04 ޖެނުއަރީ 2020 - 07:16
އުމުރުން 11 އަހަރުގައި ކުދިން އާންމުކޮށް އުޅޭނީ ކުޅެ، ސަކަރާތް ޖެހުމުގަ އެވެ. އެކަމަކު، މި ކުއްޖާގެ ވާހަކަ ތަފާތެވެ. އޭނާ ގިނަ ވަގުތު ހޭދަ ކުރަނީ ޖިމްގަ އެވެ. ބޮޑެތި ބަރުތައް އުފުލައި، ވަރުގަދަކަން ދައްކަނީ އެވެ. ފިޓްނެސް މުބާރާތްތަކުގައި ވާދަކޮށް، ފާހަގަ ކޮށްލެވޭ ވަރުގެ ތަފާތުތަކެއް ދައްކުވައި ވެސް ދެ އެވެ.
މިއީ ރަޝިއާގެ ރަށްފުށުގެ ހިސާބެއްގައި ދިރިއުޅޭ ޓިމޮފީ ކްލެވެކިންގެ ވާހަކަ އެވެ. އޭނާގެ ހުރިހާ ވެސް ލޯތްބެއް އޮތީ ކަސްރަތާއި ފިޓްނެސް އަށެވެ. ގިނަ ވަގުތު ހޭދަކުރަނީ ބައްޕައާ އެކު ޖިމްގަ އެވެ. އުމުރުން އެންމެ ފަސް އަހަރުން ފެށިގެން މި ކުއްޖާ އަންނަނީ ބަރުތައް އުފުލައި، އޭނާގެ ކުޅަދާނަ ދައްކަމުންނެވެ. ބައްޕަ އޭސެނީ ކްލެވެކިން އަކީ ޓްރެއިނަރެއް ކަމުން އޭނާގެ މަސައްކަތްތައް ވަރަށް ގާތުން އަބަދު ވެސް ޓިމޮފީ އަށް ފެނެ އެވެ. އެހެންވެ، ޖިމްގައި އުޅެމުން ބަރުތައް އުފުލަން ފެށީ އެވެ.
މިކަން އޭނާގެ މަންމަ އަށް އެނގިގެން އެކަން ހުއްޓުވަން ވެސް ކުރިން މަސައްކަތް ކުރި އެވެ. އެކަމަކު، ކަސްރަތަށް ޖެހިފައިވާ ލޯތްބާއި ބައްޕަ ދޭ ހިތްވަރާ އެކު ޓިމޮފީ އަށް ހުއްޓުމެއް ނެތެވެ. އުމުރުން 11 އަހަރުގައި މިހާރު އޭނާގެ އަމާޒަކީ 105 ކިލޯގެ ބަރު އުފުލާލައި، އެ އުމުރުގައި ގައުމީ ރެކޯޑެއް ހެދުމެވެ. ކުރިއަށް އޮތް ބަހާރު މޫސުމުގައި އޮންނަ މުބާރާތެއްގައި އެ ކުޅަދާނަކަން ޓިމޮފީ ދައްކައިލާނެ އެވެ.
ބަރުދަނުގައި މިހާރު 38 ކިލޯ ހުރި ޓިމޮފީ އެންމެ ފުރަތަމަ މުބާރާތެއްގައި ވާދަކުރީ އުމުރުން ހަ އަހަރުގަ އެވެ. އެ ފަހަރު އޭނާ ވަނީ 55 ކިލޯ އުފުލާލައި، ފަނޑިޔާރުން ވެސް ހައިރާން ކޮށްލައިފަ އެވެ. މި ދިޔަ އަހަރު ރަޝިއާގެ ޝެލިއަބިންސްކްގައި ބޭއްވި އޭޝިއަން ކަޕްގައި ޓިމޮފީ ވަނީ 100 ކިލޯ ވެސް އުފުލައިފަ އެވެ.
އޭނާ ހޯދަމުން އަންނަ ކުރުއެރުންތަކާ ހެދި ބައްޕަ ހުރީ ވަރަށް އުފަލުންނެވެ. އަދި އެހާ ޅަ އުމުރުގައި ދަރިފުޅު އާދަޔާ ހިލާފު ވަރުގަދަ ކަމެއް ދައްކަމުން އަންނާތީ، އެއީ ދުނިޔޭގެ ފެންވަރުގެ ތަރި އަކަށް ވާނެ ކަމުގެ އުންމީދު ވެސް ބޮޑެވެ.
ފިޓްނެސް އަކީ ޓިމޮފީގެ ދިރިއުޅުމުގައި މިހާރު ވަރަށް މުހިއްމު ބަޔަކަށް ވެފައިވާ އިރު، އޭނާ ކޮންމެ ހަފުތާއަކު ތިން ދުވަހު ތަމްރީނުތައް ހަދަ އެވެ. އަދި އެކި ބާވަތްތަކުގެ ފޮނިކާތަކެއްޗާ ވެސް ދުރުވެ، ބައްޕަގެ އިރުޝާދުގެ ދަށުން ގެންގުޅެނީ ވެސް ދުޅަހެޔޮ ޑައިޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު1
05 January 2020
ތީ ޕްރޮމޯޓް ކުރާ ވަރު ކަމެއް ނޫން.