މުރަނގަފަތުން ސައި ހެދިދާނެ

މުރަނގަފަތަކީ ދިވެހިންނާ ވަރަށް ރައްޓެހި އެއްޗެކެވެ. އެ ފަތުން ސަޓަނި ހެދުމާއި ތެލުލައިގެން ބޭނުންކުރުމާއި މުރަނގަތޮޅިން ކިރުގަރުދިޔަ ފަދަ އެއްޗެހި ކެއްކުމަކީ ވަރަށް އާންމު ކަމެކެވެ.


އެކަމަކު މުރަނގަފަތް ތަފާތު ގޮތަކަށް ބޭނުންކޮށްލެވިދާނެ އެވެ. ތައްޔާރުކުރާނީ ސައެކެވެ. މިއީ މާ އުނދަގޫ ކަމެއް ނޫނެވެ. އަދި ސިއްހީ ގޮތުން ވެސް ވަރަށް ފައިދާ ހުރި ބުއިމަކަށް ވާނެ އެވެ. މުރަނގަފަތު ސައި ތާޒާ ފަތުންނާއި ހިއްކައިގެން ވެސް ހެދިދާނެ އެވެ. އަދި މިހާރު ބާޒާރުން ވެސް މި ބާވަތުގެ ސައިފަތް ފެކެޓް ލިބެން ހުރެ އެވެ.

ދެން އޮތީ މިއިން ލިއްބައިދޭ އެކި ފައިދާތަކުގެ ވާހަކަ އެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި މުރަނގަފަތަކީ ހަށިގަނޑަށް ފައިދާ އެތަކެއް އެންޓިއޮކްސިޑަންޓްތަކާއި އެ ނޫން ވެސް މާއްދާތަކުން މުއްސަނދި އެއްޗެކެވެ.

އެހެންވެ މުރަނގަފަތު ސައި ބޭނުންކުރާ ނަމަ ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައި ދިނުމާއި ކޮލެސްޓްރޯލް ދަށްކޮށްދިނުން ފަދަ އާންމު ސިއްހީ މައްސަލަތައް ކުޑަކޮށްދޭނެ އެވެ. މީގެ ނަތީޖާ އަކީ ހިތުގެ މައްސަލަތަކަށް ވެސް ރައްކާތެރިކަން ލިބުމެވެ.

މުރަނގަފަތަކީ ގިނަ އަދަދަކަށް ވިޓަމިން ސީ ވެސް އެކުލެވޭ އެއްޗަކަށްވާތީ މިއިން ތައްޔާރުކުރާ ސައި އާދަކޮށް ބޯ ނަމަ ހަށިގަނޑުގެ ހަކުރުގެ މިންވަރު ވެސް އެކަށީގެންވާ ލެވެލްގައި ހިފަހައްޓައިދޭނެ އެވެ. އެހެންވެ ވަކިން ހާއްސަކޮށް ހަކުރުބަލީގެ މީހުންނަށް މުރަނގަފަތު ސަޔަކީ ވަރަށް މުހިއްމު ބުއިމަކަށް ވާނެ އެވެ.

އިންފްލަމޭޝަންތަކަށް ވެސް މި ސައި ބޭނުންކުރެވިދާނެ އެވެ. ހަށިގަނޑަށް ކުރިމަތިވާ އެކި ކަހަލަ އާދައިގެ ސިއްހީ މައްސަލަތަކުން ސަލާމަތް ހޯދަން މުރަނގަފަތު ސައި އާންމު އެއްޗަކަށް ހެދުން ބުއްދިވެރި އެވެ.

މުރަނގަފަތު ސައި ތައްޔާރުކުރާނީ ކިހިނެއް؟

މިކަމަށް ބޭނުން ވަނީ ފެނާއި މުރަނގަފަތް (ތާޒާ ނުވަތަ ހިއްކާފައި ހުރި)، މާމުއި އަދި ބޭނުން ނަމަ ލުނބޯ ހުތެވެ. ތައްޔާރުކުރަން ބޭނުންވާ މިންވަރަކަށް ފެން ހޫނުކުރާށެވެ. ބޮކި ޖަހަން ފެށީމާ އޭގެ ތެރެއަށް ފުދޭ ވަރަށް ފަތްކޮޅު އަޅައިލުމަށް ފަހު، ފަސް ވަރަކަށް މިނިޓް ކައްކައިލާށެވެ. ދެން ޖޯޑަކަށް ނުވަތަ އެހެން ވެސް އެއްޗަކަށް ފުރާނާލާނީ އެވެ.

އެއަށް ފަހު ރަހަ ހެޔޮވަރުކޮށްލަން މާމުއި ސަމުސަލެއް އަޅާނީ އެވެ. ބޭނުން ނަމަ އިތުރަށް ރަހަ ރަނގަޅުކޮށްލަން ލުނބޯހުތް ބޭނުންކުރެވިދާނެ އެވެ.