ކެނެޑާ މީހަކު މަޝްހޫރުވާން ކޮރޯނޯވައިރަހާ ބެހޭ ގޮތުން ދޮގު ހެދުމުން ދައުވާކޮށްފި

ކެނެޑާގައި ފުރަން މަތިންދާބޯޓަށް އަރާފައި، ކޮރޮނޯވައިރަސް ޖެހިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައި ފަސިންޖަރުންގެ މެދުގައި ބިރުވެރިކަން އުފެއްދި މީހަކަށް ދައުވާކޮށްފި އެވެ.


މިކަން ހިނގާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި 250 މީހުންނާ އެކު ކެނެޑާގެ ޓޮރޮންޓޯ އިން މޮންޓެގޯ ބޭ އަށް ކުރި ދަތުރު މަތީގަ އެވެ. އެގޮތުން ވެސްޓްޖެޓްގެ ބޯޓަށް ފުރަން އެރި 28 އަހަރުގެ ޖޭމްސް ޕޮޓޯކް ފަސިންޖަރުންގެ ސަމާލުކަން ހޯދަން ބުނީ އޭނާ އައީ ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރުނު ޗައިނާގެ ވޫހާން ސިޓީ އަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ނޫން ކަމަށެވެ.

އެގޮތަށް ޖޭމްސް ބުނީ މާސްކް އަޅައި އަތަށް އަންގި ލައްވައިގެން ބޯޓަށް އެރުމަށް ފަހު، ވީޑިއޯ ވެސް ކުރަމުންނެވެ.

ޖޭމްސްގެ އެ އަމަލާ ގުޅިގެން ފަސިންޖަރުންގެ ސަލާމަތަކަށްޓަކައި ވެސްޓްޖެޓުން ވަނީ ދަތުރަށް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަނބުރާ ޓޮރޮންޓޯ އަށް ޖައްސަައިފަ އެވެ. އަދި މި މައްސަލާގައި އޮންޓޭރިއޯ ޕީލް ޕޮލިހުން ވަނީ ދޮގު ހަދައިގެން ބިރުވެރިކަން އުފެއްދި މައްސަލާގައި ޖޭމްސްގެ މައްޗަށް ދައުވާކޮށްފަ އެވެ. ދައުވާގެ ފުރަތަމަ އަޑުއެހުން އަންނަ މަހުގެ 9 ގައި އޮންޓާޭރިއޯ ކޯޓް އޮފް ޖަސްޓިސްގައި މިހާރު ވަނީ ތާވަލު ވެސް ކޮށްފަ އެވެ.

ހާހަކަށް ވުރެ މަދު ސަބްސްކްރައިބަރުން ތިބި އަމިއްލަ ޔޫޓިއުބް ޗެނެލެއް ވެސް ހިންގާ ޖޭމްސް އާންމުކުރި ވީޑިއޯއެއްގައި ބުނީ ބޭނުންވީ ވައިރަލްކޮށްލާނެ ވީޑިއޯއެއް ހަދަން ކަމަށާއި އެކަން ހާސިލުވެއްޖެ ކަމަށެވެ. އަދި ކޮންމެ ކަހަލަ ޕަބްލިސިޓީ އަކީ ވެސް އޭނާ އަށް ވަރަށް މުހިއްމު އެއްޗެއް ކަމަށް ބުންޏެވެ.

ނަމަވެސް ބޯޓު ތެރޭގައި އަމަލުކުރެވުނު ގޮތާ ދޭތެރޭ މާފަށް އެދޭ ކަމަށް ބުންޏެވެ.