ކުލާހުގެ ހަގު ދަރިވަރު ނަމަ އެކުވެރިން މަދު

ކުލާހުގައި ތިބޭ އުމުރުން ހަގު ދަރިވަރުންގެ އެކުވެރިން މަދުކަމަށާއި އެކުވެރިން ހޯދުމުގައި ވެސް އެފަދަ ކުދިންނަށް ދަތިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


އިކޮނިމިކް ބީހެވިއާ އެންޑް އޮގަނައިޒޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ޓިއުލޭން ޔުނިވަސިޓީ އާއި ބެލްޖިއަމްގެ ގެންޓް ޔުނިވަސިޓީގެ ރިސާޗަރުންގެ ޓީމަކުން ހަދާފައިވާ ދިރާސާގައި ބުނި ކުލާސްތަކުގައި ތިބޭ އުމުރުން ދޮށި ދަރިވަރުންގެ ސޯޝަލް ނެޓްވޯކް އުމުރުން ހަގު ދަރިވަރުންނާ އަޅާބަލާއިރު، މާ ބޮޑަށް ވެސް ވަރުގަދަ ކަމަށެވެ. އެގޮތުން އެފަދަ ދަރިވަރުންގެ އެކުވެރިން ގިނަ ކަމަށާއި އެފަދަ ކުދިން އެކުގައި ހޭދަކުރާ ވަގުތުތައް ވެސް ގިނަ ކަމަށް ބުންޏެވެ.

ނަމަވެސް ކުލާހުގައި އިންނަ އުމުރުން އެންމެ ހަގު ދަރިވަރަށް ވުމުން، އެކުވެރިން މަދުވެ ސޯޝައިލައިޒްވާން ލިބޭ ފުރުސަތުތައް ހަނިވާ ކަމަށް ބުންޏެވެ.

މި ދިރާސާ ހަދާފައި ވަނީ ޔޫރަޕްގެ 31 ގައުމެއްގެ އުމުރުން 10-17 އަހަރާ ދެމެދުގެ 400،000 ދަރިވަރުންގެ ސޯޝަލް ސްކިލް އާއި ވެލްބީންގެ ހާލަތު އެނަލައިޒްކޮށްގެނެވެ.

އެގޮތުން ފާހަގަކުރެވުނު ކަމަކީ ކުލާސްތަކުގައި އެވްރެޖްކޮށް، އެއް އުމުރުގެ ދަރިވަރުންތަކެއް ތިބި ނަމަވެސް، އޭގެ ތެރޭގައި ހިމެނޭ އެންމެ ހަގު ދަރިވަރުގެ ސޯޝަލައިޒޭޝަނަށް ގޮންޖެހުންތަކެއް ހުރި ކަމެވެ. އެހެންވެ ކުލާހުގައި އެކުވެރިން މަދުވުމަކީ ހަގު ދަރިވަރުން އެކަހެރިވާ ސަބަބެއް ކަމަށް ދިރާސާގައި ބުންޏެވެ. ނަތީޖާއަކީ އެކަކު އަނެކަކަށް ސީދާ ބައްދަލުވެ މުއާމަލާތްކުރުމުގެ ފުރުސަތު ލިބޭ މިންވަރު ވެސް ކުޑަވުމެވެ.

އެހެންވެ އެފަދަ ކުދިން ހިޔާރުކުރާ މަގަކީ ޓެކްނޮލޮޖީ ކަމަށް ދިރާސާގައި ބުންޏެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އޮގަސްޓާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި އުފަންވާ ކުދިންނަކީ ވަކިން ހާއްސަކޮށް، ސޯޝަލައިޒްވުމުގައި ދަތިތަކެއް ހުންނަ ކުދިންނެވެ.

ދަރިވަރުންތަކެއް ކުލާހެއްގައި.

މިކަމާ ގުޅުން ހުރި ކުރީގެ ދިރާސާއެއްގައިި ބުނާގޮތުގައި އެކުވެރިން މަދު، ކުލާހުގައި އެކަހެރިވާ ކުދިންގެ ނަތީޖާ ވެސް އެ ނޫން ކުދިންނާ އަޅާބަލާ އިރު ނިސްބަތުން ދަށެވެ. އަދި އެފަދަ ދަރިވަރުންނަށް ކުލާސްތަކުން އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލައަކީ ބުލީ ކަމަށް ބުންޏެވެ.

"ހަމަމިއާ އެކު ކުލާހުހައި ތިބޭ ހަގު ދަރިވަރުން ކަންމަކަށް އިސްނެގުން މަދު. އެފަދަ ކުދިންގެ ލީޑަޝިޕް ކޮލިޓީ ދަށް. އަދި ކުޅިވަރާއި އެ ނޫން ވެސް ހަރަކާތްތަކުގައި ހަގު ދަރިވަރުންގެ ހިއްސާ އާއި ބައިވެރިވުން ކުޑަ،" ދިރާސާ ޓީމްގައި ހިމެނޭ ގެންޓް ޔުނިވަސިޓީގެ ޕްރޮފެސަރު ސްޓިން ބެއާޓް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ސަބަބުން ދަރިވަރުންގެ އިޖުތިމާއީ ގުޅުން ބަލިކަށިވުމަކީ ގުޅުންތައް ބަދަހިކުރުމާއި ކަންކަން ދަސްކުރަން ވެސް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.