ދުވަަސްވީ މީހުން ރާޒުވާ ކުޅުމުން ހަނދާން ގަދަވޭ

ރާޒުވާ އާއި ބިންގޯ ފަދަ ބޯޑް ގޭމްތައް ކުޅުމުން، އުމުރުން ދުވަސްވީ މީހުންގެ ހަނދާން ގަދަކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ދަ ޖާނަލް އޮފް ގެރޯންޓޮނޮލީ ސީރީޒް ބީ: ސައިކޮލޮޖިކަލް ސައިންސެސްގައި ޝާއިއުކޮށްފައިވާ ރިިޕޯޓެއްގައި ބުނީ އުމުރުން ދުވަސްވާން ފެށުމުން، ހަނދާން ނެތޭ މައްސަލަ ކުރިމަތިވުން ވަރަށް އާންމު ކަމަށެވެ. ނަމަވެސް މިކަމަށް ކުރެވިދާނެ އެންމެ އެންމެ މުހިއްމު އެއް ކަމަކީ ކޮންމެ ދުވަހަކު ވެސް ކޮންމެވެެސް ކަހަލަ ބޯޑްގޭމަކަށް ވަގުތުކޮޅެއް ހުސްކޮށްލުން ކަމަށް ބުންޏެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ރާޒުވާ ކަހަލަ ގޭމްތަކަކީ ފުންކޮށް ވިސްނައި، ސިކުނޑި ތަނަވަސްކޮށްދޭން މަގުފަހިކޮށްދޭ ގޭމްތަކެވެ. އެގޮތުން އެފަދަ ގޭމްތަކަށް ވަގުތު ދޭ ނަމަ ހަނދާން ބަލިވާ މައްސަލަ އަށް ހައްލުލިބޭ ކަމަށް ބުންޏެވެ.

މި ދިރާސާ އިނގިރޭސިވިލާތުގެ އެޑިންބަރާ ޔުނިވަސިޓީން ހަދާފައި ވަނީ 1939 ގައި އުފަންވި ހާހަކަށް ވުރެ ގިނަ މީހުންގެ ސިކުނޑީގެ ހާލަތު ދެނެގަތުމަށް ފަހު އެވެ. އެގޮތުން އުމުރުން 70 އަހަރާއި 73، 76 އަދި 79 އުމުރުގައި މީހުންގެ ސިކުނޑި އަށް އަންނަ ބަދަތަލުގެ ކޮގްނިޓިވް ޓެސްޓްތަކެއް ހަދައި، އެ މީހުން ބޯޑްގޭމްތައް ކިހާ ވަރަކަށް ކުޅޭތޯ ބަލާފައިވެ އެވެ.

ނަތީޖާ ދައްކަނީ އުމުރުން ދުވަސްވަމުންދާ ވަރަކަށް ރާޒުވާ އާއި ބިންގޯ އާއި ކްރޮސްވޯޑްސް އާއި ތާސްބައިގެ ގޭމުތަކަށް ވަގުތު ދޭ މީހުންނާއި އެ ނޫން މީހުންނާ އަޅާކިޔާ އިރު ހަނދާން ގަދަވުމާއި ބަލިކަށިވުމުގައި ފަރަގުތަކެއް ހުރި ކަމެވެ.

އެޑިިންބަރާ ޔުނިވަސިޓީގެ ސްކޫލް އޮފް ފިލޯސަފީ، ސައިކޮލޮޖީ އެންޑް ލެންގްއޭޖް ސައިންސެސްގެ ޑރ. ޑްރޫ އެޝޫލް ވިދާޅުވި ގޮތުގައި އުމުރުން 70 ނުވަތަ އެއަށް ވުރެ ދޮށި މީހުން ޑިޖިޓަލް ދުނިޔެއާ ދުރުވެ، ކާޑްގޭމްތަކަށް ވަގުތު ހުސްކުރާ ނަމަ އެއިން "ޕޮޒިޓިވީޓީ" ގެނުވާ ކަމަށެވެ.

"މާނަ އަކީ އެފަދަ މީހުންގެ ނަފުސާނީ ހާލަތު ރަނގަޅުކޮށްދީ، ހަނދާންކޮށް ދޭން ބާރަކަށްވޭ،" އޭނާ ވިދާޅުވި އެވެ.

އެޑިންބަރާ ޔުނިވަސިޓީގެ ސެންޓަ ފޮ ކޮގްނިޓިވް އޭޖިން އެންޑް ކޮގްނިޓިވް އެޕިޑަމޮލޮޖީގެ ޑިރެކްޓަރު ޕްރޮފެސަރު އިއާން ޑިއަރީ ވިދާޅުވި ގޮތުގައި ހަނދާންގަދަވުމާއި ހަރަކާތްތެރިކަމާ ވެސް ގުޅުން ބޮޑު ކަމަށެވެ.

"އެހެންވެ ދުވަސްވީ މީހުން ހަރަކާތްތެރި ލައިފްސްޓެއް އިހުތިޔާރުކުރުން ވެސް ވަރަށް މުހިއްމު. މިސާލަކަށް ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށް ކަސްރަތުކުރުމާއި ދުންފަތުގެ އިސްތިއުމާލުނުކުރުން ފަދަ ކަންކަމަކީ ވެސް ހަނދާން ގަދަކޮށްދިނުމަށް މަގުފަހިކުރުވާނެ ކަންކަން." އޭނާ ވިދާޅުވި އެވެ.