ލޮކްޑައުންގައި އަންހެނުންނަށް ނަފްސާނީ މައްސަލަތައް އިތުރު

ކޮވިޑް-19 ފެތުރޭތީ އިއުލާނުކުރި ލޮކްޑައުންއާ ހެދި ކޮންމެ ތިން އަންހެނަކުން އެކަކީ ނަފްސާނީ މައްސަލައެެއްގެ ތެރޭގައި އުޅެން ޖެހިފައިވާ މީހެއް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.


އިނގިރޭސިވިލާތުގެ އެސިކްސް ޔުނިވަސިޓީގެ އިކޮނޮމިސްޓުންގެ ޓީމަކުން ކުރި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ލޮކްޑައުންގެ ތެރޭގައި ފިރިހެނުންނަށް ވުރެ އެތައް ގުނައަކަށް އަންހެނުންނަށް މެންޓަލް ހެލްތުގެ މައްސަލަތަކާ ކުތިމަތިލާން ޖެހިފައިވެ އެވެ. އަދި ނަފްސާނީ ކޮންމެވެސް މައްސަލައެއް ދިމާވެގެން ލޮކްޑައުންގެ ތެރޭގައި ރިޕޯޓްކުރި ނިސްބަތް 7 ޕަސެންޓުން 18 ޕަސެންޓަށް މައްޗަށް އަރާފައިވާ ކަމަށް ބުންޏެވެ.

އެގޮތުން އަންހެނުންނަށް ދިމާވި މައްސަލަތައް 11 އިން 27 ޕަސެންޓަށް އިތުރުވެފައިވާ އިރު، 34 ޕަސެންޓް އަންހެނުންނަށް އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ އެކަނިވެރިކަމެވެ. ފިރިހެނުންގެ މި ނިސްބަތް ލޮކްޑައުންގެ ތެރޭގައި އުޅެނީ 23 ޕަސެންޓުގަ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އެކަނިވެރިކަމާއި ހާސްކަމާއި ފިކުރުތައް އަންހެނުންނަށް ކުރިމަތިލާން ޖެހިފައި ވަނީ ގޭތެރޭގައި ތާށިވެ، ދަރިންބެލުމާއި ގޭތެރޭގެ އެހެނިހެން ހުރިހާ ކަމެއްގައި ވެސް މާ ބުރަކޮށް އުޅެން ޖެހުމުންނެވެ.

ދާދި ފަހުން އިނގިރޭސިވިލާތުގައި ނެގި ޕޯލަކުން ވެސް ދެއްކި ގޮތުގައި ލޮކްޑައުންގެ ތެރޭގައި ގޭގެ މަސައްކަތުގައި އެންމެ ބުރަކޮށް އުޅެނީ އަންހެނުންނެވެ. އަދި ގޭތެރޭގެ މަސައްކަތްތަކާއި ކުދިން ބެލުން ފަދަ ކަންކަމުގައި ފިރިހެނުންގެ ބައިވެރިވުން ލިބޭ މިންވަރު ކުޑަ އެވެ.