މިއީ ދެ މީހުންނެއް ނޫން

އަޑު ރީތިކަމުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޗައިނާ ވީޑިއޯ ބްލޮގާއެއް، ފިލްޓަރުގެ އެހީގައި "ޒުވާނަކަށް" ހެދިގެން އުޅެނިކޮށް ބޭޒާރުވެއްޖެ އެވެ.


އަމިއްލަ އަށް "ޔޯ ހައިނެސް ގިއާއޯ ބިލޯ" ބޭނުންކުރާ ވްލޮގާގެ އަސްލު ސިފަ ބޭޒާރުވީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް ޑޫޔޫއާ އެކު މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޖޮއިންޓް ލައިވް ސްޓްރީމެއްގެ ތެރޭގައި ޕްލެޓްފޯމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފިލްޓަރު މަސައްކަތް ނުކުރުމުންނެވެ.

މި ލަދުވެތި ހާދިސާގެ ތެރޭގައި، 100،000 އަށް ވުރެ ގިނަ މީހުން ފޮލޯކުރާ ބިލޯގެ އަސްލު ސޫރަ ފާޅުވި އިރު، އެއީ މެދުއުރުގެ އަންހެނެކެވެ. ކުރިން ފެނުނު ގޮތާ، ފިލްޓަރު ނުލައި ފެނުނު ގޮތާ ހާސް ބައި ތަފާތެވެ.

ވީލޮގާގެ އަސްލު ސޫރަ އާއި ފިލްޓަރުގެ އެހީގައި އޭނާ ހުރި ގޮތް ފެންނަ ވީޑިއޯއެއް.

އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު ވެސް މިކަމާ ގުޅިގެން ދަށްވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

އަސްލު ސޫރަ ދައްކައިލަން އެދުމުން އަންހެން މީހާ ވަނީ އެކަން ވާނީ ފައިސާގެ ބޮޑު އިނާމެއް ދިނުމުން ކަމަށް ބުނެފަ އެވެ. އެގޮތުން އޭނާގެ ވަފާތެރި ބައެއް ފޭނުން، އެ މީހުންގެ ހިތްތަކުން ޖާގަ ހޯދި ވްލޮގާގެ ސޫރަ ދެކޭ ހިތުން 40،000 ޔުއާން (5،800 ޑޮލަރު) ވެސް ހުށަހަޅާފައިވެ އެވެ.

"އެއްލައްކަ ޔުއާން ދޭން އެއްބަސްވީމަ ނޫނީ އަހަރެންގެ މޫނު ދައްކައެއް ނުލާނަން. އެހެން ނޫނަސް އަހަންނަކީ ހަމަ ވަރަށް ރީތި މީހެއް،" ބޭޒާރުވުމުގެ ކުރިން ފޭނުންގެ އެދުމަށް ޖަވާބު ދެމުން އަންހެން މީހާ ބުންޏެވެ.

އެކަމަކު ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ބޭޒާރުވުމުން "ޔޯ ހައިނެސް ގިއާއޯ ބިލޯ" ވަނީ އޭނާގެ ވީޑިއޯ ބްލޮގް ހުއްޓާލައިފަ އެވެ.