ވިލިއަމާއި ކޭޓްގެ ފައުންޑޭޝަނުން ތިމާވެށީގެ ޚާއްސަ އިނާމެއް

ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ އެކި ކަހަލަ ތިމާވެށީގެ މައްސަލަތަކަށް ހައްލުތައް ހޯދައިދޭ ފަރާތްތަކަށް ހާއްސަ އިނާމެއް ދޭން ނިންމާފައިވާ ކަން ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން އިއުލާން ކޮށްފި އެވެ.


މިއީ ޕްރިންސް ވިލިއަމާއި ކޭޓަށް ނިސްބަތްވާ ފައުންޑޭޝަން އޮފް ދަ ޑޫކް އެންޑް ޑަޗެސް އޮފް ކެމްބްރިޖްގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ.

"ދުނިޔެ މަރާމާތު ކުރަން" ހައްލުތައް ހޯދައިދޭ ފަރާތްކަށް ދޭން ނިންމާފައިވާ އިނާމުގެ ނަމަކީ "ދި އާތު ޝޮޓް ޕްރައިޒް" އެވެ. ފައިސާގެ ގޮތުގައި ދޭ މި އިނާމު އަންނަ އަހަރުން ފެށިގެން 2030 އާ ހަމައަށް ކޮންމެ އަހަރަކު ފަސް މީހަކަށް ދޭނެ އެވެ. އޭގެ ތެރޭގައި ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދޭ އަމިއްލަ ފަރުދުންނާއި ޖަމިއްޔާ، ޖަމާއަތްތައް ވެސް ހިމެނެ އެވެ.

ވިލިއަމް ވިދާޅުވީ، ތިމާވެށީގެ މައްސަލަތަކަކީ މި ވަގުތު ދުނިޔެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ކަންތައް ކަމަށް ވާތީ. މިކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ކުރަން ޖެހިފައި އޮތް އެންމެ މުހިއްމު އެއް މައްސަކަތް ކަމަށެވެ. އެހެންވެ، އިންސާނުން ދިރިއުޅޭ މި ޕްލެނެޓްގެ ހިމާޔަތަށް އުފެއްދުންތެރި، އެކަށީގެންވާ ހައްލުތަކެއް ވަރަށް މުހިއްމު ވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ދި އާތުޝޮޓް ޕްރައިޒް" އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް މިއާ ގުޅުން ހުރި އިތުރު ކަންކަން ރަސްމީކޮށް އިއުލާން ކުރަން ނިންމާފައި ވަނީ އަންނަ މަހު ޗައިނާގައި ބާއްވާ ކޮންވެންޝަން އޮން ބަޔޯޑައިވަސިޓީ އާއި ނޮވެމްބަރު މަހު އިނގިރޭސި ވިލާތުގައި އޮންނަ މި އަހަރުގެ ކޮޕް26 ގަ އެވެ.

"އާތުޝޮޓް ޕްރައިޒް" ގެ ނަމުގައި ހުޅުވާލި އިނާމަށް 50 ދާއިރާއަކުން، ހައްލުތައް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ވައި ތަޢައްޔަރު ވުމުގެ މައްސަލަތައް ހިމެނެ އެވެ.

"އާތުޝޮޓް ޕްރައިޒް" ދޭން ނިންމީ މިކަމާ ބެހޭ ގޮތުން އެކުލަވައިލި ޓީމަކުން ކުރި މަސައްކަތްތަކަށް ފަހު އެވެ. އޭގައި ކަމާ ގުޅުން ހުރި ދާއިރާތަކުގެ 60 ތަޖުރިބާކާރުން ކޮންސަލްޓަންޓުންގެ ގޮތުގައ މަސައްކަތް ކޮށްފައިވެ އެވެ.