ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އެންޖެލީނާ ޖޮލީ 200،000 ޑޮލަރު

އެމެރިކާގައި ބޮޑުވަމުންދާ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން، ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ 200،000 ޑޮލަރު ހަދިޔާކޮށްފިި އެވެ.


އޭނާ އާއި ހަ ކުދިންގެ ނަމުގައި ފައިސާ ހަދިޔާކުރީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރާ ނެޝަނަލް އެސޯސިއޭޝަން ފޮ ދި އެޑްވާންސްމަންޓް އޮފް ކަލަޑް ޕީޕަލް (އެންއޭއޭސީޕީ) އަށެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު އެމެރިކާގެ މިނިއާޕޮލިސްގައި ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކެއްގައި މަރުވި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލާގައި އެމެރިކާގެ މަސްރަޖު ހޫނުވެފައިވާ މި ދަނޑިވަޅުގައި ލީގަލް ޑިފެންސް ފަންޑްގެ ނަމުގައި ފަންޑެއް ހުޅުވައި، އެންއޭއޭސީޕީން އަންނަނީ އިންސާފު ހޯދައިދޭން މަސައްކަތްކުރަމުންނެވެ.

ޖޮލީ ބުނީ އޭނާ އަބަދު ވެސް ހުންނާނީ އެ ފަންޑާ އެކީގައި ކަމަށާއި ހައްގުތައް ކަށަވަރުވުމަކީ ވަކި ކުލައެއް، ވަކި ނަސްލެއްގެ މީހަކަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ.

"އަހަރެން ވަރަށް އުންމީދުކުރަން އަހަރެމެން އެމެރިކާ ރައްޔިތުން އެކަތިގަނޑަކަށް ވެގެން އެންމެންގެ ހައްގުތައް ކަށަވަރުވާ އަދި ހިމާޔަތާއި ރައްކާތެރިކަން ލިބޭކަން ޔަގީންވާ ގައުމަކަށް މިތަން ވާން،" ކޮވިޑް-19 ގެ ތެރޭގައި ކުޑަކުދިންނަށް އެހީވާން މާޗް މަހު މިލިއަން ޑޮލަރު ހަދިޔާކުރި ބަތަލާ ބުންޏެވެ.

ޖޮލީ ބުނިގޮތުގައި ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް އެމެރިކާގައި ހިންގާ ޖަރީމާތައް ބަލަން ތިބުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި އެފަދަ މުޑުދާރު އަދި އިންސާނިިއްޔާ ހިލާފު އަމަލުތަކާ ދެކޮޅަށް އަބަދު ވެސް އަޑުއުފުލަން ޖެހޭނެ އެވެ.

View this post on Instagram

@naacp_ldf

A post shared by Ryan Reynolds (@vancityreynolds) on

ފްލޮއިޑް މަރާ ގުޅިގެން އެމެރިކާގެ އެކި ސިޓީތަކުގައި ކުރާ މުޒާހަރާތައް އިތުރުވެ، ގިނަ ބަޔަކު ހައްޔަރު ވެސް ކޮށްފައިވާ އިރު، އެ މީހުން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އެމެރިކާގެ މޮޑެލް ކްރިސީ ޓީޖެން ވެސް މިދިޔަ ހަފުތާގައި ވަނީ 200،000 ޑޮލަރު ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަޔަން ރެނޮލްޑްސް އާއި ބްލޭކް ލައިވްލީ ވެސް ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް 200،000 ޑޮލަރު ހަދިޔާކޮށްފައިވެ އެވެ. އެ ދެމަފިރިން ފައިސާ ހަދިޔާކުރީ އެންއޭއޭސީޕީއަށެވެ.