އެތުލީޓުން ހަކަތަ ހޯދަން ބޭނުންކުރާ ތަކެތިން ދަތް ހަލާކުވޭ

އެތުލީޓުން ހަކަތަ ހޯދަން ބޭނުންކުރާ ބައެއް ބުއިންތަކާއި އެފަދަ އެކި ބާވަތްތަކުން ދަތްތަކަށް ގެއްލުންވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) އިން ހަދާފައިވާ ދިރާސާއެއްގައި ބުނިގޮތުގައި ހަރުކު ގިނައިން އެކުލެވޭ އެނާޖީ ޑްރިންތަކާއި އެކި ކަހަލަ އެނާޖީ ބާތައް ކެއުމުން، ކުޅިވަރު ކުޅޭ މީހުންނަށް އޮތް އެންމެ ބޮޑު އެއް ބިރަކީ އެ މީހުންގެ ދަތްތައް ހަލާކުވުމެވެ.

މި ދިރާސާ ހަދާފައި ވަނީ 2016 ގައި ބްރެޒިލްގެ ބޭއްވި ރިއޯ އޮލިމްޕިކްސްގައި ބައިވެރިވި އުމުރުން 18-36 އަހަރާ ދޭތެރޭގެ 256 އެލީޓް އަދި ޕްރޮފެޝަނަލް އެތުލީޓުންގެ ސިއްހީ ރެކޯޑްތަކެއް އެނައިލައިޒްކޮށްގެންނެވެ. އެގޮތުން ދިރާސާގައި 11 ކުޅިވަރެއްގައި ބައިވެރިވި މީހުން އެނާޖީ އާއި ސްޕޯޓްސް ޑްރިންކާއި އެނަޖީ ޖެލް ހަކަތަ އިތުރުކުރުމުގެ މަގުސަދުގައި ބޭނުންކުރުމުން ދިމާވި މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ފުޓްބޯޅަ، ފެތުން، ދުވުން، ފަލިޖެހުން، ހޮކީ އަދި ސެއިލިންގައި ބައިވެރިވި މީހުން ހިމެނެ އެވެ.

ބްރިޓިޝް ޑެންޓަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނިގޮތުގައި ކުޅިވަރު ކުޅޭ މީހުން އެނަޖީ ޑްރިންކާއި އެނަޖީ ބާ ބޭނުންކޮށްފައި ދަތްތައް ރަނގަޅަށް ސާފުކުރި ނަމަވެސް، އެ މީހުންގެ ދަތުގެ ހާލަތު ގޯހެވެ.

އެނަޖީ ބާއެއް.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މުބާރާތުގައި ވާދަކުރި 87 ޕަސެންޓް އެތުލީޓުންނަކީ ސްޕޯޓްސް ޑްރިންކް ބޭނުންކުރި މީހުންނެވެ. އަދި 59 ޕަސެންޓް އެތުލީޓުން އެނަޖީ ބާ ބޭނުންކޮށްފައިވާ އިރު، 70 ޕަސެންޓް އެތުލީޓުން ގިނަ އަދަދަކަށް ހަކުރު އެކުލެވޭ އެނަޖީ ޖެލްތައް ބޭނުންކުރި އެވެ.

"މީގެ މައިގަނޑު ޕޮއިންޓަކީ ދަތްތައް ރަނގަޅަށް ސާފުކޮށް އަދި ޑެންޓިސްޓެއްގެ އެހީ ހޯދަން ޖެހޭ ހާލަތްތަކުގައި އެކަން ކުރިޔަސް ވެސް އަދި ދުންފަތާ ދުރުވެ، ރަނގަޅު ޑައިޓެއް ގެންގުޅުނަސް ހަކުރުގެ މިންވަރު މަތި އެކި ކަހަލަ ބުއިންތަކާއި ތައްޔާރީތައް ކެއުންތަކުން އެތިލީޓުންގެ އަނގަ އާއި ދަތުގެ ހާލަތު ގޯސްވާކަން،" ދިރާސާ ޓީމުގައި ހިމެނޭ ޔޫސީއެލްގެ އީސްޓްމަން ޑެންޓަލް އިންސްޓިޓިއުޓް ސެންޓަ ފޮ އޯރަލް ހެލްތު އެންޑް ޕަފޯމަންސް ޑރ. ޖޫލީ ގެލަހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަބަބުތަކާ ހުރެ ކުޅިވަރު ކުޅޭ މީހުން އެކި ކަހަލަ ތައްޔާރީ އެނަޖީ ބުއިންތަކާއި ކެއުންތަކާ ދުރުހެލިވާން ޖެހެ އެވެ.