ކާފަ ދަރިންނަށް ހަދިޔާއަކަށް ސްކޫލް ބަހެއް

ޑާގް ހަޔެޒް އަކީ އެމެރިކާގެ އޮރެގަން ގައި ދިރިއުޅޭ މީހެކެވެ. އޭނާގެ 10 ކާފަ ދަރިން އެބަ ތިއްބެވެ. އޭގެ ތެރެއިން ފަސް ކުދިންނަކީ ސްކޫލަށް ދާ ކުދިންނެވެ. އެކަމަކު އެ ކުދިން ކިޔަވާ ޕްރައިވެޓް ސްކޫލްގައި ދަރިވަރުން އުފުލަން ބަހެއް ނޯންނާނެތީ ބެލެނިވެރިންނަށް ޖެހެނީ ކޮންމެ ދުވަހަކު ވެސް ދެކޮޅަށް ހިނގާށެވެ.


މިކަމަށް ހައްލެއް ހޯދުމާއި ކާފަ ދަރިންނާ އެކު ވީހާ ވެސް ގިނަ ވަގުތެއް ހޭދަކުރުމުގެ ބޭނުމުގައި އާ އަހަރަކާ ވެސް ކުރިމަތިލާތީ ޑާގް ބޭނުންވީ ކާފަ ދަރިންނަށް ހާއްސަ ހަދިޔާއެއް ހޯދާށެވެ. އެކަމާ ގުޅޭ ގޮތުން އެއް ދުވަހަކު ކުދިންގެ މާމަ އެމީއާ އެކު ދެއްކެވުނު ވާހަކަތަކެއްގެ ތެރޭގައި ޑާގް ކައިރީ އެހީ މިހެންނެވެ؛ މިހާރު ކާފަ ދަރިންނަށް ދޭނެ ހަދިޔާ އަކާ ދޭތެރޭ ގޮތެއް ނިންމައިފިން ހެއްޔެވެ؟ އެ ކަހަލަ އެއްވެސް ޕްލޭނެއް އެބައޮތް ހެއްޔެވެ؟

އޭގެ ހަފުތާއެއް ފަހުން މިދިޔަ ހުކުރު ދުވަހު ޑާގް ކާފަދަރިންނާ ހަމައަށް ގެންދިޔައީ ރީނދޫ ކުލައިގެ ކުޑަވަރެއްގެ ރީތިރީތި ސްކޫލް ބަހެކެވެ. ހުރިހާ ކުދިންނަށް ވެސް ވީ މިކަން ވަރަށް ބޮޑު ސަޕްރައިޒަކަށެވެ. ސަބަބަކީ ކާފަގެ ހަދިޔާ އަކީ ސްކޫލް ބަހަކަށް ވުމެވެ. ބަހުގެ ނަމަކީ "ގްރޭންޑް ފާދާ އެކްސްޕްރެސް" އެވެ.

ކާފަ ދަރިންނަށް ދިން މި ހަދިޔާއާ ބެހޭ ގޮތުން ޑާގް ސީއެންއެން އަށް ބުނީ ސްކޫލް ބަހަކަށް ކުދިން ވެސް ޑިމާންޑް ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ.

"އެހެންވެ އާ އަހަރާ ދިމާކޮށްފައި އެ މީހުންނަށް ދޭން މި އަށް ވުރެ ރަނގަޅު ހަދިޔާއެއް ނޯންނާނެ ކަމަށް އަހަރެން ގަބޫލުކުރީ. ކަން ވީ ވެސް އެހެން. ބަސް ފެނުނީމާ ހުރިހާ ކުދިން ވެސް ވަރަށް އުފާވެގެން ފޯރި ނެގި،" އޭނާ ބުންޏެވެ.

ޑާގް ބުނިގޮތުގައި ހުރިހާ ކުދިން ސްކޫލަށް ގެންދިއުމާއި އަނބުރާ ގެ އަށް ގެނައުމުގެ ޒިންމާ ކޮންމެ ދުވަހަކު ވެސް ނަގާނީ އޭނާ އެވެ.

"އޭރުން ކުރިން ނުލިބޭ ވަރަށް ކާފަ ކުދިންނާ އެކު ވަގުތު ވެސް ހޭދަކުރަން ލިބޭނެ. އެ ކުދިން ދިރިއުޅޭ ގެތަކާއި އަހަރެން ދިރިއުޅޭ ގެ އާ ދެމެދު ވިއްސަކަށް މިނިޓުން ދެވޭހާ ދުރުމިނެއް ހުންނާނީ،" އޭނާ ބުންޏެވެ. "ދެން ސްކޫލަށް ދާން ނަގާނެ ދެތިން މޭލު. އެހެންވީމާ ކޮންމެ ދުވަހަކު ބަހުގައި އަހަރެން ކުދިން އުފުލާނީ. މިއީ ވަރަށް ބޮޑު އުފަލެއް."