އެމެރިކާގައި ފްލޫ ޖެހުނު ކުއްޖަކު އަނދިރިވެއްޖެ

ވެކްސިން ނުދީ ހުއްޓާ އެމެރިކާގައި ކުޑަ ކުއްޖަކަށް ފްލޫ ޖެހި އެ ކުއްޖާގެ ލޯ އަނދިރިވެއްޖެ އެވެ.


މި ހިތްދަތި ތަޖުރިބާ ހިއްސާކުރަމުން ހަތަރުގެ އަހަރުގެ އަންހެން ކުއްޖާ ޖޭޑް ޑިލޫޝިއާގެ މަންމަ އަމަންޑާ ފިލިޕްސް މިހާރު އަންނަނީ އެންމެން ވެސް ދަރިންނަށް ވެކްސިން ދީ ބަލިތަކުން ރައްކާތެރިކުރުމަށް އެދެމުންނެވެ.

"އެކަން ނުކޮށްގެން ދަރިއަކަށް އަނިޔާދޭކަށް ހެޔޮ ނުވާނެ. އަހަރަމެންނަށް މިކަމުގައި އިހުމާލުކޮށް ލެވުނީމަ މިފަދަ ދެރަގޮތެއް ދިމާވީ،" އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލައި ޔުނިވަސިޓީ އޮފް އައޯވާ ސްޓެޑް ފެމިލީ ޗިލްޑްރެންސް ހޮސްޕިޓަލްގެ އައިސީޔޫގައި ދެ ހަފުތާ ވަންދެން ދަރިފުޅު ބާއްވައިގެން ފަރުވާ ދޭން ޖެހުނު އެމަންޑާ ބުންޏެވެ.

ދަރިފުޅު ހޮސްޕިޓަލްގައި ބާއްވައިގެން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދޭން ޖެހުމާ ގުޅިގެން އަތްމަތި ހުސްވެ މިހާރު އެމަންޑާގެ ދެމަފިރިންނަށދް ޖެހިފައި ވަނީ ހޮސްޕިޓަލްގެ ބިލް ދައްކަން އާންމުންގެ އެހީ އަށް ވެސް އެދޭށެވެ. އެގޮތުން ގޯފަންޑްމީ ޕޭޖްގައި މިހާރު އަންނަނީ ފައިސާ އެއްކުރަން ކެމްޕޭނެއް ހިންގަމުންނެވެ.

ދެ ކުދިން ތިބި އެމަންޑާ ކިޔައިދިން ގޮތުގައި ދަރިފުޅުގެ ސިއްހަތަށް ދޭންވާ ސަމާލުކަން ކުރިން ދެވުނު ނަމަ މި ހާލަތަށް އެ މީހުން ނުވެއްޓުނީހެވެ. އޭނާ ބުނިގޮތުގައި އަބަދު ވެސް ވަރަށް ސަކަރާތްޖަހައި، މަޖާކޮށް އުޅެމުން ދިޔަ ޖޭޑް ކުއްލިއަކަށް ބަލިވާން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ.

"އެއް ދުވަހު ދަރިފުޅު އައިސް ބުނަނީ ވަރަށް ބޮޑަށް ވަރުބަލިވެޔޭ. ގައިގެ ނެތޭ ވަރެއް. އެ ދުވަހު ވެސް އަހަރެން އެކަން މާ ބޮޑު ކަމަކަށް ނަހަދައި ދަރިފުޅުގެ ގައިގައި ބައްދާލައިފައި އެކަން ދޫކޮށްލީ،" އެމަންޑާ ބުންޏެވެ. "އޭގެ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް ގަދައަށް ހުން އަންނަން ފެށީމަ ބޭސް ދިނީމަ ރަނގަޅުވި. އެކަމަކު ދަރިފުޅު ކުރިން އުޅުނު އުފާވެރި މަޖާގޮތް މުޅިން ގެއްލިއްޖެ. އެއް ދުވަހުން އަނެއް ދުވަހަށް ބަލިވާން ފެށީ. އެ ހިސާބުން ދެން ސީރިއަސްކޮށް ދަރިފުޅަށް ފަރުވާ ދިނުމުގެ ކަންތައްތަކާ އުޅެވެން ފެށީ."

ނަމަވެސް އޭރު މާ ލަސްވެއްޖެ ކަމަށް ޖޭޑަށް ފަރުވާދިން ޑޮކްޓަރުން ވިދާޅުވި އެވެ. ޑޮކްޓަރުން ފާހަގަކުރި ގޮތުގައި އޭނާގެ ސިކުނޑި އަށް ފްލޫގެ އަސަރުކޮށް ހާލު ވަރަށް ބޮޑަށް ގޯސްވެފައިވެ އެވެ. އަދި ޑޮކްޓަރުން ވަނީ ޖޭޑަށް ވައިރަލް އިންފެކްޝަންގެ ސަބަބުން އެކިއުޓް ނެކްރޮޓައިޒިން އެންސަފަލޮޕަތީ (އޭއެންއީ) ގެ ޝިކާރައަކަށްވެފައިވާ ވާހަކަ އާއިލާއާ ހިއްސާކޮށްފަ އެވެ. އެއީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

"އޭރު އޮތީ އުންމީދު ވެސް ކަނޑާލާފައި. މި ވަރުގެ ހިތްދަތި ކަމެއް ދުވަހަކު ވެސް ނުލިބޭ. އާ އަހަރަކާ އަހަރެމެން ކުރިމަތިލާން ޖެހުނީ ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި." އެމަންޑާ ބުންޏެވެ. "އެކަމަކު ނަސީބު ދިމާކުރި ގޮތުން ދަރުފުޅުގެ ފުރާނަ ސަލާމަތް ކުރެވުނަސް، ލޮލުފެ ފެނުން ގެއްލުފައިވާކަން އެނގުމަކީ ހިތް ހަމަ ހަލާކުވި ވަގުތުކޮޅެއް."

އޭނާ ބުނީ ދަރިފުޅުގެ ލޮލުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވުނީ ބަލިގަނޑު ރަނގަޅުވަމުން ގޮސް މި މަހުގެ 5 ވަނަ ދުވަހު ކަމަށެވެ.

"ކުޅޭ އެއްޗެއް ދިނީމަ އޭގައި އަތްލާކަށް ނޫޅޭ. ބޯޅައެއް އެއްލީމަ އެއްވެސް ކަހަލަ ރެސްޕޮންޑެއް،" އެމަންޑާ ބުންޏެވެ. "އެހިސާބުން ޑޮކްޓަރު ބަލާފައި ވިދާޅުވީ ފްލޫއާ ގުޅިގެން ސިކުނޑި އަށް ބާރުގެ ސަބަބުން ލޮލުގެ ފެނުން ގެއްލިފައިވާ ކަމަށް. އަދި އަލުން ދަރިފުޅުގެ ލޮލަށް ފެންނާނެ ކަމުގެ އުންމީދެއް ވެސް ނެތް ކަމަށް ވިދާޅުވީ."

ފަރުމާ އަށް ފަހު ޖޭޑް ގެއަށް ދޫކޮށްލީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އެކަމަކު ކުރިން ސިއްހަތު ސަލާމަތުން ހުރި ކުއްޖާ މިހާރުވެފައި ވަނީ ބަލި ކުއްޖަކަށެވެ. ނުކުޅެދޭ ކުއްޖަކަށެވެ.