ސުޝްމިތާ ސެން.
05 ސެޕްޓެމްބަރ 2019 - 07:54
ސުޝްމިތާ ސެން އެޑަޕްޓްކޮށްގެން ގެންގުޅޭ ދެ އަންހެން ކުދިންގެ ތެރެއިން ހަގު ދަރިފުޅު އަލީސާގެ 10 ވަނަ އުފަން ދުވަސް މި ފަހަރު ފާހަގަކުރީ ރާއްޖޭގަ އެވެ. ދެ ކުދިންނާއި ޒުވާން ލޯބިވެރިޔާ ރަހްމާން ޝޯލްއާ އެކު ކުރީގެ މިސް ޔުނިވާސް ވަނީ ރާއްޖޭގައި މޫދުގައި ފިލާވަޅުތަކެއް ވެސް ނަގައިފަ އެވެ.
އުމުރުން 43 އަހަރުގެ ސުޝްމިތާ ރާއްޖޭގައި ދަސްކުރި އެއް ކަމަކީ ސްކިން ޑައިވިން އެވެ. އެއީ ޑައިވް ކުރަން އާންމުކޮށް ބޭނުންކުރާ އާލާތްތައް ނުލައި ފީނަން ދަސްކުރުމެވެ. އެ ވާހަކަ ވީޑިއޯތަކާ އެކު އިންސްޓަގްރާމްގައި ހިއްސާކުރަމުން ސުޝްމިތާ ބުނީ މިކަން ދަސްކުރަން އަދި ލަސް ނުވާ ކަމަށެވެ. އަދި ޑައިވްކުރަން ދަސްވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެ، ޗުއްޓީ ހޭދަކުރި ރިސޯޓްގައި އެކަމަށް އެހީވި މީހުންނަށް އޭނާ ޝުކުރު ވެސް އަދާކޮށްފައި އެވެ.
ސުޝްމިތާ ހިއްސާކުރި އެއް ޕޯސްޓްގައި ވަނީ ސްކިން ޑައިވިން ދަސްކޮށް ދިން ހުސައިން ހައްސާމުގެ ނަން ފާހަގަކޮށް އޭނާ އަށް ޝުކުރު އަދާކޮށްފަ އެވެ.
މިހާރު ފިލްމުތަކުން އެއްގޮތަކަށް ވެސް ނުފެންނަ ސުޝްމިތާ މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖެ އައިސްފައިވެ އެވެ.
ސުޝްމިތާގެ މި ފަހަރުގެ ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އޭނާ އަންނަނީ އިންސްޓަގްރާމްގައި އާންމުކުރަމުންނެވެ. އެކަމަކު ރަހްމާނާ އެކު ރާއްޖޭގައި ނަގާފައިވާ އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއް ޕޯސްޓެއް ނުކުރެ އެވެ. އެކަމަކު މި ދެ މީހުންގެ ލޯބި މިހާރު އިންސްޓަގްރާމް ހާވާލުމުން ފެންނާނެ އެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ސުޝްމިތާ އާއި ރަހްމާން އަންނަ އަހަރު ކައިވެނިކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy