ނުވަ އަހަރުގައި ޔުނިވަސިޓީން ގްރެޖުއޭޓްވަނީ

އުމުރުން އެންމެ 9 އަހަރުގެ ފިރިހެން ކުއްޖަކު ޔުނިވަސިޓީއަކުން ގްރެޖްއޭޓްވާން ތައްޔާރުވެއްޖެ އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަދި ކިރިޔާ ޕްރައިމަރީ ސްކޫލްގެ ފެށޭ މަރުހަލާގެ ގްރޭޑެއްގައި ކިޔަވަން ޖެހޭ އުމުރުގެ ދަރިވަރަކު ގްރެޖްއޭޓް ވަނީ ބެލްޖިއަމްގެ އެއިންދޯވެން ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީ (ޓީޔޫއީ) އިންނެވެ.

ލޯރަންޓް ސައިމަންސް ކިޔާ ދަރިވަރު އެ ތަނުގައި ހަދަމުން އަންނަނީ އިލެކްޓްރިކަލް އިންޖިނިއަރިން ޑިގްރީއެކެވެ.

ޔުނިވަސިޓީން ބުނިގޮތުގައި އާދަޔާހިލާފަށް ވިސްނުން ތޫނު، މޮޅު ކުއްޖެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ދަރިވަރު ޔުނިވަސިޓީން ގްރެޖްއޭޓްވާނީ އަންނަ މަހުގެ ތެރޭގަ އެވެ.

ލޯރަންޓްގެ ބައްޕަ އެލެގްޒެންޑާ ސައިމަންސް ސީއެންއެން އަށް ބުނި ގޮތުގައި އޭނާގެ ދަރިފުޅު ޑިގްރީ ނިންމާފައި ދެން އަމާޒު ހިފާނީ އިލެކްޓިރިކަލް އިންޖިނިއަރިން ދާއިރާ އިން ޕީއެޗްޑީއަށެވެ. އަދި މިހާ ޅަ އުމުރުގައި ތައުލީމީ ރޮނގުން ދަރިފުޅު އެހާ ބޮޑު ކުރިއެރުމެއް ހޯދާފައިވާތީ މުޅި އާއިލާ ވެސް އެކަމާ ފަހުރުވެރިވާ ކަމަށް ބުންޏެވެ.

"އިލެކްޓްރިކް އިންޖިނިއަރިން އަށް ދަރިފުޅު ޕީއެޗްޑީ އަށް ކިޔަވާ އިރު، އެއާ އެކުއެކީގައި މެޑިސިން އިން ވެސް ޑިގްރީ އަށް ކިޔަވަމުންދާނެ،" އެލެގްޒެންޑާ ބުންޏެވެ.

ލޯރަންޓްގެ މަންމަ ލީޑިއާ ސައިމަންސް ކިޔައިދިން ގޮތުގައި އެ މީހުންގެ ދަރިފުޅުގެ ކިބައިގައި އާދަޔާހިލާފު ވިސްނުން ތޫނު ކަމެއް އަދި ހިތްއަލި ކަމެއް ހުރިކަން ފާހަގަވާން ފެށީ ވަރަށް ތުއްތު އިރުން ފެށިގެން ކަމަށެވެ.

"ސްކޫލަށްދާ އުމުރަށް އަޅައި ކިޔަވަން ފެށި ހިސާބުން ޓީޗަރުންނަށް ވެސް އެކަން ފާހަގަވާން ފެށި. އަދި އެ އުމުރުގެ އެހެން ކުދިންނާ ލޯރަންޓް ވަރަށް ތަފާތުކަން ޓީޗަރުން އަބަދު ވެސް ފާހަގަކުރަމުން ދިޔަ،" އޭނާ ބުންޏެވެ. "އެހެންވެ މި ދަރިފުޅު އަބަދު ވެސް ވަރަށް ހާއްސަ."

ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ލީޑިއާ އާއި އެލެގްޒެންޑާ ކިޔައިދިން ގޮތުގައި ދަރިފުޅު އުމުރަށް ވުރެ "ސިކުނޑި އާއި ހިތް އެހާ ދޮށީ" ކީއްވެގެން ކަމެއް ބުނާކަށް ނޭނގެ އެވެ. އެކަމަކު ލީޑިިއާ ދެކޭ ގޮތުގައި މިކަމުގައި އޭނާ ދެކޭ ތިއަރީއެއް އެބައޮތެވެ.

"ލޯރަންޓަށް ބަލިވެއިން އިރު އަހަރެން ވަރަށް ގިނައިން މަހުގެ ބާވަތްތައް ކައި ހެދިން. އެ ވެދާނެ ކަންނޭނގޭ ދަރިފުޅުގެ ވިސްނުން އެހާ ރަނގަޅުވާން މެދުވެރި ސަބަބަކަށް،" އޭނާ ބުންޏެވެ.

ޓީޔޫއީގެ އެޑިއުކޭޝަން ޑިރެކްޓަރު ޖޮއާޑް ހަލްޝޮފް ވިދާޅުވި ގޮތުގައި އެ މީހުން ތިބީ ލޯރަންޓްގެ ކުޅަދާނަކަމާ ހެދި އަންތަރީސްވެފަ އެވެ.

"އޭނާ އެ ހޯދާ ކުރިއެރުން ފެނިފައި އަންތަރީސްވޭ. އެއްކޮށް ކިޔަވާ އެހެން ދަރިވަރުންނާ އަޅާބަލާ އިރު ހާސްބައި ތަފާތު،" އޭނާ ބުންޏެވެ. "އޭނަ ހަމައެކަނި ހައިޕަ އިންޓެލިޖެންޓަކީ ނޫން. އޭނައަކީ އެހާމެ ސިމްޕެތެޓިކް ވެސް ކުއްޖެއް."

ލޯރަންޓް ބުނެފައިވާ ގޮތުގައި އޭނާ އަބަދު ވެސް އެންމެ ކިޔަވާ ހިތްވާ އެއްޗަކީ އިލެކްޓްރިކަލް އިންޖިނިއަރިން އެވެ. އެކަމަކު މައިންބަފައިންނަކީ ޑޮކްޓަރުންނަށްވާތީ މެޑިސިން ދާއިރާ އަށް އޮތް ޝައުގުވެރިކަން ވެސް ވަކި ކުޑައެއް ނޫނެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި މަސްނޫއީ ގުނަވަންތައް ތައްޔާރުކުރުމަކީ ވެސް ލޯރަންޓްގެ ޝައުގެކެވެ. އެ މަސައްކަތް މިހާރު ވެސް އޭނާ އަންނަނީ ކުރަމުންނެވެ.

"އަހަރެމެން ބޭނުމެއް ނޫން އެއްގޮތަކަށް ވެސް ވަކި ގޮތަކަށް ކުރިއަށްދާން ދަރިފުޅަށް ޕްރެޝަރުކުރާކަށް. ލޯރަންޓް ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތާއި އިހުތިޔާރު އަބަދު ވެސް އޮންނާނެ،" އެލެގްޒެންޑާ ބުންޏެވެ.

ލޯރަންޓް އަންނަ މަހުގެ ތެރޭގައި ޔުނިވަސިޓީން ޑިގްރީއަކާ އެކު ގްރެޖްއޭޓްވާ އިރު، އޭނާގެ އުމުރުގެ ކުދިންގެ އަސްލު ހިސާބަކީ ގްރޭޑް 3 އެވެ.