އިންޑިއާގެ ސްކޫލަކުން ފީ ހޯދަން ތައްގަނޑު ޖެހީ ދަރިވަރުގެ އަތުގައި

އިންޑިއާގެ އުތުރުގެ ޕަންޖާބް ސްޓޭޓްގެ އަމިއްލަ ސްކޫލެއްގެ ދަރިވަރަކު މަހު ފީ ނުދައްކައިގެން އެކަން އެނގޭ ގޮތަށް ދަރިވަރުގެ ގައިގައި ތައްގަނޑު ޖެހި މައްސަލައެއް ބަލަން ފަށައިފި އެވެ.


ތައްގަނޑު ޖެހެވުނު އުމުރުން 13 އަހަރުގެ ފިރިހެން ދަރިވަރުގެ އާއިލާ އިން ބުނީ އޭނާ މިހާރު އުޅެނީ ސްކޫލަށް ނުދާން ކަަމަށެވެ. ޕަންޖާބްގެ ލޫދިއާނާ ސިޓީގައި ހުންނަ އެ ސްކޫލުގެ ޕްރިންސިޕަލް ވަނީ ދަރިވަރުގެ އަތުގައި ސްކޫލުން ތައްގަނޑު ޖެހި ކަމަށް އެއްބަސް ވެފަ އެވެ. އެކަމަކު އެގޮތަށް ކަންތައް ކުރީ ނޯޓްފޮތް ގެންނަން ދަރިވަރު ހަނދާން ނެތުމުން ކަމަށް ވެސް ސްކޫލުން ބުންޏެވެ.

ޕްރިންސިޕަލް ވިދާޅުވީ ތައްގަނޑު ޖެހި ޓީޗަރު އެކުރީ ގޯސް ކަމެއް ކަމަށާއި ނަމަވެސް ޖެހި ތައްގަނޑަކީ ދޮވެ ފިލުވައިލެވޭ ކަހަލަ ތައްގަނޑެއް ކަަމަށެވެ.

ސްކޫލުން ބުނީ އެ ދަރިވަރުގެ ފީ ނުދައްކާތާ މިހާރު ދެ މަސް ވެއްޖެ ކަމަށާއި އެކަން ހަނދާން ކޮށްދިނުމުން ވެސް އާއިލާއިން އެކަމާ އަޅާ ނުލި ކަމަށެވެ.

އެކަމަކު ދަރިވަރުގެ އާއިލާއިން ބުނީ މިއީ ފީ ހޯދަން އުޅެންވާނެ ގޮތް ނޫން ކަމަށެވެ.

"މިއީ ފީ ދައްކަން ބުނަން އެއްގޮތަކަށް ވެސް އަމަލުކޮށްގެންވާނެ ގޮތެއް ނޫން،" ދަރިވަރުގެ ބައްޕަ ބީބީސީ ޕަންޖާބީއަށް ބުނެފައިވެ އެވެ.

އޮޓޯ ރިކްޝޯ ދުއްވުމުގެ މަސައްކަތްކުރާ ބައްޕަ ބުނެފައި ވަނީ ފީ ދައްކަން އިތުރު މުހުލަތު ދޭން ސްކޫލުގައި އެދިފައިވާ ކަމަށެވެ.

ޑިސްޓްރިކްޓް އެޑިއުކޭޝަން އޮފިސަރު ސްވަރްނަޖީތު ކައުރު ވިދާޅުވީ ސްކޫލުން އަމަލުކޮށްފައި ވަނީ މުޅިން ގޯސް ކޮށް ކަމަށެވެ. އަދި އެކަމުގައި ޒިންމާވާން ޖެހޭ ބަޔަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.