ސޮނީން އިލެކްޓްރިކް ކާރެއް ދައްކާލައިފި

ޖަޕާނުގެ މަޝްހޫރު ކުންފުނި ސޮނީން ކާރު އުފައްދަން އުޅޭ ކަމުގެ އިޝާރާތްތަކާ އެކު، އެ ކުންފުނިން ފަރުމާކޮށްފައިވާ ފުރަތަމަ އިލެކްޓްރިކް ކާރުގެ ނަމޫނާއެއް މި އަހަރުގެ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި ދައްކާލައިފި އެވެ.


ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ސޮނީގެ ކާރަށް ދީފައިވާ ނަމަކީ "ވިޝަން-އެސް" އެވެ. މި ފަރުމާގެ ހާއްސަ ސިފަތަކުގެ ތެރެއި އެންމެ ބޮޑު އެއް ބަދަލަކީ ކާރުގެ ޑޭޝް ބޯޑަށް ގެނެސްފައި ހުރި ޒަމާނީ ބަދެލެވެ. އެގޮތުން ޑޭޝްބޯޑް ފަރުމާކޮށްފައި ހުރީ ކާރު ދުއްވާ އިރު، ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް ފޯރުކޮށް ދިނުމާ އެކު އެންޓަޓައިންމަންޓަށް ހާއްސަ ފީޗާތަކަކާ އެކީގަ އެވެ. އެގޮތުން ޑޭޝްބޯޑްގައި ޕެނަރޮމިކް ސްކްރީނާއި 360 އޯޑިއާއާ އެކު ކާރުގެ އެތެރެ އާއި ބޭރު ހިމެނޭ ގޮތަށް މުޅި ކާރުގައި 33 ސެންސަ ބޭނުންކޮށްފައިވެ އެވެ.

"ވިޝަން-އެސް" ދައްކައިލި ނަމަވެސް މި ބާވަތުގެ ކާރު އުފައްދައި، ވިޔަފާރީގެ އުސޫލުން ބާޒަރަށް ނެރޭނެކަން ސޮނީން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

މިކަމާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެކްޒެކެޓިވް ކެނިޝީރޯ ޔޮޝީޑާ ވިދާޅުވީ ސޮނީގެ އެންމެ ބޮޑު އެއް އަމާޒަކީ ދަތުރުފަތުރުގެ ދާއިރާ އަށް މުސްތަގުބަލުގައި އުންމީދީ ބަދަލުތަކެއް ގެނައުން ކަމަށެވެ.

"އެހެންވީމަ އެ ދާއިރާގައި އަހަރެމެން ބޭނުންވޭ ހިއްސާވާން،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ލަސް ވެގަސްގެ ކޮންވެންޝަން ސެންޓަރުގައި އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ ސީއީއެސް 2020 ގައި ޓެކްނޮލޮޖީގެ ދާއިރާ އަށް އިންގިލާބު ގެނުވާނެ ވަރަށް ތަފާތު އުފެއްދުންތަކެއް ފެނިގެން ދާނެ އެވެ.