ކަރަންޓީނާ އެކު އޮސްޓްރިއާ މީހަކަށް އިސްލާމް ދީނުގެ ހިދާޔަތު

މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ މި ބިރުވެރކަމުގެ ތެރޭގައި ގައުމުތަކުގެ މީހުން ތިބެން ޖެހިފައި ވަނީ ބަންދުގަ އެވެ. މިކަމާ ހެދި ދިމާވާ އެކި ކަހަލަ އިޖުތިމާއި އަދި ނަފުސާނީ މައްސަލަތައް ވެސް ދަނީ އިތުރުވަމުންނެވެ.


ނަމަވެސް މި ކަރަންޓީނުގެ ތެރެއިން ރޫހާނީ ގޮތުންނާއި ނަފުސާނީ ގޮތުން މީހާ ވަރުގަދަވުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. މި ހިތްވަރު ތަޖުރިބާކުރި އެކަކީ ކަރަންޓީނުގެ ހާސްކަމުގެ ތެރެއިން އިސްލާމް ދީން ގަބޫލުކުރި އޮސްޓްރިއާގެ މީހެކެވެ.

އޭނާ އިސްލާމް ދީން ގަބޫލުކުރިކަން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އިންސްޓަގްރާމްގަ އެވެ. މި މީހަކީ 2008 ވަނަ އަހަރުން ފެށިގެން ޕްރޮފެޝަނަލް ބޮކްސިންތެޅުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ވިލެމް އޮޓެވެ. އިންސްޓަގްރާމްގައި މީހަކު އޭނާ އަށް ޝަހާދަތްލައިދޭ މަންޒަރު ފެންނަ ވީޑިއޯއަކާއި އެކުގައި މަސައްކަތްކުރާ މުސްލިމް ކުޅުންތެރިއަކު ހަދިޔާއަކަށް ދިން ޚަތިމެއް ހިފައިގެން ހުރި ފޮޓޯއެއް ވެސް އޮޓް ވަނީ އިސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

މީގެ އިތުރުން ﷲ ގެ ކަލިމަފުޅު ފެންނަ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ.

އިސްލާމް ދީން ގަބޫލުކުރުމަށް ފަހު އޭނާ ބުނީ "އިސްލާމް ދީނަކީ އަހަރެންގެ ދީން" ކަމަށާއި "މުސްލިމަކަށްވީތީ ފަހުރުވެރިވާ" ކަމަށެވެ.

"އަހަންނަނަށް މި ދީނަށް ވަނުމުގެ ހިތްވަރާއި ޖޯޝް އައީ ކަރަންޓީނުގައި ހުންނަން ޖެހި ދިރިއުޅުމުގައި ދެން ހަދާނެ ނަހަދާނެއެއް ނޭނގިފައި ހުއްޓައި،" އޮޓް ބުންޏެވެ. "ކުރިން ވެސް އަހަންނަކީ އިސްލާމް ދީނާ ދޭތެރޭ ފިކުރުކޮށް ވިސްނާ މީހެއް. އެ ދީނަކީ އަބަދު ވެސް އަހަރެންގެ ސިކުނޑީގައި އެބުރޭ ކަމެއް."

އޭނާ ބުނީ ހީވެސް ނުކުރާ ކަހަލަ ދަތި ހާލެއްގައި އުޅެން ދިމާވުމުން މީހާ ގިނަ ފަހަރަށް ހަމަ މަގަށް އަޅުވައިދޭ ކަމަށެވެ. އަދި ކޮރޯނާވައިރަހާ އެކު ކުރިމަތިލާން ޖެހުނު ކަރަންޓީނަކީ އޭނާ އަށް ތެދުމަގު ލިބުމުގެ ސަބަބު ކަމަށް ބުންޏެވެ.

"އަހަރެން ދުއާ އަކީ މި ބިރުވެރި ނާމާން އަދި ހިތްދަތި ދުވަސްތައް ނިމުމުކަށް އިސްލާމީ އުންމަތަށް ބާއްޖަވެރިކަން މިންވަރުކުރެއްވުން." އޮޓް ބުންޏެވެ.

އޭނާ ބުނީ އިސްލާމް ދީނުގެ ހިދާޔަތް ލިބުނު ކަމަށްޓަކައި މުޅި އިސްލާމީ މުޖުތަމައަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ. އަދި ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވުމާ އެކު ރޯދަ ހިފައި، ދީނުގެ މަގުގައި ސާބިތުވާން ދެން ކުރަން ޖެހޭ ކަންކަން ދަސްކޮށް އެކަމުގައި ދެމިހުންނާނެ ކަމަށް ބުންޏެވެ.