02 އެޕްރީލް 2020 - 08:20
ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ މަގާމު އިނގިރޭސިވިލާތުގެ މީހަކަށް ލިބިއްޖެ އެވެެ.
ގިނިސް ވޯލްޑް ރެކޯޑުން ރަސްމީކޮށް ރެކޯޑްގެ ލިޔުން ވެސް ހަވާލުކޮށްފައިވާ ބޮބް ވެއިޓަނަށް މިހާރު 112 އަހަރެވެ. އޭނާ އުފަންވީ މާޗް 29، 1908 ގައި އިނގިރޭސިވިލާތުގެ ޔޯކްޝަޔާގެ ކިންގްސްޓަން-އަޕޮން ހަލްއަށެވެ. ބޮބަކީ އޭނާގެ މައިންބަފައިންނަށް ލިބުނު ހަތް ކުދިންގެ ތެރެއިން އެކެކެވެ.
ދުނިޔޭގެ ރެކޯޑް ފޮތަށް އެރުމާ ގުޅިގެން ބޮބް ބުނީ އެފަދަ މަގާމަކަށް އެއްވެސް އިރެއްގައި އުންމީދެއްނުކުރާ ކަމަށެވެ. އެކަމަކު އޭނާ އަށް އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑް ލިބުމުގެ ކުރިން އެ ރެކޯޑް އޮތް މީހާގެ މަރުގެ ވާހަކަ އަޑުއިވުމުން ދެރަވި ކަމަށް ބުންޏެވެ.
“I can’t say I am pleased to hear that the previous holder has died - but I am very pleased that I've been able to live so long and make so many friends”. https://t.co/BoN1T7hw2x
— GuinnessWorldRecords (@GWR) March 31, 2020
ބޮބަށް އެންމެ ދުވަސްވީ ފިރިހެން މީހާގެ މަގާމު ލިބުނީ ޖަޕާނަށް ނިސްބަތްވި ޗިޓެޓްސޫ ވަޓަނަބޭ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު މަރުވުމުންނެވެ. އޭނާ މަރުވި އިރު އުމުރަކީ 112 އަހަރާއި 355 ދުވަހެވެ.
ބޮބަކީ ވަރަށް ޒުވާން އުމުރުގައި ޓައިވާނުގައި ވެސް ދިރިއުޅުނު މީހެކެވެ. އޭރު އޭނާ ވަނީ އެތަނުގައި ޓީޗަރެއްގެ ވަޒީފާ އަދާކޮށްފަ އެވެެ. އަދި އަންހެނުން އަގްނޭޒްއާ ވެސް ބައްދަލުވީ އެ ގައުމުންނެވެ. އެއީ 1937 ގަ އެވެ. ޓީޗަރެއްގެ ވަޒީފާ އަދާކުރި އަގްނޭޒް އާއި ބޮބް ކައިވެނިކޮށް، ލިބުނު ތިން ކުދިންގެ ތެރެއިން ފުރަތަމަ ދަރިފުޅު އުފަންވީ ވެސް ޓައިވާނަށެވެ.
ދެވަނަ ބޮޑު ހަނގުރާމަ 1939 ގައި ފެށުމާ އެކު ބޮބްގެ ދެމަފިރިން ފަހުން ބަދަލުވީ ކެނެޑާއަށެވެ. އަދި އެއަށް ފަހު 1945 ގައި ހަނގުރާމަ ނިމުމުން އިނގިރޭސިވިލާތަށް ބަދަލުވި އެވެ. އުފަން ގައުމަށް ބަދަލުވުމަށް ފަހު، ބޮބް ވަނީ ލަންޑަންގެ ސިޓީ ޔުނިވަސިޓީގައި ވެސް ކިޔަވައި ދިނުމުގެ މަސައްކަތްކޮށްފަ އެވެ.
ބޮބް އަންހެނުން 1995 ގައި މަރުވެފައިވާ އިރު، މިހާރު އޭނާގެ 10 ކާފަދަރިންނާއި 25 މުނިކާފަ ދަރިން އެބަތިއްބެވެ.
މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ އަންހެނަކީ މިދިޔަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު 117 އަހަރުވި ޖަޕާނުގެ ކޭން ޓަނާކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy