ސްޓަން ގަން އަކުން ދަރިންނަށް ބިރު ދައްކާތީ ހައްޔަރުކޮށްފި

ދަރިންނަށް ބިރު ދައްކަން ސްޓަން ގަންއެއް ގެންގުޅުނު ފިރިހެނަކު ޖަޕާނުގައި ހައްޔަރުކޮށްފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 45 އަހަރުގެ މީހާ ކިޓަކިޔުންޝޫ ސިޓީން ހައްޔަރުކުރީ ސްޓަން ގަން ބޭނުންކޮށްގެން ދަރިންނަށް އަނިޔާ ކުރާ ކަމަށް ލިބުނު ރިޕޯޓްތަތަކާ ގުޅިގެންނެވެ. އަދި އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ބުނީ 17 އަހަރާއި 13 އަހަރުގެ އަންހެން ދަރިފުޅާއި 11 އަހަރުގެ ފިރިހެން ދަރިފުޅު ބުނާ ބަސް ނާހާތީ އެކި ހާލަތްތަކުގައި ސްޓަން ގަން ބޭނުންކުރާ ކަމަށެވެ.

މި މައްސަލާގައި އޭނާ ހައްޔަރު ކުރި އިރު ފިރިހެން ދަރިފުޅުގެ އަތުގައި ސްޓަން ގަން ލިބުނު ޒަހަމެއް ފެންނަން ހުރި ކަމަށް މީޑިއާތަކުން ބުންޏެވެ. ސްޓަން ގަން އަކީ އިލެކްޓްރިކް ޝޮކް ހަށިގަނޑަށް ފޮނުވައިލާ ހަތިޔާރެކެވެ.

ފިރިހެން މީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނީ ސްޓަން ގަން ބޭނުންކުރަނީ "ދަރިން ތަރުބިއްޔަތް ކުރަން" ކަމަށެވެ.

މީޑިއާތަކުން ބުނީ މިފަދަ ގޮތްގޮތަށް ދަރިންނަށް ޖިސްމާނީ ގޮތުން އަނިޔާކުރާ މައްސަލަތައް ޖަޕާނުގައި ބޮޑު ކަމަށެވެ. އެހެންވެ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ގާނޫނު ހަދާ މަޖިލީހުން އަންގާރަ ދުވަހު ވަނީ ދަރިންނަށް ޖިސްނާމީ އަނިޔާ ކުރުން ހުއްޓުވަން ގާނޫނެއް ވެސް ފާސްކޮށްފަ އެވެ.

މިއާ އެކު ޖަޕާން ވެފައި ވަނީ ކޯޕަރަލް ޕަނިޝްމަންޓް ނުވަތަ ޖިސްމާނީ އަނިޔާތަކާ ދެކޮޅަށް ގާނޫނެއް ފާސްކޮށް އަމަލުކުރަން ފެށި އޭޝިއާގެ ތިން ވަނަ ގައުމަށެވެ. މިފަދަ ގާނޫނަކަށް މޮންގޯލިއާ އިން 2016 އިން ފެށިގެން އަމަލު ކުރަމުން އަންނަ އިރު ނޭޕާލްގެ އެފަދަ ގާނޫނަކަށް އަމަލު ކުރަން ފެށީ މިދިޔަ އަހަރު އެވެ.

ޔޫރަޕްގެ 50 ގައުމެއްގައި ވެސް ކޯޕަރަލް ޕަނިޝްމަންޓާ ދެކޮޅަށް ގާނޫނުތައް ހަދާފައިވެ އެވެ.