ރީނދޫ ސައި؛ ފައިދާ ބޮޑު ތަފާތު ބުއިމެއް

ސައިގެ ފައިދާތަކުގެ ވާހަކަ އާއި ގިނަ ބަޔަކު ސަޔަށް ލޯބިކުރާ ވާހަކަ އަބަދު ވެސް ދެކެވެ އެވެ. ދާދި ފަހުން އާންމުކުރި ދިރާސާއެއްގައި ބުނާގޮތުން ސަޔަކީ ސިކުނޑި ވެސް ވަރުގަދަކޮށްދޭ އެއްޗެކެވެ.


ހަމަމިއާ އެކު ގްރީން ޓީ ކަހަލަ ސަޔަކީ ސިއްހީ ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެޗެ. އެގޮތުން ކެންސަރާއި ހަކުރު ބައްޔާއި ހިތުގެ މައްސަލަތަކުން ވެސް ދުރުކޮށްދިނުމަށް ގްރީން ޓީއަކީ ހަމަ އެއް ވަނައިގެ އެއްޗެއް ކަމަށްވެ އެވެ.

މި ފަހަރު އެހެން ވައްތަރެއްގެ ސައެއްގެ ވާހަކަ އެވެ. މިއީ ރީނދޫ ސަޔެވެ. ނުވަތަ ރީނދޫ އަޅައިގެން ތައްޔާރުކުރާ ސައިގެ ވާހަކަ އެވެ. ފަހަރުގައި މިއީ ތަންކޮޅެއް އާ ރަހައަކަށް ވެދާނެ ނުވާނެ އެވެ. އެކަމަކު ރީނދުލަކީ ގިނަ ބަޔަކަށް އާ އެއްޗަކަށް ނުވާނެ އެވެ. ދިވެހިންގެ ކެއްކުމުގައި ރީނދުލަކީ ހަވާދުގެ އާންމު ބާވަތެކެވެ. އެކަމަކު ރީނދޫ ބޭނުންކުރާ ގޮތް ތަފާތު ވެދާނެ އެވެ.

ދިރާސާތައް ބުނާގޮތުން ރީނދޫ ސައި އުފެދިގެން އައީ ޖަޕާނުންނެވެ. އަދި މިއީ ފައިދާތައް ގިނަ އެއްޗެކެވެ. ދެން ސުވާލަކީ ރީނދޫ ސައި ތައްޔާރުކުރާނީ ކިހިނެއް ހެއްޔެވެ؟

* ބޭނުންވާ ތަކެތި:

1 ޖޯޑު ފެން

1/2 ސަމުސާ ރީނދޫ (މުގުރާފައި ހުރި ރޯ ރީނދޫ)

ރަހަލާ ވަރަށް މާމުއި ނުވަތަ ލުނބޯ ހުތް ނުވަތަ ފޮނިތޮށިކޮޅެއް (ބޭނުން ނަމަ)

* ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ފެން ހޫނުކުރާށެވެ. ދެން ބޮކިޖަހަން ފެށީމާ އޭގެ ތެރެއަށް ރީނދޫ އަޅާފައި މަތި ޖަހާފައި ގާތްގަނޑަކަށް 10 ވަރަކަށް މިނިޓްވަންދެން ކައްކާށެވެ. އެއަށް ފަހު ތައްޓެއްގެ ތެރެއަށް ފުރާނާލާށެވެ. އޭރުން އެހެރީ ރީނދޫ ސައި ބޯލަން ތައްޔާރުވެފަ އެވެ. އެކަމަކު އިތުރަށް ރަހަމީރުކޮށްލަން ބޭނުން ނަމަ މާމުއި ނުވަތަ ލުނބޯ ހުތް ނުވަތަ ފޮނިތޮށިކޮޅެއް ވެސް އެޅިދާނެ އެވެ.

ދިފާއީ ނިޒާމު ވަރުގަދަކޮށް ދިނުން

ރީނދޫ ސަޔަކީ އެކި އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭނެ ބުއިމެކެވެ. އެހެންވެ މިއީ ކެއްސުމާއި އަރިދަފުސް ރޯގާއިން ވެސް ސަލާމަތްކޮށްދޭން އެހީވާނެ އެއްޗެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އާދަކޮށް ރީނދޫ ސައިބޯނަމަ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ކުދިކުދި ރޯގާތަކުން ދުރުކޮށްދޭން ބޮޑު އެހީއަކަށް ވާނެ އެވެ.

ހަކުރުބައްޔަށް ވެސް ރަނގަޅު

ދިރާސާތަކުން ދައްކާ ގޮތުގައި ރީނދުލުގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ކާކިއުމިންއަކީ ހަކުރުބަލިން ރައްކާތެރިކޮށްދޭން އެހީވެދޭ އެއްޗެކެވެ. އަދި އާންމުކޮށް ރީނދޫ ސައި ބޯ ނަމަ، ލޭގެ ހަކުރު މިންވަރު ކޮންޓްރޯލް ވެސް ކޮށްދެ އެވެ. އެއީ މިއީ ވަރަށް ވެސް ގިނަ މީހުން ރީނދޫ ސަޔަށް ޝައުގުވެރިވާނެ ކަމަކަށް ވާނެ އެވެ.

ހިތަށް ވެސް ރަނގަޅު

ރީނދޫ ސައި އާންމުކޮށް ޕްރޮމޯޓްކުރަނީ ވެސް ހިތުގެ ދުޅަހެޔަކަން ގެނެސްދޭ ބުއިމެއްގެ ގޮތުގަ އެވެ. އެހެންވެ އާންމުކޮށް ރީނދޫ ސައި ބޯ ނަމަ ހިތަށް ދިމާވާ އެކި ކަހަލަ މައްސަލަތަކުން ދުރުކޮށްދެ އެވެ.

ރީނދޫ ސައި.

ތަޖުރިބާކާރުން ބުނާގޮތުގައި ރީނދޫ ސަޔަށް މުގުރާފައި ހުންނަ ރީނދޫ އެޅުމަށްވުރެ ރަނގަޅީ ތާޒާ ރޯ އިނގުރު އެޅުމެވެ. އެހެންވެ އެއީ ވެސް ރީނދޫ ސައި ތައްޔާރުކުރާ އިރު ހަނދާނުގައި ބެހެއްޓުން މުހިއްމު ކަމަކަށް ވާނެ އެވެ.