ހޯދުމުގެ ކުޅަދާނަކަން އެ ކުންފުންޏަށް ލިބިފައިވާ ކަމެވެ. މިސާލަކަށް "ކްލައުޑް ކޮމްޕިއުޓިން" ފަދަ އޮންލައިން ޚިދުމަތްތަކުން ވެސް އެކަށީގެންވާ އާމްދަނީއެއް ލިބޭ ކަމެވެ. އެޕަލް އެޕްލިކޭޝަން ސްޓޯރަކީ ވެސް ކުންފުންޏަށް ބޮޑު ފައިދާއެއް ހޯދައިދޭ ވަސީލަތެއްކަން ވެސް ވަނީ ހަނދާންކޮށްދީފަ އެވެ.

އެޕް ސްޓޯރަކީ އައިފޯން އަދި އައިޕެޑާ ނުލައި ހިންގޭނެ ވިޔަފާރިއެއް ނޫނެވެ. އައިފޯން ވިކޭ އަދަދު، ހަމަ ހަގީގަތުގައި ވެސް ދަށްވާ ނަމަ، އެޕްލިކޭޝަން ވިކޭ އަދަދު އޮޓަމެޓިކުން ދަށްވާނެ އެވެ. އެހެންކަމުން، މިއީ ދެއްކޭނެ ހުއްޖަތެއް ނޫނެވެ. އިންވެސްޓަރުން މި ބަހަނާ ގަބޫލެއް ނުކުރެ އެވެ.

އައިފޯނު ވިކޭ އަދަދު މަދުވުމަކީ އިންވެސްޓަރުންގެ އުނދަގޫ އެޕަލް އަށް ފޯރާނެ ކަމެކެވެ. އެހެންކަމުން، އެޕަލް އަށް މިއީ އުނދަގޫ ދުވަސްތަކަކަށް ވާނެ ކަމަށް ބެލެވެ އެވެ. ސްމާޓްފޯން މާކެޓްގައި އެންޑްރޮއިޑް ފޯނުތައް ހޯދާ މާލީ ތަނަވަސްކަމަށް ހަސަދަވެރި ނުވެ، ކޮންމެވެސް އެހެން ގޮތްތަކެއް ހޯދަން ޖެހިއްޖެކަން އެޕަލް އަށް ވަނީ ވިސްނިފަ އެވެ. އެހެންކަމުން، މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި އެޕަލްގެ މިސްރާބަށް އަންނަ ބަދަލުތައް ފެންނަ ވަރު ވާނެ ކަމަށް ބެލެވެ އެވެ.