ފޭސްބުކުން އިންސްޓަގްރާމާއި ވަޓްސްއެޕްގެ ނަމަށް ބަދަލު ގެންނަނީ

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމާއި ވަޓްސްއެޕްގެ ނަން ބަދަލުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ނަމަށް ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ އެ ދެ ފްލެޓްފޯމާއި ފޭސްބުކާ އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމެވެ. އެގޮތުން ބައެއް މީޑިއާތަކުން ބުނި ގޮތުގައި އިންސްޓަގްރާމުގެ ނަން ބަދަލު ވާނީ "އިންސްޓަގްރާމް ފްރޮމް ފޭސްބުކް" އަށެވެ. އަދި ވަޓްސްއެޕް ބަދަލު ވާނީ "ވަޓްސްއެޕް ފްރޮމް ފޭސްބުކް" އަށެވެ.

މެޝަބަލް ސްޓޭޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު އިންސްޓަގްރާމާއި ވަޓްސްއެޕްގެ ނަމަށް ބަދަލު ގެންނަން މާކް ޒަކަބާޒްގެ ފޭސްބުކުން މަސައްކަތް ކުރަމުން އަންނަނީ މި އަހަރުގެ މާޗް މަހުން ފެށިގެންނެވެ. އެހެންވެ ދެން މާ ލަހެއް ނުކޮށް މި ބަދަލު ރަސްމީކޮށް ގެންނާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ފޭސްބުކްގެ ތަރުޖަމާން ދި އިންފޮމޭޝަން އަށް ވިދާޅުވި ގޮތުގައި ދެ ފްލެޓްފޯމުގެ ނަމަށް ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ އިންސްޓްރާމާއި ވަޓްސްއެޕަކީ ސީދާ ފޭސްބުކްގެ ދަށުން ދޭ ހިދުމަތްތަކެއްކަން އޭގެ ނަންތަކުން ވެސް ސާބިތުކޮށް ދިނުމެވެ. ނަމަވެސް ނަންތަކަށް ބަދަލު ގެންނާނެ ސީދާ ދުވަހެއް ވިދާޅެއް ނުވެ އެވެ.

ދެހާސް ދިހައެއްގައި ވުޖޫދަށް ގެނައި އިންސްޓްގްރާމް، ފޭސްބުކްގެ ދަށަށް ގެންދިޔައީ 2012 ގަ އެވެ. އަދި ވަޓްސްއެޕްގެ މިލްކުވެރިން ފޭސްބުކުން ހޯދީ 2014 ގަ އެވެ. މި ދެ އެޕް ފޭސްބުކަށް ބޮޑު އިންވެސްޓެއްކޮށްފައިވެ އެވެ. އަދި އެ ދޭތި ގަތުމަށް ފަހު، އަންނަނީ އެކި ކަހަލަ ބަދަލުތައް ވެސް ގެންނަމުންނެވެ.