ލައިފްސްޓައިލް / ކޮވިޑް-19

ކޮވިޑް-19 ޖެހިފައިހުރި ކަމަށް ބުނީ "ދިރާސާއަކަށް"

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަތިންދާބޯޓަކަށް އަރައި، ކޮރޯނާވައިރަހަށް ޕޮޒިޓިވް ކަމަށް ބުނެ ފަސިންޖަރުން ބިރުގެންނެވި މައްސަލައެއްގައި ކެނެޑާ މީހަކަށް ދައުވާކޮށްފައި ވަނިކޮށް، ހަމަ މިފަދަ މައްސަލައެއްގައި އެމެރިކާގެ ޒުވާނެއްގެ މައްޗަށް ވެސް ދައުވާކޮށްފި އެވެ.

އުމުރުން 23 އަހަރުގެ މި ޒުވާނާ ކޮވިޑް-19 ޖެހިފައިވާ ކަމަށާއި އެ ބައްޔަކީ ވައިގެ ޒަރީރާ އިން ވެސް ފެތުރޭ ބައްޔެއް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ބުނެ ފޭސްބުކްގައި ލިޔުނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. ޓެކްސަސްގެ ޓައިލާ ކައުންޓީގައި ދިރިއުޅޭ މައިކަލް ލޭން ބްރޭންޑިން މިހާރު ހުރީ އޭނާގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް ފެށޭނެ އިރެއްގަ އިންތިޒާރުގަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެ ދޮގު ހެދި މައްސަލާގައި، ގިނަ ބައެއްގެ ޝަކުވާތައް ލިބެން ފެށުމުން ފުލުހުން އެންމެ ފުރަތަމަ އޭނާ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށް، ޖަލުގައި ބަންދުކުރީ އެވެ. އެކަމަކު އޭގެ އެއް ދުވަސްފަހުން ވަކީލަކު ހަމަޖެހި ކަފާލާތަށް 1،000 ޑޮލަރު ދައްކައިގެން ޖަލުން މިނިވަންވީ އެވެ.

މިކަމާ ބެހޭ ގޮތުން މައިކަލް ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވި ވާހަކަ ހަދައިގެން ދެއްކި އިރު ވެސް ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ދާނެކަން އެނގޭ ކަމަށެވެ. އަދި ޕޯސްޓްގެ މައްސަލަ ވައިރަލްވެ، އޭގެ މައްސަލަ ސީރިއަސް ހިސާބަކަށް ދިއުމުން އޭނާ ވަނީ ޕޯސްޓް ޑިލީޓްކޮށްލައިފަ އެވެ.

"ޕޯސްޓްކުރި ހިސާބުން ވަރަށް ގިނަ ރައްޓެހިން މެސެޖްކުރަން ފެށި. އެކަމަކު އަހަރެން ބުނިން އެއީ ފޭކް ވާހަކައެކޭ. ދެން ވަރަށް ގިނަ ރައްޓެހިން ރުޅިގަދަވެގެން އަހަންނަށް އެއްޗެހިކިޔައި ވެސް ހެދި." އޭނާ ބުންޏެވެ.

ނަމަވެސް ސޯޝަލް މީޑިއާ ފަދަ މި ޒަމާނުގެ ނުފޫޒު ގަދަ ވަސީލަތެއްގައި ދޮގު ވާހަކައެއް ހިއްސާކުރީ އޭގެ ނުރައްކާތެރިކަމާއި އެފަދަ ކަންކަން ކުރަން ހެޔޮނުވާނެކަން އަންގައި ދިނުމުގެ ގޮތުން ކަމަށް، މާސް ކޮމިއުނިކޭޝަން ދާއިރާ އިން ބެޗްލާ އޮފް ސައިންސް ޑިގްރީއެއް އޮތް މައިކަލް ބުންޏެވެ.

"އަހަރެން އަސްލު ބޭނުންވީ ސޯޝަލް އެކްސްޕެރިމަންޓެއް ހަދަން. ސޯޝަލް މީޑިއާގެ ނުފޫޒާއި އޭގައި ފަތުރާ ވާހަކަތައް މީހުން ކިހާ ވަރަކަށް ބަރޯސާވޭތޯ އާއި އެކިއެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރާ ވާހަކަތައް މީހުން ކިހާ ސީރިއަސްކޮށް ނަގާކަން ދައްކުވައި ދޭން ބޭނުންވީ." މައިކަލް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ބަލިހުރި ކަމަށް ބުނެ ދޮގު ހެދީ އެއްވެސް ހާލެއްގައި ބައެއްގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އުފެއްދުމުގެ ބޭނުމުގައެއް ނޫނެވެ. އަދި ބޭނުންވީ ސޯޝަލް މީޑިއާގެ ބާރުގަދަކަން އޮތް މިންވަރު ދައްކުވައިދީ ދޮގު ޚަބަރު ފަތުރާ ނަމަ ގާނޫނީ ގޮޅިއަކަށް ފެތިދާނެކަން ވެސް ގިނަ ބަޔަކަށް ގަބޫލުުކޮށް ދިނުން ކަމަށް ބުންޏެވެ.

"ކޮށްލާ އެންމެ ޕޯސްޓަކުން ވެސް މީހުން ޕެނިކަށް ހިނގައިދާނެ ވަރު މިކަމުން ފެނިއްޖެ. އަހަރެން ބޭނުންވަނީ މިފަދަ މައްސަލަތަކަށް މީހުން ހޭލުންތެރިވެ، އަހުލުވެރިވާން." މައިކަލް ބުންޏެވެ.

އޭނާ ބުނީ ކުރި ޕޯސްޓް ސަބަބުން ގާނޫނީ ގޮޅިއަކަށް ފެތުމުގެ ބިރާ އެކު، އަދާކުރަމުން ދިޔަ ވަޒީފާ ވެސް ގެއްލިފައިވާ ކަމަށެވެ.

"މާސްޓާޒް ހެދުމުގެ ފުރުސަތު ވެސް މިކަމާ ހެދި ގެއްލި އަހަންނާއި އާއިލާ އަށް މާލީ ގޮތުން ވެސް ވަރަށް ދަތިވެއްޖެ. ސަބަބަކީ ކޮބާ؟ ސޯޝަލް މީޑިއާގައި ފާޅުކޮށްލި ވާހަކައެއްގެ ނުފޫޒު އޮތް މިންވަރު. އޭގެ ނުރައްކާތެރިކަން،" މައިކަލް ބުންޏެވެ. "އެހެންވެ މިފަދަ ކަންކަމަށް މީހުން އެޑިއުކޭޓްކުރުވުން ވަރަށް މުހިއްމު. އަހަރެންގެ މި ކޭސްއާ އެކު ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރަން."

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454