10 ޖޫން 2019 - 14:54
އުމުރުން އަހަރު ނުވާ ކުއްޖަކާއި އޭނާގެ ބައްޕަ ވާހަކަ ދައްކާ މި މި ވީޑިއޯ އަޑާ ނުލައި ބަލައިފި ނަމަ ހަމަ ހީވާނީ ވަރަށް ވަރުގަދަ ވާހަކައެއް ދެކެވޭހެންނެވެ. އެކަމަކު މިއީ އެއްވެސް ވާހަކައެއް ނޫނެވެ. ނަމަވެސް މި ވީޑިއޯ އިން އެތައް މިލިއަން ބަޔަކު އުފާކޮށްދީފި އެވެ.
ގިނަ ބައެއްގެ ސަމާލުކަން ލިބުނު މި ވީޑިއޯގައި މި ފެންނަނީ އެމެރިކާގެ ކޮމެޑިއަނެއް ކަމަށްވާ ޑީޖޭ ޕްރިޔޯ އާއި އޭނާގެ ދަރިފުޅެވެ. ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ތުއްތު ދަރިފުޅާއި ބައްޕަ ސޯފާގައި ވަރަށް ހަމަޖެހިލައިގެން އިނދެ ވާހަކަ ދައްކަނީ އެވެ. އެކަމަކު ކުއްޖާ ދައްކަނީ ވާހަކައެއް ނޫނެވެ. ނަމަވެސް ޕްރިޔޯ އޭނާގެ ދަރިފުޅުގެ ކޮންމެ އަޑަކަށް ޖަވާބު ދީ ވާހަކަ ދައްކަނީ އެ ކިޔާ އެއްޗެއް އެނގިގެން އެ ވާހަކާގައި ބައިވެރިވާ ގޮތަށެވެ.
މި ވީޑިއޯ މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވާ އިރު، މިލިއަނަކަށް ވުރެ ގިނަ މީހުން ޝެއާކޮށް، އެތައް ހާސް ކޮމެންޓެއް ވެސް ލިބިފައިވެ އެވެ.
ޕްރިޔޯގެ އަނބިމީހާ ޝެކީނީ ވީޑިއޯ ޝެއާކުރަމުން ބުނީ މިއީ އޭނާގެ ފިރިމީހާ އާއި ދަރިފުޅު ކިންގްސްޓަން އެކީގައި ހޭދަ ކުރާ ވަގުތުތަކުގެ ތެރެއިން ވަގުތުކޮޅެއް ކަމަށެވެ. އަދި ވީޑިއޯ އަށް ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބފައިވާތީ އެކަމަށް ޝުކުރު އަދާ ކުރާ ކަމަށް ބުންޏެވެ. ޝުކުރުގެ ޕޯސްޓާ އެކު ޝެކީނީ ވަނީ މީހަކު އޭނާ އަށް ފޮނުވި ވަޓްސްއެޕް މެސެޖެއް ވެސް ހިއްސާކޮށްފަ އެވެ.
އޭގައި އެ މީހާ ބުނެފައި ވަނީ ވީޑިއޯގެ ސަބަބުން އުފާވެރިކަން އިހުސާސް ކުރެވިއްޖެ ކަމަށެވެ.
ވީޑިއޯ އަށް ކޮމެންޓް ކުރި ބައެއް މީހުން ބުނި ގޮތުގައި ތުއްތު ދަރިފުޅާ ގިނަގިނައިން ވާހަކަ ދެއްކުމުގެ މުހިއްމުކަމް ވީޑިއޯ އިން އެ މީހުންނަށް އިހުސާސް ކުރެވިއްޖެ އެވެ. އަދި މިއީ ކޮންމެ މަޔަކާއި ބަފަޔަކު ވެސް ކުރުން ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
ދިރާސާތަކުން ވެސް ދައްކާ ގޮތުގައި ތުއްތު ކުދިންނާ ގިނައިން ވާހަކަ ދެއްކުމަކީ އެ ކުދިންނަށް އަވަހަށް ވާހަކަ ދައްކަން ދަސްވެ، ބަހުގެ މުއްސަނދިކަން ވެސް އިތުރު ވާނެ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީމް
11 June 2019
މާޝާﷲ.ވަރަށް ކިއުޓް.ލޯބިލޯބި